ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް: އުތީމު ދަރިކޮޅުގެ ނިމުން (ހަވަނަ ބައި)

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ފަސްވަނަ ބައި

ސްރީ މަނިރަންލޯކަ މަހާރަދުންގެ މަންމާފުޅާ އަދާވާތްތެރިވީ ދިވެހީން ފިލައިގެން މަލާބާރު ކަރަޔަށް ގޮސް އެތަނުގެ ކަނޑުފޭރޭ ބަޔަކާއި އެކު އައިސް ތިލަދުންމަތީގެ އެތަކެއް ރަށެއް ފޭރި ކައި ލޫޓުމާރު ކުރި ކުރުން ނިމުމަކަށް ގެނުވުނު ކަމުގެ އުފަލުގައި ދިވެހީންގެ ވެރި ރަށް އޮތީ އެކީ އެކަށް ޒީނަތްކުރެވިފައެވެ. ދިވެހި ޝާހީ ލަޝްކަރު ހޯދި ނަސްރާއި ކާމިޔާބުގެ އުފަލުގައެވެ. އަދި އެބައިމީހުންނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ރަނިކިލަގެ ގަސްތުފުޅު ކުރެއްވީ ސީދާ ގޮތުން ކަނޑުމަތީން ލަޝްކަރާ ބައްދަލުކުރައްވައިގެންނެވެ. މިހެންކަމުން ރަދުންގެ އޮޑިކޮޅު ތައްޔާރު ކުރައްވާ ރަސްގެފާނާ ރަނިކިލަގެ އާއި އަދިވެސް ދައުލަތުގެ ކުރިޔަށް ތިއްބެވި ބޮޑުންނާއި ވަޒީރުންނައިގެން އިއްޒަތުގައި ގަނޑުވަރުން ނިކުންނަވާ ޝާހީ އޮޑިކޮޅަށް އަރާވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ލަޝްކަރާއި ރަދުންގެ އަރުމާޒާ ބައްދަލުވީ ކަނޑުމަތީންނެވެ. ރަދުންގެ އޮޑިކޮޅުން މަރުހަބާއަށްޓަކައި އޮޑިކޮޅުގައިވާ ބޮޑުބަޑިތަކުން ސަލާން ޖެއްސެވެ. މި ސަލާމަށް ރައްދުގައި ލަޝްކަރުގެ ގުރާބުތަކުންވެސް ބޮޑު ބަޑިން ސަލާން ޖެއްސެވެ. އަދި ކީރިތި މަހާރަދުންގެ އޮޑިކޮޅު ޝާހީ ގުރާބުތަކާއި ގާތްކުރުމަށްފަހު ރަދުންނާއި ކަނބާ މަރިޔަމް ރަނިކިލަގެ ލަޝްކަރުގެ ބޭކަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އާދޭހެވެ! އެ ހަނގުރާމައަށް ދުރުވި ކޮމާންޑަރުންނާއި އަސްކަރުގެ އެކިއެކި ވަރުވަރުގެ އެދުރު ބޭކަލުން ރަދުން އާއި ރަނިކިލަގެއަށް ކުރުނީސްކޮށް އުފާފާޅު ކުރުން ފެށިގެން ދިޔައެވެ.

