ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ މަދުން ފައިސާ ބަޖެޓުކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށްކަން މިނިސްޓްރީ އޮފް ފައިނޭންސްއިން އާންމުކުރި ރަސްމީ ހިސާބުތަކުން ހާމަވެއްޖެ އެވެ.
ދައުލަތުގެ ވުޒާރާތަކާއި އެކި ދާއިރާތަކަށް ބަޖެޓު ބެހިގެންދާ ގޮތް ދައްކައިދޭ މި ތަފާސްހިސާބުތައް ފައިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
މި ހިސާބުތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ބަޖެޓު އެކުލަވާލާފައިވަނީ ދީނީ އަދި އިޖުތިމާއީ ބައެއް ދާއިރާތަކަށްވުރެ ބޮޑަށް، ދައުލަތުގެ ދަރަނި ދެއްކުމަށާއި އިގްތިސާދީ ހަރަދުތަކަށް އިސްކަންދީގެންނެވެ.
މިގޮތުން، ހިސާބުތަކަށް ބަލާއިރު، ލިސްޓުގެ އެންމެ ދަށުގައިވާ އިސްލާމިކް މިނިސްޓްރީގެ ބަޖެޓަށް ކަނޑައަޅާފައިވަނީ އެންމެ 578.0 މިލިއަން ރުފިޔާ އެވެ.
މިއާ ހިލާފަށް ތައުލީމީ ދާއިރާއަށް 6279 މިލިއަން ރުފިޔާ އަދި ގެދޮރުވެރިކަމާ ބެހޭ ދާއިރާއަށް 5067 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ރާވާފަ އެވެ. މި ހުރިހާ ދާއިރާތަކާ އަޅާބަލާއިރު އިސްލާމިކް މިނިސްޓްރީގެ ބަޖެޓަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.
އެހެންނަމަވެސް، ފާއިތުވި 2025 އަދި މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު އަންނަ އަހަރު އިސްލާމިކް ދާއިރާއަށް ކުރާ ހޭދަ ވަނީ އިތުރުވެފަ އެވެ. އެގޮތުން 2025 ވަނަ އަހަރު އެ މިނިސްޓްރީއަށް 439 މިލިއަން ރުފިޔާ ކަނޑައެޅިއިރު، މި އަހަރު އެ އަދަދު 421 މިލިއަނަށް އަރާފައިވެ އެވެ.
ދައުލަތުގެ ބަޖެޓުގެ ޖުމުލަ އަދަދު މި އަހަރަށް ވުރެ ކުޑަވި ނަމަވެސް، ހަރަދުތަކާއި ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށް އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަކީ މި އަހަރުގެ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ނަމަވެސް، އަންނަ އަހަރު ސަރުކާރުގެ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އިތުރުވާ ހަރަދުގެ ބޮޑު ބައެއް ދަނީ ތަރައްގީގެ މަޝްރޫއުތަކަށްކަމަށް ސަރުކާރުން ބުނެ އެވެ.








