އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދަ ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ، އެއީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ކަނޑައަޅައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ޓްރަމްޕް މި ދައުވާ އެ ނޫހުގެ މައި ކުންފުނި ކަމަށްވާ ޑޯ ޖޯންސް އާއި އޭގެ ވެރިޔާ ރޫޕަޓް މާޑޮކްއާ ދެކޮޅަށް ހުށަހެޅުއްވީ މިދިޔަ އަހަރު އެވެ. އެއީ ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ޖެފްރީ އެޕްސްޓީންގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތައް އުފުލުމުގެ ކުރިން، 2003 ވަނަ އަހަރު އޭނާގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ތައްޔާރުކުރި ފޮތެއްގައި ޓްރަމްޕް ލިޔުއްވި ކަމަށް ބުނާ ސިޓީއަކާ ގުޅޭ ރިޕޯޓެއް އެ ނޫހުން ޝާއިއުކުރުމާ ގުޅިގެންނެވެ.
އަންހެނެއްގެ ހަށިގަނޑުގެ ކުރެހުމަކާއި ނޭދެވޭ މާނަ ދޭހަވާ ފަދަ ބަސްތަކެއް ހިމެނޭ އެ ސިޓީއަކީ އޭނާ ލިޔުއްވި ނުވަތަ ސޮއިކުރެއްވި އެއްޗެއް ނޫން ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
ފަނޑިޔާރު ޑެރިން ގޭލްސް މި މައްސަލަ ބޭރުކޮށްލެއްވީ، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭ އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހާ މި ދައުވާ ފުށުއަރާ ކަމަށް ނިންމެވުމަށް ފަހު އެވެ.
މީގެ ކުރިން ވެސް 20 ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ޓްރަމްޕް ހުށަހެޅުއްވި އަބުރުގެ ދައުވާ ގޭލްސް ވަނީ ބޭރުކޮށްލައްވާފަ އެވެ. އޭގެ ފަހުން ޓްރަމްޕްގެ ގާނޫނީ ޓީމުން 10 ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް އަލުން މައްސަލަ ހުށަހެޅުމުން، މި ފަހަރު ފަނޑިޔާރު މައްސަލަ ބޭރުކޮށްލެއްވީ "ވިތް ޕްރެޖުޑިސް" ނުވަތަ ދެން ދުވަހަކުވެސް އެ މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.
އެޕްސްޓީންގެ 50 ވަނަ އުފަންދުވަހުގެ ފޮތާއި ޓްރަމްޕްގެ ނަން އޮތް ސިޓީއާ ގުޅޭ ގޮތުން އެ ނޫހުން ރިޕޯޓުކުރީ، އެޕްސްޓީންގެ ލިޔެކިޔުންތައް ގެންގުޅުނު ގޮތާ މެދު ޓްރަމްޕްގެ ސަރުކާރަށް އެމެރިކާގެ ދެ ޕާޓީގެ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ނޫހުން އެ ލިޔުން ޝާއިއުކޮށްފައިވަނީ އޭނާގެ އަބުރު ކަތިލުމަށެވެ.
ނަމަވެސް، 20 ސަފުހާގެ މައްޗަށް އެކުލެވޭ ނިންމުމުގައި ފަނޑިޔާރު ގޭލްސް ފާހަގަކުރެއްވި ގޮތުގައި، އެ ނޫހުން އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ވަރަށް ފުންކޮށް އަދި ތަފްސީލީ ގޮތެއްގައި ތަހުގީގު ކުރުމަށް ފަހު އެވެ.







