ޕެރިސް (އޮކްޓޫބަރު 31) - އަޝްރަފް ހަކީމީ، އާދަޔާހިލާފު ތަފާތު ފޯމެއްގައި ކުޅެ، ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ އަށް ލެ ހާވްރޭ އަތުން 5-1 އިން މޮޅެއް ހޯދައިދީފި އެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ފަސް ގޯލުގައި ވެސް މޮރޮކޯގެ ކެޕްޓަން، ހަކީމީ ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ. ހެޓްރިކެއް ހެދުމުގެ އިތުރުން ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދިނެވެ. މިއީ، ކުރިން ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި އިންޓަ މިލާނަށް ކުޅުނު ހަކީމީގެ ފުރަތަމަ ހެޓްރިކް އެވެ.
މި މޮޅާ އެކު، ޕީއެސްޖީ އެއް ވަނައިގައި އޮތީ 9 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިލް އަށް ނުވަ މެޗުން 18 ޕޮއިންޓް، ތިން ވަނައިގައި އޮތް ރެން އަށް ނުވަ މެޗުން 16 ޕޮއިންޓް ވަނީ ލިބިފަ އެވެ. ލިލް އިން ރޭ ލޯންސް އަތުން 1-0 އިން މޮޅުވިއިރު، ނީސް އަތުން ރެން ވަނީ 5-2 އިން ބަލިވެފަ އެވެ.
ފްރެންޗް ލީގުގެ ފުލުގައި އޮތް ލެ ހާވްރޭ އިން ވަނީ ރޭގެ މެޗުގައި ޕީއެސްޖީ ހާސްކޮށްލައި ލީޑުނަގައިފަ އެވެ. އެ ގޮތުން، 18 ވަނަ މިނިޓްގައި ލެ ހާވްރޭގެ ލަނޑު ޖެހީ ޖޯޝް މާޖާ އެވެ. އޭނާ މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ، ރަޔާން ފޮފާނާ އެވެ.
ލެ ހާވްރޭ އިން އަށް މިނިޓް ވަންދެން މި މެޗުގައި ލީޑުކުރި އެވެ. ޕީއެސްޖީން އެއްވަރުކުރީ، ހަކީމީ ދިން ބޯޅައަކުން 26 ވަނަ މިނިޓްގައި މިކާ ގޯޑްޓްސް ޖެހި ގޯލުންނެވެ. ފުރަތަމަ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން، ސެނީ މަޔޫލޫ ދިން ބޯޅައަކުން ހަކީމީ ވަނީ ގޯލެއް ޖަހައި ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ.
އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި ޕީއެސްޖީން ދެ ވަނަ ހާފު ފަށައިގެން 10 މިނިޓް ތެރޭ ލީޑުފުޅާކުރި އެވެ، މެޗުގެ 55 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ހަކީމީ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖެހީ ހަކީމީ ދިން ބޯޅައަކުން މަޔޫލޫ އެވެ.
ހަކީމީ، އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ލަނޑު ޖެހީ، މެޗުގެ 69 ވަނަ މިނިޓްގަ އެވެ. މި މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ރޭގެ މެޗަކީ، ހަކީމީގެ އިތުރުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަށް ވެސް ހާއްސަ މެޗެކެވެ. އޭނާ ވަނީ، ޕީއެސްޖީގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދައިފަ އެވެ. އެންރީކޭ، ޕީއެސްޖީ ގޮވައިގެން ނުކުތް 188 މެޗުގެ ތެރެއިން 127 މެޗުން މޮޅުވި އެވެ. މީގެ ކުރިން، ޕީއެސްޖީގެ ކޯޗަކަށް ހުރެ އެންމެ ގިނަ މެޗުން މޮޅުވީ ލޯރެންޓް ބްލޮންކް އެވެ. އޭނާ ވަނީ 126 މެޗުން މޮޅުވެފަ އެވެ.












