ބާސެލޯނާ (އޮކްޓޫބަރު 26) - ކީލިއަން އެމްބާޕޭގެ ލަނޑުތަކުން ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި 2-1 އިން ވާދަވެރި ބާސެލޯނާ ބަލިކޮށްފި އެވެ.
މި މެޗުގެ ކުރިން މި ފަހަރުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވަނީ ފުރަތަަމަ ނުވަ މެޗުން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބަލިވި ފަހުން، ބާސެލޯނާ މި ވަނީ ސްޕެނިޝް ލީގުގައި ރެއާލް އަތުން ބަލިވެފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 10 މެޗުން 25 ޕޮއިންޓް އަދި ތިން ވަަނައިގައި އޮތް ރެއާލަށް 10 މެޗުން 24 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރެއާލުން ދިޔައީ މެޗު ފެށިގެން އެމްބާޕޭ އަށް ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ. އެ ގޮތުން، އާޑާ ގުލާ ނަގައިދިން ބޯޅައަކުން އެމްބާޕޭ ފޮނުވާލި އެކްރަބެޓިކް ކިކް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަނެއްކޮޅުން، ބާސެލޯނާ އަށް ލީޑުނަގައިދޭން ރަފީނިއާ ޖެހި ދެ ޝޮޓެއް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި، އެންތަނީ ގޯޑަންގެ ޝޮޓެއް ރެއާލްގެ ގޯލުގައި ހުރި އަންޑްރީ ލުނިން ވަނީ މަތަކޮށްފަ އެވެ.
ރެއާލުން 43 ވަނަ މިނިޓްގައި ލީޑުނެގީ އެމްބާޕޭ ޖެހި ލަނޑުންނެވެ. ރެއާލްގެ ޔަން ޑިއޮމަންޑޭ ނެގި ހުރަހެއް ދިފާއުކުރަން ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް މާޓިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެމްބާޕޭ ފައިގައި ޖެހިފަ އެވެ.
ލީޑުގައި އޮވެގެން ރެއާލުން ފުރަަތަމަ ހާފު ނިންމާލިއިރު، ބާސެލޯނާ އިން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގައި އެއް ގަޑިއިރު ކުޅެވުނުތަނާހެންނެވެ. އެ ގޮތުން، 61 ވަނަ މިނިޓްގައި ޕެޑްރީ ދިން ބޯޅައަކުން އޭރިއާތެރެއިން ރަފީނިއާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ކޯނަރަކުން ޖެރާޑް މާޓީން، ބާސެލޯނާ އަށް ލީޑުނަގައިދޭން ބޮލުން ފޮނުވާލި ބޯޅަ ރެއާލް ކީޕަރު ލުނިން ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ.
މެޗުގެ 77 ވަނަ މިނިޓްގައި ބާސެލޯނާގެ ލަމީން ޔަމާލް ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ރެއާލުން މެޗު ކާމިޔާބުކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. ބަދަލަކަށް ކުޅެން އެރި އެޑުއާޑޯ ކަމަވިންގާ، ބާސެލޯނާގެ އޭރިއާތެރެއިން ޕައު ކުބަރްސީ ކައިރިން ދެމިގަތުމަށް ފަހު، އެމްބާޕޭ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، އެލް ކްލަސިކޯ މެޗުތަކުގައި ކުޅުނު ހަތް މެޗުން އެމްބާޕޭގެ އަށް ވަނަ ގޯލެެވެ.
މި ނަތީޖާއާ އެކު، މި ފަހަރު ރެއާލް ކޯޗަކަށް އަލުން އައި ހޯސޭ މޮރީނިއޯ މި ވަނީ، ކްލަސިކޯގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިނުވެ ރެކޯޑެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވިއިރު، ޖުމްލަ އެކު ހަތަރު މެޗުން. މޮޅުވެ، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ،












