15 ވަނަ ގަރުނުގައި އިންޑިއާ ކަނޑަކީ ބައްރުތައް ވަކިކޮށްދިން ހުރަހެއް ނޫނެވެ؛ އެއީ ކަނޑުދަތުރުފަތުރުގެ ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅުނު މަގެކެވެ. މި ގްލޯބަލައިޒްވެފައިވާ ނެޓްވޯކްގެ މައި މަރުކަޒަކަށް ވެފައި އޮތީ ދިވެހިރާއްޖެ އެވެ.
އިރުވައި ހުޅަނގު، މޫސުމީ ވައިގެ އެހީގައި ކުރާ ދަތުރުފަތުރުގެ ރޫޓުތަކާއި، މިންގް ދަރިކޮޅުގެ ވިޔަފާރީގެ ފުޅާވުމާއި، އަދި އެ ޒަމާނުގެ އެންމެ އަގުހުރި މުދަލުގެ ވިޔަފާރިތަކުގެ ސަބަބުން، ދިވެހިރާއްޖެއިން ވަނީ ދުރު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، އަދި ސުވާހިލީ އައްސޭރިފަށުގެ ސަރަހައްދު ކަނޑުދަތުރުފަތުރުގެ ޒަރީއާއިން ވަރަށް ވަރުގަދައަށް ގުޅުވާލާފަ އެވެ.
ކަނޑުދަތުރުގެ މި ނިޒާމަކީ ކުރިއްސުރެ އޮތް، އެކި ސަރަހައްދީ މަރުކަޒުތައް އެކުލެވިގެންވާ ނިޒާމެކެވެ؛ މިންގް ފްލީޓްތައް އައުމުގެ މާ ކުރިންވެސް މެދުވެރިން (އަރަބި ފާރިސީ އިންޑިޔާ) މެދުވެރިކޮށް ސީނު މުދާ އިރުމަތީ އެފްރިކާއަށް ލިބެމުންދިޔަ އެވެ.
ނަމަވެސް އެޑްމިރަލް ޒެންގް ހޭ (Zheng He)، ހަޒާނާ އޮޑިފަހަރުތަކުގައި ކުރެއްވި ދަތުރުތަކަކީ ސީދާ ސީނުކަރައިގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަކަށް ފެނިގެންދިޔަ ދުވަސްވަރެވެ.
މި އަންނަނިވި ކަންކަމަކީ ލިޔުންތަކުންނާއި ތާރީހީ ފައިސާއާއި އަދި މަތީ ފަންތީގެ ސީނުތަށި، ސީނު ގުޅި، މުށި ކަންވާރުފަދަ ހިފާގެންގުޅޭ އަގުބޮޑު ތަކެތިން މިއަދު ވެސް ފެންނާން ހުރި ސާބިތުވާ ކަންކަމެވެ.
ޖުގްރަފީގެ މައިގަނޑު ގުޅުން
އިންޑިއާ ކަނޑުގައި ދަތުރުކުރުން ބަރޯސާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށްވާތީ، ކަނޑުދަތުރުވެރިންނަށް ހިތުހުރިގޮތަކަށް ހުޅުވިފައިވާ މާ ކަނޑުތަކުގައި ދަތުރެއް ނުކުރެވެ އެވެ. ދަތުރުތަކަށް ރޭވުންތަކެއް ބޭނުންވާއިރު، ދިވެހިރާއްޖެ އޮތީ ކަނޑުދަތުރުފަތުރުގެ މައިގަނޑު ތިން މަގު ހުރަސްވާ ހިސާބުގަ އެވެ:
އިރުމަތީ މަގު: މި މަގުން ރާއްޖެ ސީދާ ގުޅުވައިދިނީ މިންގް ޗައިނާއާއި، މަލާކާ ކަނޑުއޮޅިއާއި، އޮޅުދޫކަރަ (ޝްރީލަންކާއާއި)، އަދި ބަންގާޅުކަރަ އާއި އެވެ.
އުތުރު މަގު: މި މަގުން ޖަޒީރާ ރަށްތައް ގުޅުވައިދިނީ ޕާޝިއަން ގަލްފުގެ (ހޯރްމުޒް)، ރަތް ކަނޑުގެ، އަދި އިންޑިއާގެ ކަންބޭ އައްސޭރިފަށުގެ ވިޔަފާރީގެ މައި މަރުކަޒުތަކާއެވެ.
