ތުރުކީވިލާތުގައި ކުރިއަށްދާ އދ. ގެ 31 ވަނަ މޫސުމީ ސަމިޓް (ކޮޕް31) ގައި ދުނިޔޭގެ މޫސުމާ ބެހޭ އާ އެއްބަސްވުމަކަށް ގައުމުތަކަށް އެއްބަސްނުވެވުމުގެ ސަބަބުން، މަޝްވަރާތައް މެދުކަނޑާލައިފި އެވެ.
މި މަޝްވަރާތައް މެދުކަނޑާލާފައި މިވަނީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ އެއް ދުވަސް އިތުރަށް ހޭދަވެފައި ވަނިކޮށެވެ.
އެންމެ ފަހުން އެކުލަވާލި އެއްބަސްވުމުގެ ދެލިކޮޕީގައި، ދުނިޔޭގައި ފޮސިލް ފިއުލް ނުވަތަ ކާބަން އެކުލެވޭ ހަކަތައަށް އޮތް ބޭނުން ކުޑަކުރުމާ ގުޅޭ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާތީ، އީޔޫ އާއި ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތަކުން ދަނީ އެކަމާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ނުވަތަ އެޑަޕްޓޭޝަނަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް އެފްރިކާގެ ގައުމުތަކުން ކުރާ މަސައްކަތަކީ ވެސް މި އެއްބަސްވުމަށް އޮތް ބޮޑު ހުރަހެކެވެ. ނަމަވެސް، އީޔޫ އިން މީގެ ކުރިން ބުނެފައިވަނީ އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.
އާދީއްތަ ދުވަހުގެ ހެނދުނު ފުރަން ހަމަޖެހިފައިވާ ވަފުދުތަކުން މިހާރު ވަނީ އެ މީހުންގެ ފްލައިޓްތައް ހޯމަ ދުވަހަށް ބަދަލުކޮށްފަ އެވެ. މިއީ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ނިޝާނެއް އަދިވެސް ފެންނަން ނެތް ކަމުގެ ހެއްކެކެވެ.
އދ. ގެ މޫސުމީ މަޝްވަރާތަކުގެ އުސޫލު އޮންނަ ގޮތުން ހުރިހާ ގައުމެއްގެ އިއްތިފާގު ބޭނުންވާތީ، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މަޝްވަރާތައް މެދުކަނޑާލަން ޖެހިދާނެ އެވެ.
އެހެންވެއްޖެ ނަމަ، އެއްވެސް އެއްބަސްވުމަކާ ނުލައި ސަމިޓް ނިންމާލުމަށް ފަހު، އަންނަ އަހަރު އަލުން ބައްދަލުވުން ބާއްވަން ޖެހޭނެ އެވެ. މިއީ 1995 ވަނަ އަހަރު ކޮޕް ސަމިޓްތައް ބާއްވަން ފެށި ފަހުން މިފަދަ ކަމެއް ދިމާވާނެ ދެވަނަ ފަހަރެވެ.
މަޝްވަރާތައް ދިގުލައިގެން ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ އަނެއް ނުރައްކަލަކީ، ބައެއް ގައުމުތަކުގެ ވަފުދުތައް އެނބުރި ގައުމަށް ދާން ޖެހުމެވެ. އެހެންވެއްޖެ ނަމަ، ބައިނަލްއަގުވާމީ އެއްބަސްވުމެއް ފާސްކުރުމަށް ބޭނުންވާ ގައުމުތަކުގެ އަދަދު ހަމަނުވެދާނެ އެވެ.
"ފޮސިލް ފިއުލްގެ ވާހަކަ ނުހިމެނޭ ކޮޕް އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެ. އަދި އެފަދަ ކަމަކަށް އަހަރެމެން އެއްބަސްވެސް ނުވާނަން،" ޕެނަމާގެ އެންވަޔަރަންމަންޓް މިނިސްޓަރު ހުއާން ކާލޯސް ނަވާރޯ ވިދާޅުވި އެވެ.
ފްރާންސްގެ މިނިސްޓަރު އޮފް އިކޮލޮޖިކަލް ޓްރާންސިޝަން މޮނީކް ބާބުޓް ވެސް ވަނީ މި ވާހަކައަށް ތާއީދު ކުރައްވާފަ އެވެ.