ކީރިތި މަހާރަދުންނާއި ރަނިކިލަގެގެ މަރުހަބާއަށް ފަހު ޝާހީ ބޭންޑުގެ ފަރާތުން ރީތި ރާގުތައް ކުޅެން ފެއްޓިއެވެ. ބެރުވެރީން އެކި ކަހަލަ ފޯރި އަންނަ ބެރުތައް ޖަހަން ފެށިއެވެ. އިސާހިތަކު ދިވެހި ޝާހީ ލަޝްކަރުގެ އެންމެހައި ނައުފަހަރުތަކާއި ގުރާބުތަކަށް އެކި ކަހަލަ ކުލަކުލައިގެ ދިދަތައް ނެގުނެވެ. އަދި ޒީނަތުގެ ގޮތުން ދަމާ ޒާތުގެ ފޮތިތައް އެ އެންމެހައި އުޅަނދެއްގައި ދަމާ އެ ހުރިހާ އުޅަނދެއް ޒީނަތްތެރިވެސް ކުރިއެވެ. ދެން އުފަލާއެކު ވައިގެ ތެރެއަށް ބަޑިތައް ޖަހާ އުފާފާޅުކުރުމުގެ އެކި ކަހަލަ ހަރަކާތްތައްވެސް ހިންގަން ފެށުނެވެ. ދެން ރާއްޖޭގެ މުސްކުޅި ވެރިރަށް އާދެ ފުރަމާލޭގެ ބަނދަރަށް ދިވެހި ޝާހީ ލަޝްކަރުގެ ގުރާބުތަކާއި ނައުފަހަރުތައް މިސްރާބު ޖަހައިގަތީ މި އަރުމާޒުގެ އެންމެ ކުރީގައި ރަދުންގެ އޮޑިކޮޅު އޮވެގެންނެވެ. މާލެއަށް ދަތުރު ކުރަމުން ދިޔައީ އުފަލުގައި އެކި ކަހަލަ ލަވަ ކިޔަމުންނާއި ރީތި މިއުޒިކީ ރާގުތައް ކުޅެމުންނެވެ.

ފައްސިޔަށް ދުވެފައި އިސާހިތަކު މި ބޮޑު އަރުމާޒު އައިސް މާލެ އަތޮޅު ބަނޑޮހުގެ ބަނދަރަށް އަތުވެއްޖެއެވެ. މިހިސާބަށް އާދެވުނީ އިރުއޮއްސެން ވަރަށް ގާތްވެފައި ވަނިކޮށްކަމަށް ވާތީ ބޮޑުން ގަސްތު ކުރެއްވީ މާލެ އާއި ދިމާއަށް ދަތުރު ކުރާނީ އަނެއް ދުވަހު އިރު އެރުމުންކަމުގައެވެ. އެއީ މާލެ އާއި ދިމާއަށް އަންނާނީ އެ ހޯދި ނަސްރުގެ އުފަލުގައި ނައުތަކާއި ގުރާބުތަކުގެ ކުނބަށް މަރަވަރާއި އަމަރާލި ނަގައިގެންކަމަށް ވާތީއެވެ. އަދި ޒީނަތުގެ އިތުރު ދިދަތައް ނަގައިގެންނާއި ފޮތިތައް ދަމައިގެންކަމަށް ވާތީއެވެ. މިހެންކަމުން މި ގުރާބުތަކާއި ނައުތަކާއި އަދި އޮޑިފަހަރުތައް އެޅީ ބަނޑޮސް ކައިރީގައެވ. އެރޭގެ އިރުއޮއްސުމާއި އެކު އެކި މޫސީގާރުން ރީތި ރާގުތައް ކުޅެން ފެއްޓިއެވެ. އެކި ކަހަލަ ނެށުންތަކާއި އެކުގައެވެ. އަދި ބޮޑެތި ޣަޒަލްތަކާއި ލަވަތައްވެސް ކިޔަމުން ގެންދަމުންނެވެ. އަދި އުފާފާޅު ކުރުމުގެ ގޮތުން ބަނޑޮހުގެ ބަނދަރުން ހަވާ އަރުވާ ބަޑިބޭހުގެ އެކި ކަހަލަ ކުޅިވަރުތައްވެސް ކުޅެވުނެވެ.

