އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން މާދަމާ ބާއްވާ ހާއްސަ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މާދަމާ އޮންނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބަޖެޓު ބަޔާން އިއްވަވާނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ. މިއީ އޭނާގެ މިނިސްޓަރު ކަމުގައި ހުށަހަޅާ ފުރަތަމަ ބަޖެޓެވެ.
މި ޖަލްސާ އޮންނާނެކަން މިއަދުގެ މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން އިއުލާނު ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ޖަލްސާ ފަށާނީ މާދަމާ މެންދުރުފަހު 1:30 ގަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ އަދަދު ފިނޭންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މިގޮތުން މާދަމާ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައި މިވަނީ ގާނޫނީ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

މި ހިނގާ 2026 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދިނީ ރާއްޖޭގެ ތާރީހުގައި ވެސް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. އެއީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.










