ރަސްމާލެ ވިއްކާލުމަށް ރައީސް މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އަދާލަތު ޕާޓީން އެއްބަސްވުމުން އެކަން ކުށްވެރިކުރައްވައި، އާންމު މެންބަރުން ވީ އެންމެ އަވަހަކަށް ޕާޓީން ވަކިވުމަށް އެ ޕާޓީގެ އެއް ބާނީ އަދި ޕާޓީގެ ފުރަތަމަ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދު ގޮވާލައްވައިފި އެވެ.
ބައެއް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ހުސައިން ރަޝީދު ވިދާޅުވީ، ދިވެހި ގައުމު ޣައިރު މުސްލިމުންނަށް ވިއްކާލުމަށް ރައީސް މުއިއްޒު ހިންގަވާ ނޭއްގާނި އަމަލާ އަދާލަތު ޕާޓީން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ޕާޓީ އުފެއްދި ބާނީއެއްގެ ހައިސިއްޔަތުންނާއި ޕާޓީގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން، އަދާލަތުގެ މިހާރުގެ ވެރިން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ގައުމު ޣައިރު މުސްލިމުންނަށް އާދެ، ރަސްމާލެ، ވިއްކާލަން އަދާލަތުން ރައީސް މުއިއްޒުގެ ނޭއްގާނި އަމަލާ އެއްބަސްވީތީ އަދާލަތު ޕާޓީ އުފެއްދި އެޕާޓީގެ ބާނީގެ ގޮތުންނާއި ޕާޓީގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާލަތުގެ މިހާރުގެ ވެރިން ކުށްވެރި ކުރަމެވެ،" ޙުސައިން ރަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަދާލަތު ޕާޓީގެ އާންމު މެންބަރުންނަށް އިޝާރާތް ކުރައްވައި، ދީނާއި ގައުމު ދެކެ ލޯބިވާ ކަމުގައި ވަނީނަމަ ޕާޓީގެ ވެރިންގެ "ހިޔާނާތާއި ނިކަމެތިކަމުގައި" ބައިވެރިނުވެ އަވަހަށް ޕާޓީ ދޫކޮށްލުމަށް އެދިވަޑައިގަންނަވާ ކަމަށް ހުސައިން ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އޭޕީގެ މެންބަރުންގެ އަރިހުން އެދެނީ މިބޭފުޅުން އެކިޔާ ދީނާއި ޤައުމު ދެކެ ލޯބިވާ ކަމުގައި ވަނީނަމަ އެނިކަމެތި ކަމާއި ޚިޔާނާތުގައި ބައިވެރިވެ ވަޑައި ނުގެން އަވަހަށް ޕާޓީ ދޫކޮށްލެއްވުމެވެ. ނޫންނަމަ ގައުމަށް ލިބޭ ދެރެއެއްގައި ތިބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައި، ވެރިކަންކުރާ ޕީއެންސީއާއެކު އަދާލަތު ޕާޓީން މި މަހުގެ 16 ވަނަ ދުވަހު ވަނީ ކޯލިޝަން ހަދައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު އިއްތިހާދުވެ، ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ނިންމުމަށް އަދާލަތުގެ އިސް ބައެއް އިލްމުވެރިން ދެކޮޅު ހަދާފައިވެ އެވެ.