ކަންނަންނޫރު އަލީރާޖާ އަކީ ރާއްޖޭގެ ކައިރީގައި އޮތް ހަމައެކަނި އިސްލާމީ އަނެއް ދައުލަތުގެ ވެރިޔާއެވެ. ރާއްޖެއަށްވުރެ ބޮޑުތަނުން ކުޑަ ދައުލަތެއްގެ އަމީރީ ވެރިޔެކެވެ. އެހެންނަމަވެސް ތިމާމެންނާ އެންމެ ކައިރީގައި އޮތް އިސްލާމީ އަނެއް ދައުލަތަކަށް ބަހައްޓަންވީ އުޚުއްވަތްތެރިކަމާއި ރަޙުމަތްތެރިކަން ބެހެއްޓުމުގެ ބަދަލު ކަންނަންނޫރުގެ އަލީރާޖާއިން ހިޔާރުކޮށްފައި ވަނީ އަދާވާތްތެރިކަމެވެ. ކައިރީގައި އޮތް އެހެނިހެން ގައިރު ދީނުގެ ދައުލަތްތަކުން ނުދޭހާ ބޮޑެތި ގެއްލުން މަލާބާރުކަރައިގެ އަލީރާޖާއިން ވަނީ ދިވެހީންނަށް ދީފައެވެ. އެތައް ނުކުސާނަކާއި ތުރާލެއް ޖައްސާފައެވެ. އެތައް ދިވެހީންނެއް މަރާ ދިވެހި އެތައް ރަށެއް ފޭރިކައިފައެވެ.

ރަސްކަމުގައި އިންނެވި ސްރީ މަނިރަންލޯކަ މަހާރަދުންގެ އިއްޒަތްތެރި ބައްޕާފުޅު އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައިވެސް މި އަލީރާޖާއިން ދިވެހިރާއްޖެއަށް ހަމަލާކޮށް އެތައް ދިވެހިރަށެއް ލޫޓުމާރު ކުރިއެވެ. އަދި އެތަކެއް ސަތޭކަ ދިވެހީންނެއްގެ ލެއި ބިމަށް އޮހޮރުވާލިއެވެ. މިކަމުގެ ބަދަލުގައި އިސްކަންދަރު ރަސްގެފާނު ދިވެހި ޝާހީ ލަޝްކަރު ފޮނުއްވާ އަލީރާޖާއަށް ވަރުގަދަ ހަމަލާއެއް ދެއްވިއެވެ. އަލީރާޖާގެ އެތަކެއް ރަށެއް ހިފާ ދިވެހީން މެރި ފަދައިން އޭނާގެ އެތަކެއް ރައްޔިތުންނެއް މަރާ ހެދިއެވެ. އެފަހުން ދެން އަލީ ރާޖާގެ އެއްވެސް ތުރާލެއް އުނދަގުލެއް ނެތި އޮތުމަށްފަހު އަނެއްކާވެސް މިކަން މި ޖެހިގަތީ އެރަދުންގެ ތުއްޕުޅު ދަރިކަލުންގެ ދުވަސްވަރަށް އައިމައެވެ.

މިފަހަރު މަލާބާރުކަރައިން އެއައި ބަޔަކު އެއައީ އެ ތުއްޕުޅު ރަދުންގެ މަންމާފުޅާވީ އަދާވަތެއްގައި އެތަނަށް ފިލައިގެން ދިޔަ ދިވެހީންތަކެއްގެ އެދުމުގެ މަތީންނެވެ. އިސްކަންދަރު ރަސްގެފާނު ދުނިޔޭގައި ނެތެއްކަމަކު، ރަސްކަމުގައި އިންނެވީ އެރަދުންގެ ތުއްޕުޅު ދަރިކަލެއްކަމަކު، އަދި އެރަސްކަން ހިންގަވާ ދެއްވަން އިންނެވި އިސްކަންދަރު ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުންނެއް ކަމަކު، މަލާބާރީންނަށް ޖެހުނީ ބިރުން ސިހިގެން ފިލާން ދުވާށެވެ. އެ ހަނގުރާމައިން މޮޅުވުމުން އެހާ އުފަލެއް ކުރާން ޖެހުނު ސަބަބަކީވެސް އެއީއެވެ. ޒަމާންވީ އަދާވާތްތެރީންގެ ބަޔަކަށް ދެވުނު ވަރުގަދަ "މެސެޖަކަށް" ވާތީއެވެ.

