ތާރީޚީ މާޒީގައި، ރާއްޖޭގެ ވެރިކަމަށް ދަހިވެތިކަންބޮޑުވެ ބޭރުގެ ނުފޫޒުތަކުގެ އެހީތެރިކަމުގަ ގައުމުގެ ވެރިކަން ފޭރިގަތުމަށް ނުވަތަ އަތުލުމަށް އެތެރޭން މަސައްކަތްކޮށްފައިވަނީ މަދެއްކޮށްނޫނެވެ. މިކަމުގެ ސަބަބުން ދިވެހި ގައުމަށް އަބަދުވެސް ބޮޑު ނުރައްކާތެރި މަސްއަލަތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ހިމެނޭ ސަރަޙައްދުގެ ގޮތުން ބައެއް ދުވަސްވަރު ސަރަހައްދު އޮންނަނީ ނާޒުކު ޙާލަތެއްގައެވެ. މިފަދަ ހާލަތްތަކުގައި ގުޅިގެން އަމިއްލަ ސިޔާދަތާއި މިނިވަންކަން ދަމަހައްޓުމުގެ ވިސްނުމެއްވެސް ނޯވެއެވެ. ގައުމު ވިއްކާލައިގެން ވެސް ވެރިކަމުގައި ދެމިހުންނަން ނުވަތަ ވެރިކަން އަތުލަން ބޭނުންވެއެވެ 1518 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ މިފަދަ ޖިއޮޕޮލިޓިކަލް ނުވަތަ ސިޔާސީ ނުރައްކާތެރި ގަޑުބަޑެއްގެ ވަރަށް ފުރިހަމަ މިސާލެއް ދައްކާފައެވެ.
އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.
ޚާއްޞަކޮށް، ކަނޑުދަތުރުފަތުރަށް ބޭނުންކުރާ އޮޑިދޯނިފަހަރު އިތުރުން ބޮޑެތި ނައުފަހަރާ އަރުމާޒު ލަސްކަރުތަކަށް ކޮންމެހެން ބޭނުންވާ އޮޑިމަރާމާތު ކުރާސާމާނާއި ރޯނު، އަދި ވާވެލާވެލީ ގެ އިތުރުން އެޒަމާނު ފައިސާ ގޮތުގައި ބޭނުންކުރާ ބޮލީގެ އިތުރުން މާވަހާރާ ކަހަނބުފަތް ރާއްޖޭން ލިބެންހުރެއެވެ.
ރާއްޖޭގެ އެތެރޭގެ ބޮޑެތި މައްސަލަތަކާއި، މަލާބާރުގެ ބާރުގަދަ ވިޔަފާރިވެރިޔާ މަމްޢަލީގެ ފަރާތުން ކުރިމަތިވެފައިވާ ވިޔަފާރީގެ ބޮޑެތި ފިއްތުންތަކާ ހެދި، (ސުލްޠާނު ކަޅު މުޙައްމަދު) ވަނީ ނުރައްކާތެރި ނިންމުމެއް ނިންމަވާފައެވެ. އެމަނިކުފާނު ގުޅިވަޑައިގަތީ އަލަށް އުފެދިގެން އައި ނުރައްކާތެރި ބާރެއް ކަމުގައިވާ ޕޯޗުގީޒުންނާއެވެ. މިގޮތުން އެމަނިކުފާނު ކުޅުއްވީ ސިޔާސީ ވަރަށް ނުރައްކާތެރި ކުޅިގަނޑެކެވެ؛ އެއީ " ލޮތާރި ނެތް ވަލެއްގައި އޮޑި ހިފުން" ފަދަ ކަމެކެވެ.
މީލާދީން 16 ވަނަ ޤަރުނުގެ އިންޑިއާ ކަނޑުގެ ސިޔާސީ މަސްރަޙު
ސުލްޠާނު ކަޅުމުހުއްމަދުގެ ނިންމެވުން ދޭހަވާނީ، ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް ކުރިމަތިވެދާނެ ނިކަމެތިކަމެއް ނުވަތަ ބޭރުގެ ބައެއްގެ އަޅުވެތިކަމެއް ދިމާވެދާނެ ކަމަށް ވިސްނާނުލާކަމެވެ . ރާއްޖޭގެ ރަށްތަކުގައި އާބާދީއަށް ބޭނުންވާވަރަށް ހަނޑޫ ނުހެއްދޭތީ، ބޭރުން ކާބޯތަކެތި އެތެރެކުރުމަކީ މުހިންމު ޟަރޫރަތެކެވެ. ދިވެހިންގެ ރޯނާއި، ބޮލި، އަދި މާވަހަރު، ބޭރުގެ ކާބޯތަކެއްޗަށް ބަދަލުކުރުމުގެ ވިޔަފާރި ކޮންޓުރޯލް ކުރުމަކީ، ރަސްކަމުގެ ތަޚުތު ކޮންޓްރޯލް ކުރުމެވެ.
