ޕެރިސް (އޮކްޓޫބަރު 30) - ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި، ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
ކޮންމެ ވޯޓަކަށް އެއް ޔޫރޯގެ އަގެއް ނަގާ ގޮތަށް ބެލޮންޑިއޯ އިން މި ފަހަރު ތައާރަފްކުރި މި އެވޯޑަށް ހުޅުވާލީ، ބެލޮންޑިއޯ އެކި އަހަރުތަކުގައި ހޯދި ކުޅުންތެރިންގެ ތެރެއިން އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދި އަހަރު ހޮވުމަށްޓަކަ އެވެ. އެ ގޮތުން، ރޮނާލްޑޯ އަށް ބޯޓް އެވޯޑް ލިބިފައިވަނީ، 2008 ވަނަ އަހަރު ހޯދި ބެލޮންޑިއޯ އަށެވެ. އޭރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯ ވަނީ އެ ފަހަރު، އިނގިރޭސި ޕްރިިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
"ފުޓްބޯޅަ ނިސްބަތްވަނީ ސަޕޯޓަރުންނަށް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ބެލޮންޑިއޯ އޮފް އޯލް ޓައިމް އަކީ ތި މީހުންގެ ވެސް އެއްޗެއް،" އުމުރުން 41 އަހަރުގެ ރޮނާލްޑޯ، އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
ބޯޓް އެވޯޑަށް ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރީ ލިއޮނަލް މެސީ އެވެ. އެއީ، މެސީ އަށް 2012 ވަނަ އަހަރުގެ ސީޒަނުގައި ލިބުނު ބެލޮންޑިއޯ އެވޯޑެވެ.
ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ.
ބެލޮންޑިއޯ އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.
ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ.
މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބުނީ ބަޔާން މިއުނިކަށް ކުޅޭ އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން އަށެވެ.