ކޮންމެއަކަސް އަނެއް ދުވަހަށް އިރުއަރައްޖެއެވެ. ބަނޑޮހުގެ ބަނދަރުން އެ ބޮޑު އަރުމާޒުތައް ނަގާ، މާލޭގެ މުސްކުޅި ބަނދަރާ ދިމާއަށް ދަތުރު ފަށައިފިއެވެ. މި މަންޒަރު ބަލާން މާލޭގެ ކުދިބޮޑު އެންމެތަކުން އެއްވެ ތިއްބެވެ. ރާޅުތައް ކަފަމުން ބާރު ދުވެލީގައި އެ ހުރިހާ އުޅަނދެއް ދަތުރުކޮށްފައި އައިސް މާލެ ކައިރީ އޮންނަ ދޫނިދޫގެ ބަނދަރަށް ދޫކޮށް ނަގިލި ލައިފިއެވެ. ދެން އެ ގުރާބުތަކުންނާއި ނައުފަހަރުތަކުން ސަލާމުގެ ބަނޑިތައް ޖެހިއެވެ. އަދި ލަޝްކަރުންވެސް ވައިގެ ތެރެޔަށް އުފާފާޅު ކުރުމުގެ ގޮތުން ބަޑިތައް ޖަހާއުޅުނެވެ. މި އުފާވެރި ވަގުތުތަގައި މި ބަޑިތައް ޖަހާތަނާއި އެ ބޮޑު އަރުމާޒު ޒީނަތްކޮށްފައި އޮތްތަން ދެކޭން އެއިރު މާލެއާއި މާލެ ކައިރީގައިވާ ރަށްރަށުގެ އެންމެން ތިބީ ބަލާށެވެ. އުފާވެރި ރީތި މަންޒަރެކެވެ.

އެހެންނަމަވެސް މި މަންޒަރު ދެކޭން ތިބި އެންމެހައި ދިވެހި ރައްޔިތުން ކުއްލިއަކަށް ސިހިގެން ދިޔައީ އެބައިމީހުންގެ ކީރިތިވި މޫރިތިވި ރަސްގެފާނު އައްސުލްޠާން މުޙައްމަދު ސްރީ މަނިރަންލޯކަ މަހާރަދުން ހުންނެވި އޮޑިކޮޅު ގޮވިތަން ފެނުމުންނެވެ. އާދޭހެވެ! ރަދުންނާއި ރަދުންގެ މަންމާފުޅު ރަނިކިލަގެ އާއި އެކަމަނާގެ އެއްބަނޑު ތިމާގެ މީހުން ކަމުގައިވި ބޮޑުންނާއި އެކަމަނާގެ އަރިސް ވަޒީރުންނާއި މި އެންމެ ބޭބޭފުޅުންނާއި ބޭބޭކަލުން ތިއްބެވި އޮޑިކޮޅު ބާރުގަދަ އަޑަކާއެކު ގޮވީއެވެ. ހުޅުގަނޑުގެ ވަރަށް މައްޗަށް އަރައިގެން ދިޔައެވެ. އޭގައި ތިބި ބައެއް މީހުން ވިއްސައިގެން ބުރަބުރައިގެން ދިޔައެވެ. ދެން އޮޑިކޮޅުގެ ބާކީ އޮތްބައި އެތަނަށް ފެތިއްޖެއެވެ.