ޕޯޗުގީޒުން ސަރަޙައްދަށް އައުމުގެ ކުރިން، މި ވިޔަފާރީގެ އެންމެ ބޮޑު ބާރަކަށް އޮތީ ކަނަންނޫރުގެ އަލީ ރާޖާގެ ޢާއިލާއަށް ނިސްބަތްވާ، ބާރުގަދަ މުސްލިމް ވިޔަފާރިވެރިޔާ މާމްޢަލީއެވެ. މާމްޢަލީގެ އޭޖެންޓުން ވަނީ ރޯނާއި ބޮއްޔަށް ހަނޑޫ ބަދަލުކުރުމުގެ މުހިންމު ވިޔަފާރި ބަލަހައްޓައި، ކޮންމެ އަހަރަކު ރާއްޖެއިން 10،000 ޕަރުދާއިން (pardãos ޕޯޗްގީޒް އިންޑިޔާފައިސާ) ގެ ޢާމްދަނީއެއް ނަގަމުންނެވެ. ވެރިކަމުން (ބޭރު) ކޮށްލަން އުޅޭ އެތެރޭގެ ވާދަވެރިންނާއި، ރާއްޖެއަކީ ވިޔަފާރި ކޮންޓުރޯލް ކުރާ ތަނެއްގެ ގޮތުގައި ދެކުނު ބޭރުގެ ވިޔަފާރިވެރިޔާ އަލީރާޖާ އާ ދެމެދުގައި ތާށިވެފައި ހުންނެވި ކަޅުމުހުއްމަދަށް ބޭނުންވީ ވަރުގަދަ ބާރެކެވެ.
ޕޯޗްގީޒުން ގެ ނުފޫޒް
މިފަދަ ނުރައްކާތެރި ކަނޑުގެ ސަރަޙައްދަކަށް ޕޯޗުގީޒުން އައީ، އެފްރިކާގެ ކިލްވާ ރަށުގެ ސިރާޒީ ރަސްކަމުން ޖިޒީއަތުލާ އަދި ގޯވާ ހިފުމަށްފަހު މަލާބާރު އައްސޭރިފަހަރުގައި ބާރުގަދަވެ، ކިއްލާތައް ބިނާކުރުމަށްފަހުގައެވެ. ދިވެހި ރޯނަކީ އެމީހުންގެ ބޮޑެތި އޮޑިދޯނިފަހަރު (ކެރެކް އަދި ކެރަވެލް) ތަކުގެ ވާވެލާ ވެއްޔަށް ކޮންމެހެން ބޭނުންވާ އަސްކަރީ މުހިންމު އެއްޗެއްކަން އެނގުމުގެ އިތުރުން ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ، ވިޔަފާރި އޮޑިފަހަރު ފޭރުމާއި ވިޔަފާރި ކޮންޓުރޯލްކުރުމަށް ޕޯޗުގީޒުން ތިބީ ރާއްޖޭގައި ފައިތިލަ ސާބިތުކުރަން ބޭނުންވެފައެވެ.
1518 ވަނަ އަހަރު، ޕޯޗްގީޒް އިންޑިޔާ ގަވަރުނަރު ލޮޕޯ ސޯއަރެސް ޑި އަލްބަރގަރީއަށް ކަޅުހައްމަދުގެ ފަރާތުން ސިޓީއެއް ލިބުނެވެ. ކަޅުމުހަންމަދު ހުށަހެޅުއްވި ޚާއްޞަ ހުށަހެޅުމަކީ: އަހަރަކު 750 ބަހާރުގެ ރޯނު, ރާއްޖެއަށްލިބޭ މާވަހަރުގެ ދެބައިކުޅަ އެއްބައިގެ އިތުރުން މާލޭގައި ޕޯޗުގީޒުންގެ ވިޔަފާރި މަރުކަޒެއް (ފެކްޓްރީއެއް) ބިނާކުރުމަށް ބިން ދިނުން, މި އެވެ.
