ލިވަޕޫލް (އޮކްޓޫބަރު 31) - ލޯން އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރުގުއޭގެ ޑިފެންޑަރު، ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީ ކުރަން ލިވަޕޫލުން ބާސެލޯނާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ އަރައުހޯ ލިވަޕޫލަށް ދޫކޮށްލި ލޯން ޑީލުގައި، މި ސީޒަން ނިމުމުން، އެއްބަސްވުން ދާއިމީ ކުރެވޭނެ މާއްދާއެއް އޮތީ ހިމަނައިފަ އެވެ. ފާއިތުވި ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނުގައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އަރައުހޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި ބާސެލޯނާގެ ކެޕްޓަނަކީ ވެސް އަރައުހޯ އެވެ. އޭނާ، އެ ކްލަބާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓް 2031 ގެ ޖޫން މަހުގެ ނިޔަލަށް އެބައޮތެވެ.
އަަރައުހޯ އަންނަނީ ލިވަޕޫލްގައި ކަނާތު ބެކަށް އަދި ސެންޓްރަލް ޑިފެންޑަރަކަށް ކުޅެމުން ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގެ މިހާތަނަށް ދެ މެޗެއްގައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ލާސްކް ކޮޅަށާއި ވިޔަރެއާލް ކޮޅަށެވެ.
އުރުގުއޭގެ ބޮސްޓަން ރިވާ ދޫކޮށް، 2018 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި އަރައުހޯ ވަނީ އެ ކްލަބަށް 200 އަށް ވުރެން ގިނަ މެޗުުގައި ކުޅެދީފަ އެވެ. ލިވަޕޫލަށް ބަދަލުވެ، ކުޅުނު 13 މެޗުން ދެ ގޯލު ޖެހުމުގެ އިތުރުން، އެއް ލަނޑު ޖަހަން ފުރުސަތު ވެސް އަރައުހޯ ވަނީ ހޯދައިދީފަ އެވެ.
ލިވަޕޫލުން ދާއިމީ ކޮންޓްރެކްޓެއްގައި އަރައުހޯ ގަންނަނަމަ، 60 މިލިއަން ޑޮލަރުގެ ފީއެއް ޖުމްލަ އެކު ދައްކަން ޖެހޭނެ ކަމަށް ކުރިން އޮތީ އެއްބަސްވެފަ އެވެ. އެކަމަކު، ޖެނުއަރީ މަހުގެ ޓްރާންސްފާ ތެރޭގައި އެ އަށް ވުރެން ކުޑަ އަގެއްގައި އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަން ލިވަޕޫލުން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން އަރައުހޯގެ ޑީލް ކަންތައް އަވަހަށް ނިންމަން ބޭނުންވަނީ ޑިފެންޑަރެއް ގަންނަން ޓްރާންސްފާ ފަންޑް އިތުރު ކުރުމުގެ ގޮތުންނެވެ.












