ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ 500 ހެކްޓަރު ދީ، އެތަނުގައި ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނުތައް ހަދާތީވެ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ އެ ކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ އާއި، ޗެނަލް13، އަސްލު ޓީވީ އަދި އަދަދު ނޫސް ގުޅިގެން ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި މައުރޫފް ވިދާޅުވީ، ގައުމުގެ މުހިންމު ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރުން ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސަރުކާރުގެ އަތުގައި ގިނަ މީޑިއާތަކެއްގެ ކޮންޓްރޯލް އޮތްއިރު، ރަސްމާލެ މަޝްރޫއުގައި ރައްޔިތުންނަށް ފައިދާއެއް އޮތް ނަމަ އެކަން ބުނެދިނުމުގެ ފުރުސަތު ސަރުކާރަށް އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ފެންނަ ނުފެންނަ ވޯޓަކަށް ނުދާންވީ ކީއްވެތޯ؟ ގިނަ މީޑިއާތަކެއް ވެސް ސަރުކާރު އަތުގައި އެބަ އޮތް. މި މަޝްރޫއުގައި ހުރި ފައިދާތައް ބުނެދޭންވީ ނޫންތޯ؟" މައުރޫފް ވިދާޅުވިއެވެ.
މާޒީގައި ހިނގާފައިވާ ކަންކަމަށް އިޝާރާތް ކުރައްވަމުން މައުރޫފް ވަނީ މިފަދަ ބޮޑު ނިންމުމެއްގައި ރައްޔިތުންގެ ވޯޓަކަށް ނުދާންވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
"ނިކަގަސް ކަނޑަން ވޯޓު ނެގި މީހަކު، މިވަރުގެ ކަމެއްގައި ވޯޓަކަށް ނުދާންވީ ކީއްވެތޯ؟" އޭނާ ވިދާޅުވިއެވެ.
މައުރޫފް މި ފާހަގަ ކުރެއްވީ ރައްޔިތުންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި އެރަށުގައި ހުރި ބައެއް ނިކަގަސް ކަނޑަންޖެހޭ ކަމަށް ރައްޔިތުތަކުން އެ ޖަލްސާގައި ހިޔާލުފާޅުކުރުމުނެ ވަގުތުން ނެގި ވޯޓަށެވެ.
ރަސްމާލެ ވިއްކާލާ ދެކޮޅަށް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް މިރޭ އާޓިފިޝަލްގައި ބާއްވާ އެއްވުމަކީ ސިޔާސީ ހަރަކާތްތެއް ނޫން ކަމަށާއި އެއީ ގައުމީ ހަރަކާތެއް ކަށާއި ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ، މުޒާހަރާތަކާއި އެއްވުންތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް މައުރޫފް ދެއްވި އެވެ.
"މިރޭގެ ރެލީއަށް ފަހު ރައްޔިތުންގެ އަޑު ނާހައިފި ނަމަ، މިއަށް ވުރެ ބޮޑު ރެލީއެއް ބާއްވާނަން،"އޭނާ ވިދާޅުވި އެވެ.
ރަސްމާލެ ފަދަ މަޝްރޫއުތަކުގެ ތެރެއިން ބޭރުގެ ބިލިއަނަރުންނާއި ވިޔަފާރިވެރިން އާއިލާތަކާއެކު ދިގު މުއްދަތަކަށް ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ ނުރައްކާ ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ އެފަދަ ފަރާތްތައް ދިހަ އަހަރު ވަންދެން ރާއްޖޭގައި ވަޒަންވެރިވެއްޖެ ނަމަ، އެ މީހުންގެ ދަރިންނަށް ކިޔަވައިދިނުމާއި އެ މީހުން އަޅުކަންކުރާނެ ތަންތަން ހަދަންޖެހޭނެ ކަމަށެވެ.
ހަމައެއާއެކު، ކުޑަ އުޖޫރައަކަށް އަމިއްލަ ދާއިރާތަކަށް އަރާލަން ނުކެރިފައި ތިބި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން، ބޭރުގެ މަހުޖަނުންގެ ފައިސާގެ ނުފޫޒުން ކޮންޓްރޯލްކޮށް، މުޅި ގައުމު އެ މީހުން ބޭނުން ގޮތަކަށް ބަދަލުކޮށްލާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
ރަސްމާލެ ވިއްކާލާތީ އާންމު ރައްޔިތުންގެ އޮތް ނުރުހުން ފާޅުކުރުމަށާއި، ހިޔާލު ހޯދުމުގެ ވޯޓަކަށް ނުގޮސް ރަސްމާލެ ވިއްކާލުމާ ދެކޮޅަށާއި ގައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމާ ދެކޮޅަށް އަޑުއުފުލަމަށް ބާއްވާ ސުލުހަވެރި އެއްވުން މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ.
މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފައިވެ އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.







