ރައީސް މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށްގެން "ސިޓިޒެންސް ވޮއިސް" ގެ ނަމުގައި ދެވަނަ ފަހަރަށް ޕޯޓަލްއެއް މިއަދު އިފްތިތާހުކޮށްފި އެވެ.
އީ-ފާސް ބޭނުންކޮށްގެން ލޮގިން ކުރެވޭ މި ޕޯޓަލް އެންމެ ފުރަތަމަ ފެބްރުއަރީ 23، 2024، ގައި އިފްތިތާހުކުރީ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކާއި، ޝަކުވާތަކުގެ އިތުރުން ބޭނުންވާ ހިޔާލުތައްވެސް ސީދާ މުއިއްޒަށް ހުށަހެޅޭ ގޮތަށެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އެ ޕޯޓަލް ޑައުންކުރި ގޮތަށް ނުވަދެވެ އެވެ.
ރައީސް އޮފީހުން ބުނީ ސިޓިޒެންސް ވޮއިސްގެ ނަމުގައި ދެވަނަ ފަހަރަށް މިއަދު އިފްތިތާހުކުރި ޕޯޓަލްއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމުކޮށްފައިވާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށް ގާއިމުކުރި ޕޯޓަލްއެއް ކަމަށެވެ.
މި ޕޯޓަލްގެ ހިދުމަތް މި ވަގުތަށް ވެބް މެދުވެރިކޮށް ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާހު ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން މި ވަގުތު ވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ދަނީ ދެމުން ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ ޖުލައި މަހު ވިދާޅުވީ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ފުރިހަމައަށް އޮޕަރޭޓްކުރަން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހުރި ސަރުކާރުގެ އިދާރާތައް ސީސީބީއާ ގުޅާލުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ސީސީބީ ހިންގުމަށް މިނިސްޓަރުން ފެންވަރުގައި މުހައްމަދު މާހިދު ޝަރީފް މިދިޔަ މަހު ވަނީ އައްޔަންކުރައްވާފަ އެވެ. މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާ މެނޭޖްކޮށް ޖަވާބުދިނުން ކަމަށެވެ.
ސީސީބީ ހިންގުމަށް މިނިސްޓަރުން ފެންވަރުގައި މުހައްމަދު މާހިދު ޝަރީފް ވަނީ އައްޔަންކުރައްވާފަ އެވެ. އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާ މެނޭޖްކޮށް ޖަވާބުދިނުން ކަމަށެވެ.