ރަދުންގެ އޮޑިކޮޅު ގޮވިތަން ފެނިފައި އަވަސް އަވަހަށް ދެންތިބި ގުރާބުތަކުން ކުދި ބައްތެލިތަކާއި ބޮއްކުރާތައް ބޭލިއެވެ. އަދި މާލެއިންވެސް އައި ކުދި ބައްތެލިތަކާއި އެކު އެހުރިހާ ބައްތެލިތަކެއް އޮޑިކޮޅު އެނދިތަނަށް ދިޔައިރު ފެނުނީ ވިއްސައިގެން ގޮސް ކަނޑަށް ޖެހުނު ގިނަ މީހުން މަރުވެފައިވާ ތަނެވެ. އަނެއް ބަޔަކު ވަރަށް ބޮޑަށް ފިހިފައި މަރުނުވެ ތިއްބެވެ. ގިނަ ބައެއްގެ ގައިގައި އެއްވެސް ހަމެއް ނެތެވެ. ކުދި ބައްތެލިތަކުގައި އެތަނަށް އައި އެންމެހައި ލަޝްކަރީންނަށް އެބައިމީހުންގެ ތުއްޕުޅު ރަދުން އަވަހާރަ ނުވެ އޮއްވާ ފެނުނެވެ. އެކަމަކު އެރަދުންގެ ހަށިކޮޅުގައިވެސް ހަމެއް ނެތެވެ. މުޅި ހަށިކޮޅު އޮތީ ފިހިފައެވެ.

އަވަސް އަވަހަށް ރަދުންގެ ހަށިކޮޅު ބައްތެއްޔަށް ނަންގަވާ މާލެއަށް ގެންދެވުނެވެ. ރަދުން މާލެއަށް ފޮނުއްވުމަށްފަހުވެސް މުޅި އެ ސަރަހައްދު ބަލަމުން ދިޔައީ ރަނިކިލަގެ ފެނޭތޯއެވެ. އެކަމަނާއެއް ނުވަތަ އެކަމަނާގެ އެއްވެސް އަރިސް ބޭކަލަކު ވިޔަސް އެބައިމީހުންނަށް ފެނުނުކަމުގައެއް ނުވެއެވެ. ކޮންމެއަކަސް އޮޑިކޮޅުން ފިހިގެން މާލެ ގެނެވުނު އެންމެނަށް ބޭސްކުރުމުގެ ކަންތަކައިގެން އާއްމުން އަވަސްވެގަތެވެ. ރަސްގެފާނުގެ ހަށިކޮޅު ގެންދެވުނީ ޝާހީ ގަނޑުވަރަށެވެ. އަވަހަށް ބޮޑެތި ބޭސްވެރިން ގެންނަވާ ރަދުންނަށްވެސް ބޭސްކޮޅު ކުރެއްވުމުގެ ކަންތައް ފެށުނެވެ. އެކުރެވުނު ބޭހަކުން އެއްވެސް ލުޔެއް ލިބިވަޑައި ނުގަތެވެ. ދުވަހަކަށްވުރެ ދުވަހެއް ހާލުކޮޅު އައީ ބޮޑުވަމުންނެވެ. މިގޮތުން ފިހިވަޑައިގެންނެވިތާ 7 ވަނައަށްވީ ދުވަހު......އާދެ! މީލާދީ ސަނަތުން 1691 ވަނަ އަހަރުގެ މާރިޗު މަހުން 5 ވީ ހޯމަދުވަހު ކީރިތި މަހާރަދުން އަވަހާރަވެއްޖެއެވެ. އައްސުލްޠާން އިބްރާހިމް އިސްކަންދަރުގެ ދަރިކަލުން އައްސުލްޠާން މުހައްމަދު ސްރީ މަނިރަން ލޯކަ މަހާރަދުން އަވަހާރަވީއެވެ. ޢުމުރުފުޅުން އެންމެ ދިހަ އަހަރުފުޅުގައެވެ.

