މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ފުލުހުން ބުންޏެވެ.
މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް، އެއީ ކޮންކަހަލަ ޓެކްނިކަލް މައްސަލައެއް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
މީގެކުރިންވެސް މާލެ އާއި ހުޅުމާލެއިން އެކި ފަހަރުމަތިން ކަރަންޓު ކެނޑިފައިވެ އެވެ. އެގޮތުން އެއާޕޯޓުވެސް ހިމެނޭ ގޮތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވާއިރު، އެ ތަހުގީގާ ގުޅިގެން ފަހުން ފުލުހުން އެއްޗެއް ނުބުނެ އެވެ.