އެ ވިޔާފާރި ފެކްޓަރީ (feitoria a fortified trading post) ބިނާކުރީ މާފަންނުގައެވެ.
މިކަމުގެ ބަދަލުގައި، މާމްޢަލީ އާއި އެތެރޭގެ ސިޔާސީ ވާދަވެރިންގެ ކިބައިން ކަޅުމުހަންމަދު ސަލާމަތްކޮށްދިނުމަށް އަސްކަރީ އަދި ސިޔާސީ އެހީތެރިކަން ޕޯޗުގީޒުން ދޭނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ގަވަރުނަރު ސޯއަރެސް މިކަމަށް އެއްބަސްވެވަޑައިގަތީ ކަނޑުދަތުރުފަތުރުގެ މުހިންމު ވަސީލަތްތައް ލިބޭނެ ފުރިހަމަ ފުރުޞަތެއް ކަމަށް ދެކިގެންނެވެ. ނަމަވެސް، މާމްޢަލީ ވަގުތުން އެއަށްވުރެ ރަނގަޅު ހުށަހެޅުމެއް ޕޯޗުގީޒުންނަށް ހުށަހަޅައި، ކުރީގެ ޙާލަތް މެދުވެރިއެއްގެ ބައި ދަމަހައްޓާނެކަމަށް ވައުދުވުމުންނާއި، ލަންކާގައި ޕޯޗުގީޒުންގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ސޯއަރެސް ފަސްޖެހިވަޑައިގެން، ވަގުތީގޮތުން ރާއްޖެ މަމްޢަލީގެ ވިޔަފާރީގެ ދާއިރާގެ ދަށަށް ދޫކޮށްލެއްވިއެވެ.
ގޯތިތެރެއަށް "ވަގު" ވަނުން
ލޮޕޯ ސޯއަރެސްގެ ގަވަރުނަރު ކަމުގެ މުއްދަތު ހަމަވެ މަގާމާ ހަވާލުވި ޑިއޯގޯ ޑި ސެކުއޭރާ ސިޔާސަތު ބަދަލުކުރެއްވުމާއެކު، ކަޅުމުހަންމަދުގެ މި ނާޒުކު ހުށަހެޅުން ތަމްފީޒުކުރަން ފެށުނެވެ . 1518 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޖޮއާން ގޯމޭޒް ޗެއިރާ ޑި ނީރޯ، ގާތްގަނޑަކަށް 120 ސޮލްދާދުންނާއެކު މާލޭގައި ދާއިމީ ޕޯޗުގީޒުންގެ ވިޔަފާރި މަރުކަޒެއް ޤާއިމުކުރުމަށް ފޮނުވުނެވެ.
ކަންނޫރުގެ ނުފޫޒުން ސަލާމަތްވުމަށް މަޖުބޫރުވެފައި ހުންނެވި ކަޅުހުއްމަދު ވަނީ ވިޔަފާރި މަރުކަޒު (ކިއްލާ) ބިނާކުރުމުގެ ހުއްދަ ދެއްވާފެވެ. ނަމަވެސް ކިއްލާ ބިނާކުރެވުމާއެކު، "ވަގުގެ" އަސްލު ސިފަ ފެންނަން ފެށިއެވެ. ޕޯޗުގީޒުން ބާރުގެ ބޭނުން މާބޮޑަށް ކުރަން ފެށިއެވެ:
ދިވެހިން އަމިއްލައަށް އެތެރެކުރާ ހަނޑޫގެ ފަސްބައިކުޅަ އެއްބައި އަގަކާނުލައި ނުވަތަ ނުއަގުގައި ވިއްކަން އެދުނެވެ.
ޕޯޗްގީޒުން ކުރިމަތިކުރި ވިޔަފާރީގެ ހުރަސްތަކުގެ ސަބަބުން ދިވެހި ވިޔަފާރިތައް ހުއްޓުމަކަށް އައެވެ. މީގެ އިތުރުން ގޯމޭޒް ރާއްޖޭގެ އޮޑިދޯނިފަހަރު ހުއްޓުވައި، ފޭރެން ފެށިއެވެ. މި ނުރައްކާތެރިކަމަށް ސިހި، މާމްޢަލީ އޭނާގެ ވިޔަފާރިތައް ދެކުނުގެ އަތޮޅުތަކަށް އައްޑުއަށާއި ހުވަދޫއަށް ބަދަލުކޮށް، މާލެއަށް ކާބޯތަކެއްޗާއި މުދާ ލިބުން ހުއްޓުވިއެވެ.
