އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ މީހުން ރެކްރޫޓްކޮށް، ޗައިނާގެ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނުކަމަށް އިއުތިރާފުވި ޗައިނާގެ ދެ މީހަކު އެމެރިކާގައި ޖަލަށް ލައިފިއެވެ.
އުމުރުން 40 އަހަރުގެ ލައިރެން "ރަޔަން" ލައި އާއި 39 އަހަރުގެ ޔުއާންސޭ ޗެން، 30 މަސްދުވަހަށް ޖަލަށްލުމަށާއި، ޖަލުން މިނިވަންވުމަށްފަހު ތިން އަހަރު ދުވަހުގެ މުއްދަތަށް ކޯޓުގެ ބެލުމުގެ ދަށުން ފާރަވެރިވުމަށް ހުކުމްކޮށްފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހޯދުމަށްޓަކައި، "ޑެޑް ޑްރޮޕް" ނުވަތަ ފައިސާ ދީގެން މުއާމަލާތްކުރާ އުސޫލުން މި ދެ މީހުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ފޯ ނޭޝަނަލް ސެކިއުރިޓީ ޖޯން އޭ އައިޒަންބާގް ވިދާޅުވި ގޮތުގައި، މި ދެ މީހުން ވަނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރުމަށާއި، ޗައިނާގެ އިންޓެލިޖެންސް އޮޕަރޭޝަންތަކަށް އެހީތެރިވުމަށްޓަކައި އެމެރިކާގެ ތެރޭގައި ދިގު މުއްދަތަކަށް، ފުޅާދާއިރާއެއްގައި ރޭވުންތަކެއް ހިންގާފަ އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ލައި އާއި ޗެން ޗައިނާގެ ބޭރުގެ ޖާސޫސީ އިދާރާ ކަމަށްވާ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ޓޫރިސްޓް ވިސާއެއްގައި އެމެރިކާއަށް އައި ލައި، އެމެރިކާގެ ދާއިމީ ރެސިޑެންޓެއް ކަމަށްވާ ޗެން މި ރޭވުމުގެ ތެރެއަށް ވެއްދި އެވެ. އަދި ޗެންއަށް އޭނާގެ ހޭންޑްލާ ނުވަތަ އިރުޝާދުދޭ މީހާގެ ފަރާތުން ސީދާ އަމުރުތައް ލިބެން ފެށުމާ ހަމައަށް، ލައި މަސައްކަތް ކުރީ ޗެން އާއި ޗައިނާގެ އިންޓެލިޖެންސް އޮފިސަރުންނާ ދެމެދު މުއާމަލާތްކުރާ މެދުވެރިއެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން ޗެން އާއި ލައި ވަނީ އެހެނިހެން ގޮތްގޮތުން ވެސް ޖާސޫސީ މަސައްކަތްތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑުގެ ސިފައިންގެ މަރުކަޒުތަކާއި، އަސްކަރިއްޔާއަށް އަލަށް ގުޅޭ މީހުންނާއި، ހިދުމަތުގައި ތިބި ސިފައިންގެ ފޮޓޯ ނެގުން ހިމެނެ އެވެ. އަދި ޗެން ވަނީ އެމެރިކާގެ ނޭވީ މުވައްޒަފެއްގެ އަމިއްލަ މައުލޫމާތު އެއްކޮށް، ޖާސޫސީ ބޭނުމަށް އަމާޒުކުރެވިދާނެ އަސްކަރީ މުވައްޒަފުންގެ ވަނަވަރުތައް ތަފްސީލީ ގޮތެއްގައި ބަލަހައްޓާފަ އެވެ.
ކޯޓުގައި މި ދެ މީހުން ވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. މި ދެ މީހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ 2025 ވަނ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޗައިނާއިން އެމެރިކާއަށް ޖާސޫސްކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް "އަހަރެމެން ވެސް އެމީހުންނަށް ޖާސޫސްކުރަން" ކަމަށެވެ.







