އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

Oct 30, 2026, 11:30 AM
އާސެނަލްގެ މެޗެއްގެ ތެރެއިން ޑައުމަން.

އާސެނަލްގެ މެޗެއްގެ ތެރެއިން ޑައުމަން.

ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އަތުން އާސެނަލް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގައި އެ ޓީމުގެ މެކްސް ޑައުމަން އަށް ދެއްކި ރަތް ކާޑު މައްސަލައިގައި އޭނާ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ. 

ސޯޅަ އަހަރުގެ ޑައުމަން އަށް ރަތް ކާޑެއް ދެއްކީ، ފްލީޓްްވުޑް ޓައުންގެ ހެރިސަން ނީލް އަށް ހަމަލާ ދިނުމުންނެވެ. ޑައުމަން އަށް ވަގުތުން ރަތެއް ދެއްކިއިރު، އޭނާ ދަނޑުން ފައިބައިގެން ދިޔައިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ހިތްހަމަނުޖެހިގެން އެއްޗެއް ބުނާ މަންޒަރު ޓީވީ އަށް ވަނީ އަރައިފަ އެވެ. 

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ޑައުމަންގެ ރަތް ކާޑަށް ލުޔެއް ހޯދުމަށްޓަކައި، އެޕީލްކުރުމަށް ދިން ފުރުސަތުގައި، އާސެނަލުން ވަނީ އެކަން ކޮށްފަ އެވެ. އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ ކޯޑުގެ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ނިންމާފައިވަނީ ކާޑާ މެދު ރެފްރީގެ ނިންމުން ފުރިހަމަ ކަމަށާއި ގަވާއިދާއި ރެފްރީ ރިޕޯޓާއި ހުރިހާ ކަމަކަށް ބެލުމަށް ފަަހު، ޑައުމަން އަށް ދީފައިވާ ތިން މެޗުގެ ސަސްޕެންޝަން އަދަބު ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ. 

އާސެނަލުން ދެން އެންމެ އަަވަހަށް ކުޅޭ މެޗު އޮތީ އާދިއްތަ ދުވަހުގެރޭ، ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ. 

ޑައުމަން އަށް ދާދި ފަހުން ވަނީ ގިނީސް ވޯލްޑް ރެކޯޑްގެ ތިން ރެކޯޑެއް ލިބިފަ އެވެ. 

މިދިޔަ މާޗް މަހު ޑައުމަން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ގިނިސް އިން ވަނީ އެ ރެކޯޑް ވެސް އަގުވަޒަންކޮށްފަ އެވެ. ޑައުމަން އެންމެ ފުރަތަމަ އާސެނަލަށް މެޗެއް ކުޅެދިންއިރު އުމުރަކީ 15 އަހަރާއި 235 ދުވަހެވެ. އެއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި، އެވަޓަން މެޗުގައި ޑައުމަން ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ، 16 އަހަރާއި 73 ދުވަހެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އެވަޓަންގެ ޖޭމްސް ވައުގަން އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ 2005 ވަނަ އަހަރުގެ އޭޕްރީލް މަހު ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖަހައިގެންނެވެ. ވައުގަން، އެ މެޗުގައި ލަނޑު ޖެހިއިރު، އުމުރަކީ 16 އަހަރާއި 270 ދުވަހެވެ. އުމުރުން 16 އަހަރުގައި ދެން ޕްރިމިއާ ލީގުގައި ލަނޑު ޖަހާފައިވަނީ ޖޭމްސް މިލްނާ، ވޭން ރޫނީ އަދި ރަޔާން އެންގުމޯހާ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ދެން އަގުވަޒަންކޮށްފައިވާ ޑައުމަންގެ ރެކޯޑްތަކަކީ، ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމާއި ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ މަގާމެވެ. ޕްރިމިއާ ލީގު ހޯދި އެންމެ ހަގު ކުޅުންތެރިއަކަށް ޑައުމަން ހޮވުނީ، އާސެނަލުން ލީގު ތަށި އުފުލާލިއިރު، ޑައުމަންގެ އުމުރަކީ، 16 އަހަރާއި 144 ދުވަސް ކަމަށް ވުމުންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އަތުގަ އެވެ. އެއީ، 2018 ވަނަ އަހަރު ފޯޑެންގެ އުމުރުން 17 އަހަރާއި 350 ދުވަހުގައި ޕްރިމިއާ ލީގު ހޯދައިގެންނެވެ. 

ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިއަކަށް ޑައުމަން ވީ އުމުރުން 15 އަހަރާއި 308 ދުވަސް ތެރޭގައި ޗެމްޕިއަންސް ލީގު މެޗެއްގައި ކުޅެގެންނެވެ. އެއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅެގެން ޑައުމަން ހާސިލްކުރި ރެކޯޑެކެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ބޮރޫޝިއާ ޑޯޓްމަންޑްގެ ޔޫސުފާ މޫކޯކޯ އަތުގަ އެވެ. އޭނާ ވަނީ، 2020 ވަނަ އަހަރު އުމުރުން 16 އަހަރާއި 35 ދުވަސް ފުރިފައިވަނިކޮށް، ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅެގެން މޫކޯކޯ ހަދާފައި އޮތް ރެކޯޑެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox