ޖިންސީ ގޯނާގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.
އަދަދު އެނގިފައިވާ ގޮތުގައި ޝާހިދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ބުނެ އެވެ.
ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސައިގައި ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބުނެ، 30 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޝާހިދުގެ ފަރާތުން އިންކާރުކޮށްފައިވާ ކަމަށް އަދަދު އަށް އެނގިފައިވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ 18 އަހަރު ނުފުރޭ ކުއްޖާގެ ބަޔާނެއް ފުލުހުން މިހައިތަނަށް ނަގައިފައެއް ނުވެ އެވެ. ނަމަވެސް، މިއަދުގެ ވަގުތެއްގައި އެ ކުއްޖާގެ ބަޔާން ނަގާނެ ކަމަށް ކޯޓުގައި ފުލުހުން ބުނި ކަމަށް މި ނޫހަށް އެކި މަސްދަރުތަކުން އެނގިފައިވެ އެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ރޭ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލެ އޯޝަންފްރަންޓު ރެޒިޑެންސްގެ އެޕާޓުމެންޓު ބަލައި ފާސްކުރުމަށް ފަހު އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ދޮގުކުރެއްވި އެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ," ހައްޔަރުކުރުމުގެ ކުރިން ޝާހިދު ކުރި ޓްވީޓެއްގައި ވިދާޅުވި އެވެ.