ހުޅަނގު މަގު: މި މަގަކީ އަރަބި ކަނޑު ހުރަސްކޮށް ސުވާހިލީ އައްސޭރިފަށަށް (މޮގަދީޝޫ، މޮމްބާސާ، ޕެމްބާ، އަދި ކިލްވާ ހިމެނޭ ގޮތަށް) ސީދާ ދެވޭ މަގެކެވެ
ޒެންގް ހޭގެ ހަޒާނާ އޮޑިފަހަރަށް ބޭނުންވި ލޮޖިސްޓިކް އެހީތެރިކަން
އެޑްމިރަލް ޒެންގް ހޭގެ ބިޔަބޮޑު އާގުބޯޓުފަހަރު، އެތައް ސަތޭކަ ބިޔަ އާގުބޯޓާއި އެތައްގިނަ މުވައްޒަފުން އެކުލެވިގެންވާ މި ފްލީޓްތައް ،ސާދަ ސަތޭކަ ފަސްވަނަ އާއި، ސާދަސަތޭކަ ތެއްތިރީހާ ދެމެދު ތާރީޚީ ދަތުރު ތަކަށް ނުކުތްއިރު، ދިވެހިރާއްޖެއިން ވަނީ ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
ފާހަގަކޮށްލެވޭ ފަރާތްތަކުން (ހާއްސަކޮށް ރޮޑަރިޗް ޕްޓެކް އަދި އެހެން ފަރާތްތަކުން) ކޮށްފައިވާ އެކި ދިރާސާތަކުން ދައްކާ ގޮތުގައި ސީނުކަރަ އާއި ރާއްޖެއާ ދެމެދު ރަސްމީ ގުޅުންތައް ހިންގާފައިވަނީ މައިގަނޑު ގޮތެއްގައި ސާދަ ސަތޭކަ ތޭރަ، އާއި ސާދަސަތޭކަ ވިހީ ގެ އަހަރުތަކުގެ ކުރީކޮޅާ ދެމެދެވެ.
ހަތަރުވަނަ ދަތުރު (1413–1415): މިއީ ސާފުކޮށް އެނގެން އޮތް ކަމެކެވެ. ފްލީޓް (ނުވަތަ ވަކި ބައެއް) ހޮރްމޯޒަށް ދަތުރުކުރަމުންގޮސް ލިއުޝާން (ދިވެހިރާއްޖެ) އަދި ބިލާ/ބިޓްރާ އަދި ސުންލާ/ޗެޓްލެޓް ފަދަ އަތޮޅުތަކަށް މަޑުކުރިއެވެ. އެތަނުން ފެނުނު މާ ހުއާން (Ma Huan) ގެ ލިޔުންތަކުގައި ސީނުކަރައިގެ ބޯޓުފަހަރު އެތަނުން މުދާ ގަނެފައިވާކަން ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ފަސްވަނަ ދަތުރު (17–19): މިއީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. ބޭރު ޤައުމުތަކުގެ ސަފީރުން ޤައުމުތަކަށް ގެންގޮސްދިނުމަށް ޒެންގް ހޭއަށް އަންގާފައިވާއިރު، އޭގެތެރޭގައި ލިއުޝާންގެ ސަފީރެއް (ދިވެހިރާއްޖެ) ވެސް ހިމެނެއެވެ. އަދި ރެކޯޑްތަކުގައި ދިވެހިރާއްޖެ މަޑުކުރި ތަންތަނުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ހަވަނަ ދަތުރު (1421–1422): އިންޑިއާ ކަނޑުގެ އާންމު ދަތުރުފަތުރާއި ވެދުމާއި ހަދިޔާ ބަދަލުކުރުމުގެ އުޞޫލުތަކަށް ބަލާއިރު ބައެއް ބޯޓުފަހަރު މަޑުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ހަތްވަނަ އަދި އެންމެ ފަހު ދަތުރު (1431–1433): ރަސްމީ އޯޑަރުތަކުގައި ރާއްޖެއަށް ގޮސް ހަދިޔާ ދިނުމަށް ވަނީ ހިމާނާފަ އެވެ.