ރައްޔިތުންގެ ރުޅި އިންތިހާއަށް ގޮސް، ޕޯޗުގީޒުންގެ ސިފައިންގެ ޢަދަދު 14 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަދުވެފައިވާ ދަނޑިވަޅެއްގައި، މިކަމަށްނިމުން އައެވެ. 1521 ވަނަ އަހަރު، ދިވެހި ރައްޔިތުންނާއި، ގުޖުރާތު ވިޔަފާރިވެރިންނާއި، މަލާބާރު މުސްލިމުން ގުޅިގެން ފަތިހުގެ ވަގުތެއްގައި ކުއްލި ހަމަލާއެއްދީ، ވިޔަފާރި މަރުކަޒު އަތުލިއެވެ. ޕޯޗްގީޒް ސިފައިން ނައްތާލެވި، އޮޑިދޯނިފަހަރު އަންދާލެވުނެވެ. މިގޮތުން ފުރަތަމަ ސީދާވި ހަމަލާއާއެކު ތިން އަހަރުދުވަހަށް ދެމިގެންދިޔަ ވިޔަފާރި މަރުކަޒު ނިމުމަކަށް އައެވެ.
ސަލާމަތްވުމުގެ އަގު
1518 ވަނަ އަހަރު ސުލްޠާނު ކަޅުމުހައްމަދު ކުޅުއްވި ކުޅިގަނޑަކީ، އޭރު އޮތް ނުރައްކާތެރި ޙާލަތުގެ ކުޑަ ދާއިރާއިން ބަލާއިރު އެކަށީގެންވާ ނިންމުމެކެވެ. އެމަނިކުފާނު ވަނީ އެތެރެއާއި ބޭރުގެ ވާދަވެރިންގެ ކިބައިން ސަލާމަތްވުމަށް ޕޯޗުގީޒުންގެ ބާރުގަދަ އަސްކަރިއްޔާ ވަގުތީ ކިއްލާ އެއްގެ ގޮތުގައި ބޭނުންކުރައްވާފައެވެ. ނަމަވެސް މި އުކުޅު ނާކާމިޔާބުވީ، އިމްޕީރިއަލް ބާރުތަކަކީ ހަމައެކަނި އެތެރޭގެ ބާރުތައް ހަމަހަމަކޮށްދޭން ގައުމުގައި ހަމަޖެހުންގެންނަން އަންނަ ބައެއް ނޫން ކަމަށާއި، އެމީހުން ބޭނުންވަނީ ވިޔަފާރީގެ ބޮޑުފައިދާ އާއި ރައްޔިތުންގެ މައްޗަށް (ފުރިހަމަ) ކޮންޓްރޯލް ކަމަށްވާތީއެވެ.
1518 ވަނަ އަހަރުގެ މި ހިތާމަވެރި މާޒީ ފަހުގެ އަހަރުތަކުގައި ތަކުރާރުވެ، 1550 ގެ އަހަރުތަކާއި 1558 ގައި އެންޑްރިއާ އެންޑްރޭ (އަނދިރި އަނދިރިން) ފަދަ މީހުންގެ ސަބަބުން ދިވެހީންނަށް 15 އަހަރުގެ އިސްތިއުމާރީ އަޅުވެތިކަމެއް ކުރިމަތިވިއެވެ.
މިކަމުން ސަލާމަތްވެވުނީ ޕޯޗްގީޒުން މާލޭގައި ވިޔަފާރި މަރުކަޒު ގާއިމުކުރި ޒަމަނުގައި ދުނިޔެއަށް އުފަންވެސް ނުވާ ބޮޑުތަކުރުފާނުގެ ޒަޢާމަތުގައި ކުރެވުނު ޖިހާދުންނެވެ. ނިންމާލަމުން ދަންނަވާނަމަ، ދިވެހިރާއްޖެ ސަލާމަތްވީ ވެރިކަމެއްގެ ނުވަތަ ވެރިއެއްގެ ފުރިހަމަ ސިޔާސަތުތަކަކުން ނޫނެވެ؛ އެއީ އެއްވެސް ބޭރު ބާރަކަށް މި ރަށްތައް (ދެމެހެއްޓެނިވި ގޮތެއްގައި) އަޅުވެތިވިޔަ ނުދިނުމަށް ދިވެހިންގެ ކިބާގައި ޒަމާނުއްސުރެ ހުރި ހިތްވަރެއްގެ ސަބަބުންނެވެ.