ތުއްޕުޅު ރަދުން ތަހުތުގައި ރެނދަލި ކުރެއްވީ ހަތަރު އަހަރާއި އެއް މަހާއި 19 ދުވަހުއެވެ. ރަސްކަމުގެ އެންމެ ކުރީކޮޅުގައި އެރަސްކަމުގެ ގާއިމުމަގާމް "ރީޖަންޓަކީ" ވެލާނާ ތަކުރުފާނެވެ. ފަހުން އެމަގާމު ފުރުއްވީ ރަދުންގެ މަންމާފުޅެވެ. ކޮންމެއަކަސް މި ހިތިމާވެރި ހާދިސާގައި ލިބިވަޑައިގެންނެވި ބޮޑެތި ޒަހަމުތަކަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ރަދުން އަވަހާރަވީއެވެ. ނެތިގެން އެދިޔައީ އުތީމު ދަރިކޮޅު، ޝާހީ ދަރިކޮޅެއްގެ ގޮތުގައި ރަނގަޅަށް ސާބިތު ކުރެއްވި ބޮޑު ރަސްގެފާނުގެ އިސްކަންދަރު ރަސްގެފާނުގެ ދަރިފަސްކޮޅުވެސްމެއެވެ.

އާދޭހެވެ! ރާއްޖޭގެ ވެރިކަމުގެ ގާނޫނު ބުނާގޮތުން ރަސްކަލަކު ފަސްދާނުގައި ވެޑުވޭނީ ރަސްކަލަކު އަމުރުފުޅު ކުރެއްވީމައެވެ. އެހެންނަމަވެސް މިހާރު ދިވެހިރާއްޖެ އޮތީ ވަރަށް ބޮޑު ހުސްކަމެއްގެ ތެރޭގައެވެ. އެހެނީ އުތީމު ޝާހީ ދަރިކޮޅު ގޮތަކަށް ހުލިވީއެވެ. އައްސުލްޠާން މުހައްމަދު އިމާދުއްދީނުގެ ހުންނެވި ދަރިކަލަކީ އިސްކަންދަރު ރަސްގެފާނެވެ. މި ރަސްގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލަކީ އަވަހާރަވި ރަސްގެފާނެވެ. އެރަދުން އަވަހާރަވީ ބޮޑުފުޅު ނުވެއެވެ. މިހެންކަމުން ބޭފުޅަކުވެސް ނެތެވެ. މިހާރު އުފެދިފައިވާ ސުވާލަކީ ދެން ދިވެހި ޒަމާންވީ ސިންގާ ތަޚުތު ވިރާސީ ހަމައިން ވާރުތަ ކުރާނީ ކޮންބޭފުޅަކަށްތޯކަމެވެ. ސިންގާ ތަހުތު ވަރަށް ބޮޑު ހުސްކަމެއްގެ ތެރެއަށް ދިޔައީއެވެ.

ދިވެހީންގެ ސިންގާ ސަނާ މިހާ ބޮޑު ހުސްކަމެއްގެ ތެރެއަށް މިދިޔައީ ޖަވާބު ނުލިބޭ ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ހާދިސާއެއްގެ ތެރެއިންނެވެ. އަދި އެއީ ޝައްކުގެ ނަޒަރުން ބެލޭނެ ވަރަށް ބޮޑު ހާދިސާއެއްވެސް މެއެވެ، ރަދުންގެ އޮޑިކޮޅު ގޮވި ގޮވުމެވެ. އޮޑި ގޮވި އިރުގައިވެސް ގޮވީ ސީދާ ރަދުންނާއި ރަދުންގެ މަންމާފުޅު ހުންނެވި ފަރާތްކަމުގައިވާކަމެވެ. ދިމާވި ހިތާމަވެރި ހާދިސާއަކަށްވުރެ ބޮޑަށް ގާތް ކުރެވެނީ މިއީ ބަޔަކު ރޭވި ނުބައި އަނިޔާވެރި ރޭވުމެއްކަމުގައެވެ. އާދޭހެވެ! ބެލެވެނީ ސްރީ މަނިރަންލޯކަ މަހާރަދުންނާއި ކަނބާ މަރިޔަމް ރަނިކިލަގެ އަވަހަރާކޮށްލެވުނީކަމުގައެވެ (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox