ލިވަޕޫލުން ބްރައިޓަން އަތުން މޮޅުވިއިރު، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

Oct 25, 2026, 9:17 PM
އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލް (އޮކްޓޫބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 2-0 އިން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން މޮޅުވިއިރު، ބޯންމައުުތުން މެންޗެސްޓާ ޔުަނައިޓެޑް ދަނޑުގައި 3-0 އިން އެ ޓީމު ބަލިކޮށްފި އެވެ. 

މިއީ، މި ފަހަރު ޕްރިމިއާ ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަަމަ މެޗެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ފުރަތަަމަ ހާފުގަ އެވެ. 

އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބްރައިޓަން އަށް ލީޑުނަގައިދޭން އެ ޓީމުގެ ޔާސީން އަޔާރީ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ބްރައިޓަން އިން ލިބުނު ފުރުސަތު ނަގާލުމުގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. މެޗުގެ 17 ވަނަ މިނިޓްގައި ލަނޑު ޖަހައި ލިވަޕޫލުން ލީޑުނެގީ އެވެ. މި ލަނޑަކީ ބްރައިޓަންގެ ޕަސްކާލް ގްރޮސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބްރައިޓަން އޭރިއާތެރެއިން ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ޖެހި ޝޮޓެއް ގޯލަށް ވަނީ ގްރޮސް ފައިގައި ޖެހިފަ އެވެ. 

Advertisement

ފުރަތަމަ ގޯލު ޖެހުމަށް ފަހު ލިވަޕޫލުން ފަހަތަށް ނުޖެހި އެޓޭކްކުރުމުގެ ފައިދާ އެ ޓީމަށް ކުރި އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ލިވަޕޫލުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ބްރެޑްލީ ބާކޮލާ ދިން ބޯޅައަކުން އަލެކްސަންޑަ އިސާކް ޖެހި ގޯލެކެވެ. މިއީ، މި ފަހަރު ލީގުގައި އިސާކްގެ ހަ ވަނަ ގޯލެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އިސާކް އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އިސާކް އުފާފާޅުކުރަނީ.

މި ނަތީޖާއާ އެކު، ލިވަޕޫލުން ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެެވެ. ހަތަރެއްގައި އޮތް ލިވަޕޫލަށް އަށް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެެވެ. ބްރައިޓަން، ތިން ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. 

ޕްރެޝަރު ބޮޑުވެފައިވާ ޔުނައިޓެޑުން މިރޭގެ މެޗަށް އަމިއްލަ ދަނޑުގައި ނުކުތީ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ނުލަ އެވެ. ފެނާންޑޭސް، ފުރަތަމަ އެގާރަ އަށް ނުލައި ފެށީ، އެ ޓީމުގެ ކޯޗު މައިކަލް ކެރިކްގެ ރޭވުންތެރިކަމަށް ފާޑުކިޔުމަށް ފަހު، ކްލަބްގެ އެކި ފަރާތްތަކަށް ނިސްބަތްވާ ގޮތަށް ދިން އިންޓަވިއުއެއްގެ މައްސަލައިގަ އެވެ. 

މި މެޗަށް ނުކުތްއިރު، ލީގުގެ ރެލިގޭޝަނުގައި އޮތް ބޯންމައުތުން ވަނީ ފުރަތަމަ ހާފުގައި ވެސް ޔުނައިޓެޑް ކޮޅަށް ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. މެޗުގެ 38 ވަނަ މިިނިޓްގައި ޖަސްޓިން ކްލައިވަޓް ދިން ބޯޅައަކުން ބޯންމައުތަށް ލީޑުނަގައިދިނީ ރަޔާން އެވެ. އަދި، އޭގެ ފަސް މިނިޓް ފަހުން، ބޯންމައުތުން ދެ ވަަނަ ލަނޑު ޖެހި އެވެ. މިއީ، ޔުނައިޓެޑްގެ ޑިފެންޑަރު، ލެނީ ޔޯރޯ ހެދި ގޯހެއްގެ ފައިދާނަގައިގެން ތަނަވަސްކުރި ފުރުސަތެއްގައި އެޑްރިއަން ޓްރުފެއާ ދިން ބޯޅައަކުން މި ލަނޑު ޖެހީ މާކަސް ޓަވެނިއާ އެވެ. 

ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ކީޕަރު، ސެން ލަމެންސް ހެދި ގޯހެއްގެ ފައިދާނަގައި، ޔުނައިޓެޑް ކޮޅަށް ބޯންމައުތުގެ ތިން ވަަނަ ލަނޑު ޖެހީ އެވަނިލްސަން އެވެ. މި މެޗުން ބަލިވެ، ޔުނައިޓެޑް މި ވަނީ މޮޅެއް ނުލިބި ޖެހިޖެހިގެން އަށް ވަަނަ މެޗު ނިންމާލަން ޖެހިފަ އެވެ. މިއީ، 1986 ގެ ފަހުން، ޔުނައިޓެޑްގެ އެންމެ ދަށް ފޯމެވެ. 

މި ނަތީޖާއާ އެކު، ޔުނައިޓެޑް އޮތީ އަށް މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. ބޯންމައުތު ވަނީ މި މެޗުން ތިން ޕޮއިންޓް ހޯދައި، އަށް މެޗުން ނުވަ. ޕޮއިންޓާ އެކު، 13 ވަނަ ހޯދައިފަ އެވެ. 

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި، ބްރެންޓްފޯޑް ވަނީ 1-1 އިން ހަލް ސިޓީއާ އެއްވަރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

ރެއާލާއި ބާސެލޯނާ އަޅާކިޔުން އިންސާފުވެރިނުވާނެ: މޮރީނިއޯ

މިވަގުތުގެ ހާލަތަށް ބަލާއިރު ރެއާލް މެޑްރިޑާއި ބާސެލޯނާ އަޅާކިޔުން އިންސާފުވެރިނުވާނެ ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ބާސެލޯނާ އަކީ ފައްކާވެފައި އޮތް ޓީމެއް ނަމަވެސް، ރެއާލް އަދި އޮތީ އާ ކޯޗާއެކު ޓީމު ބައްޓަންކުރުމުގެ މަރުހަލާއެއްގައި

Newsletter

Get the latest news delivered straight to your inbox