ހުޅުވިފައިވާ މާ ކަނޑު ހުރަސްކޮށް ހަފްތާތަކެއް ވަންދެން ދަތުރުކުރުމަށްފަހު، މި އަތޮޅުތަކުން ފްލީޓަށް ބޭނުންވާ ފެނާއި، ކާބޯތަކެތި،ހޯދިކަން (ތާރީހުން ހުރީ ފެންނާށެވެ. އަތޮޅުތަކުގެ ފަރުގިރިތަކުން ނެއްޓޭ ކަނޑުއޮޅިތަކަކީ އިރުމަތީ އެފްރިކާއަށް ދަތުރުކުރުމުގެ ކުރިން ތަރިތަކާ މިސްރާބު ދެނެގަތުމަށް ބޭނުންވި މުހިންމު ޕޮއިންޓްތަކެކެވެ. އަދި ނިވާ ބޮޑެތި ފަޅުތަކުގެ ސަބަބުން ބިޔަ އާގުބޯޓުފަހަރަށް މޫސުން ގޯސްވާ ވަގުތުތަކުގައި ރައްކާތެރިކަމާއެކު މަޑުކޮށްލެވުނެވެ. މިގޮތުން ދިވެހިރާއްޖެއިން ވަނީ "dragon's spittle fragrance" (މާވަހަރު) އަދި އެހެނިހެން މުދާ ފޯރުކޮށްދޭ މުދާ ބަދަލުކުރާ މައި މަރުކަޒެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
އެކި ދިމަދިމާއަށް ކުރެވުނު ވިޔަފާރި
15 ވަނަ ގަރުނުގައި އިންޑިއާ ކަނޑުގެ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެއިން ވަނީ މުދާ ބަދަލުކުރުމުގެ ފުރިހަމަ ވިޔަފާރިއެއް ސަރަހައްދުގައި ހިންގާފައެވެ. ސީނުކަރައިގެ އޮޑިފަހަރުން ގެނައި މުދަލުގެ ތެރޭގައި މަތީ ފަންތީގެ ސީނުގުޅި ތަށި ރުނބާ، ފަށުވިފޭރާން، ލާފެންކުރާ ސާމާނު ،ކަސަބު ގެ އިތުރުން ދަނޑުވެރިކަމާއި ގެވެހި ސާމާނު އަދި ބޭސްވެރިކަމުގެ ތަކެތި ހިމެނެއެވެ.
މީގެ ބަދަލުގައި ދިވެހިރާއްޖެއިން ފޯރުކޮށްދިނީ ޤުދުރަތީ މުއްސަނދިކަމެވެ؛ ޚާއްޞަކޮށް ހަނގުރާމައާއި ވިޔަފާރީގައި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި، (Cowrie shell currency) އާއި، އޮޑިދޯނިފަހަރު ބަނުމުގަ ބޭނުންކުރާ ސާމާނު ރޯނު ވާވެލާވެލި (Coir rope) އަދި މާވަހަރާ ކަހަނބުފަތެވެ.
ދިވެހި ވިޔަފާރި އޮޑި މެދުވެރިކޮށް މި އަގުބޮޑު ސީނުކަރައިގެ މުދާތައް ޒަންޖިބާރު އަދި ސުވާހިލީ އައްސޭރިއަށް ވިއްކާފައިވެއެވެ.
މިކަމުގެ ސަބަބުން ޕެމްބާ ރަށުގެ Mkame Ndume ނުވަތަ ކިލްވާގެ ޒީރަތްތައް ފަދަ ތަންތަން ބިނާކުރި ސުވާހިލީ ވެރިންނަށް 15 ވަނަ ގަރުނުގެ މިންގް ދަރިކޮޅުގެ ސީނުގުޅި ތަށި އަގުބޮޑުމުދާ ފަސޭހަކަމާއެކު ހޯދިފައިވެއެވެ. މިކަންކަން ސާބިތުވަނީ ދިރާސާ ކުރުމަށް ކޮނެފައިވާތަންތަނުން ފެނިފައިވާ ތަކެއްޗާއި، މާ ހުއާން އަދި އިބްނު ބަތޫތާ ފަދަ ދަތުރުވެރިންގެ ލިޔުންތަކުންނެވެ.
ނިންމުން
ޤުދުރަތީ ކަނޑުދަތުރުފަތުރުގެ ހަބެއްގެ ގޮތުންނާއި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުން ދިވެހިރާއްޖެއިން އަދާކުރި ދައުރަކީ، 15 ވަނަ ގަރުނުގެ ސަގާފީ، ޓެކްނޮލޮޖީގެ އަދި އިގުތިސޯދީ ކުރިއެރުންތައް ދުރު އިރުމައްޗާއި އެފްރިކާގެ އައްސޭރިފަށާ ދެމެދު ވަރަށް ފަސޭހަކަމާއެކު ހިއްސާވެގެންދިޔަ ކަމެކެވެ. މިންގް ފްލީޓްތަކުގެ މާކުރިންވެސް އޮތް މި މުއްސަނދި ނިޒާމުގެ ތެރެއިން، ކުރީޒަމާނުގެ މުހިންމު ގްލޯބަލް ގުޅުންތަކުގެ ބިންގާ އެޅިގެންދިޔަ މިކަނޑު ޖަޒީރާތައް އަދިވެސް އޮތީ ދުނިޔޭގެ އެންމެ މުހިން ސަރަހައްދުގެ ގޮތުގަ އެވެ.









