ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އާބާދީ އޮޅުވައިލި ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރައި ގެންދަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
ސައުދުގެ މައްޗަށް ކޮށްފައިވާ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ ސައުދުގެ މައްޗަށް ކުރާ އެ ދައުވާތައް ބިނާކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންކަން ހާމަވާ ކަމަށެވެ. ނަމަވެސް، އެ ފަދަ ކަމަކަށް ސައުދު އަލީ ފަރުދީގޮތުން ޒިންމާވާން ޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އަދި، ގާނޫނީ އާންމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
"މި ކަން މި ކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ، އެ މީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގުގެ ދަށުން ތިނަދޫގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށް ވީތީ، މި ކަމަކީ ގާނޫނުއަސާސީ އާއި ޑިމޮކްރެސީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނީ ސައުދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކާއެކު، އޭނާއާ ދެކޮޅަށް ދައުލަތުން އެކަށީގެންވާ ހެކި ވެސް ހުށަހަޅައިފައި ނުވާ ކަމަށެވެ. އަދި އެއީ، ސައުދު ޖިނާއީ ކުށެއްގެ އަމަލެއް ކޮށްފައި ނުވާތީ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ސައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ފުލުހުން އަމަލުކޮށްފައި ވަނީ އެހެން މައްސަލަތަކުގައި އަމަލުކުރާ މިންވަރަށްވުރެ އަވަހަށް ކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމާއެކު، ޝަރީއަތްތައް ކުރިއަށް ގެންދާގޮތުން، އަމާޒު ހިފައިފައި ހުރީ އެ މައްސަލައިގައި އަވަހަށް ހުކުމް ކުރުމަށް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން، ސައުދުގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ ތިނަދޫ ސިޓީގެ މޭޔަރުކަމަށް އޭނާ އިންތިހާބުވިޔަސް، މަގާމު ގެއްލުވައިލާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ ވިދާޅުވިތާ މާގިނަ ދުވަސް ނުވަނީސްކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މިހެންކަމުން، އިންސާފުން އެއްކިބާވެފައިވާ މި ސިޔާސީ ދައުވާތައް އަނބުރައި ގެންދިޔުމަށް މި ޕާޓީން ގޮވައިލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ސައުދުގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022، ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށާވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، އޯގަސްޓު 13، 2023 ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.








