ރައީސް މުހައްމަދު މުއިއްޒުގެ ނަންފުޅު ފާހަގަނުކުރައްވައި، ޕީއެންސީން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކޮށް، ޕާޓީގެ އަސާސްތައް އިސްކުރުމަށް ޕާޓީގެ ލީޑަރޝިޕަށް ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.
މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެންސީގެ އިސް ބޭފުޅުންނާއި ވަޒީރުން ރައީސް މުއިއްޒުގެ ލީޑަރޝިޕަށް ތައުރީފު ކުރައްވައި މެސެޖުތައް ފޮނުއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޣައްސާން އިއްޔެ ކުރެއްވި ޕޯސްޓުގައި ތަހުނިޔާ ވިދާޅުވީ ވެސް ވަކި ބޭފުޅެއްގެ ނަން ފާހަގަނުކުރައްވައި "ޕީއެންސީގެ ސަރުކާރަށް" ނިސްބަތްކުރައްވަ އެވެ.
ޣައްސާންގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި އެކެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން "މި ފިކުރަށް" ކުރެއްވި އިތުބާރަށާއި ދެއްވި ވޯޓަށް މިއަދު ވެސް ޝުކުރު ދަންނަވާ ކަމަށެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމާ މެދު އާންމުންގެ މެދުގައި ސުވާލުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޣައްސާން ވަނީ ކެމްޕޭން ދުވަސްވަރު ވީ ވައުދުތައް ހަނދާންކޮށްދެއްވައި، އެ މަސައްކަތްތައް އަވަސްކުރުމަށް ބާރުއަޅުއްވާފަ އެވެ.
"މި ވަގުތަކީ އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތެވެ. އެ ދުވަހު ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެހައި ރައްޔިތުންނަށް ވީ ވައުދުތައް، ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތެވެ،" ޣައްސާން ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، ޕާޓީގެ މިސްރާބާއި އުސޫލުތަކާ މެދު ކަންބޮޑުވުން އޮތްކަން ދޭހަވާ ފަދަ މޭރުމަކުން ޣައްސާން ވަނީ ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސެއް ވެސް ކުރައްވާފައެވެ.
"ޕާޓީގެ ގައުމީވަންތަ އަސާސްތަކާއި ވައުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި މި ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓަވައިދެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސްކުރަމެވެ،" ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު މުއިއްޒުގެ އެންގެވުމަށް ގިނަ އަދަދެއްގެ މިނިސްޓަރުން އެއް ފަހަރާ އިސްތިއުފާ ދެއްވި ދަނޑިވަޅުގަ އެވެ. އެއަށް ފަހު ސަރުކާރު އަދި ޕީއެންސީގެ ހަރަކާތްތަކުން ޣައްސާނު ފެނިގެން ނުދެ އެވެ.








