ރިޕޯޓުރިސޯޓުތަކުގެ އެނދު އިތުރު ވަނީ ޑިމާންޑަށް ވުރެ އަވަހަށް

ރިސޯޓުތަކުގެ އެނދު އިތުރު ވަނީ ޑިމާންޑަށް ވުރެ އަވަހަށް

ރާއްޖޭގައި ރިސޯޓުތަކާއި އެނދުތައް އިތުރުވަމުންދާ ނިސްބަތަށް ވުރެ، ޓޫރިސްޓުން އަންނަ މިންވަރު މަދުވުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގުތިސޯދީ ދުވެލި މަޑުޖެހުމުގެ އަސަރުތައް އަންނަނީ ފެންނަމުން.

ގްރެފިކްސް: އަދަދު
ގްރެފިކްސް: އަދަދު

ކޮންމެ އަހަރަކު ވެސް ރިސޯޓު ތަރައްގީކުރަން ސަރުކާރުން އާ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރެ އެވެ. މީގެ ތެރެއިން ބައެއް ތަންތަން ތަރައްގީކޮށް ނިންމާ ހުޅުވާއިރު، އަނެއް ބައި ތަންތަނަކީ އެ ކުއްޔަށް ނެގިއިރު އޮތް ހާލަތުގައި ހުރި ފަޅު ތަންތަނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 179 ރިސޯޓު ހިނގަމުން އެބަދެ އެވެ. ވޭތުވި 25 އަހަރަށް ބަލާ ކަމުގައި ވަނީ ނަމަ އަހަރަކު ތިން ހަތަރު ރިސޯޓު މަގުން ކޮންމެ އަހަރެއްގައި ރިސޯޓުތައް އަންނަނީ އިތުރުވަުންނެވެ. 

ޓޫރިސްޓު ރިސޯޓުތައް އިތުރުވާ ވަރަކަށް ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެ އެވެ. މީގެ ސަބަބުން ކޮންމެ އަހަރެއްގައި ކުރީ އަހަރުގެ ރެކޯޑުތައް މުގުރުމަކީ މިހާރު އާންމު ކަމެކެވެ. މި ރެކޯޑުތައް ގާއިމުކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ރާއްޖޭގެ ޓޫރިޒަމުގެ ބިންގާ ކަމުގައިވާ ރިސޯޓު ޓޫރިޒަމެވެ.

ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކުން ކަންބޮޑުވާ ޓްރެންޑެއް ފާހަގަވެ އެވެ. އެއީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން އިތުރުވާ ވަރަށް ވުރެ އަވަހަށް ރިސޯޓުތަކުގެ އެނދު އިތުރުވުމެވެ. މި ޓްރެންޑާ މެދު ރިސޯޓު އިންވެސްޓަރުންގެ ކަންބޮޑުވުންތައް އަންނަނީ ދުވަހުންދުވަހަށް އިތުރުވަމުންނެވެ.

ވާލްޑް ބޭންކުން މެއި، 2024 ގައި ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައިވާ ގޮތުގައި، 2023 ގައި ޓޫރިސްޓުން 12 ޕަސެންޓު އިތުރުވި ނަމަވެސް، ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ ވަނީ 6.8 ޕަސެންޓު ދަށްވެފަ އެވެ. އެ އިދާރާއިން ބުނީ، މީގެ ސަބަބަކީ އަގު ބޮޑު ރިސޯޓުތަކުގެ ބަދަލުގައި ގެސްޓްހައުސްތައް ހިޔާރުކުރާ ޓޫރިސްޓުން އިތުރުވެ، ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވުން ކަމަށެވެ.

މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވާލްޑް ބޭންކުގެ ރިޕޯޓުގައި ދިނީ ބިރުވެރި އިންޒާރެކެވެ. އެ އިދާރާއިން ބުނީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދަށްވުމުން، ގައުމުގެ އެންމެ ބޮޑު ދާއިރާގެ ކުރިއެރުމަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. މީގެ ނަތީޖާއަކީ، އިގުތިސޯދުގެ ދުވެލި މަޑުޖެހި، އިގުތިސޯދުގެ ކުރިއެރުން ލަސްވުމެވެ.

ވާލްޑް ބޭންކުގެ ރިޕޯޓާ ގުޅިގެން، ރިސޯޓު ވިޔަފާރިތަކުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު އެޓޯލް ޓައިމްސްއަށް ވިދާޅުވީ، ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓު ހުރީ އެވަރެޖުކޮށް 40 ޕަސެންޓުގައި ކަމަށެވެ. މި ދަށްވުމުގެ ރިހުން ބޮޑު ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ރިސޯޓުތައް ހިންގުމުގެ ހަރަދު ބޮޑުވެ، ކޮޓަރީގެ އަގު ދަށްވަމުން ދާތީ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ މަންޒަރު

ރާއްޖޭގެ ޓޫރިޒަމްގެ މައި ނަންބަރުތަކަށް ބަލާއިރު، މި ދާއިރާ ވަރަށް ދުޅަހެޔޮކޮށް ކަމަށް ދައްކަ އެވެ. މިދިޔަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށް، އާ ރެކޯޑެއް ގާއިމުކުރި އެވެ. މިއީ 2024 އަށް ވުރެ ގާތްގަނޑަކަށް ދެ ލައްކަ (199,901) ޓޫރިސްޓުންގެ އިތުރުވުމެކެވެ. އަދި، ޓޫރިޒަމްގެ ޓެކްސްތަކުން ސަރުކާރަށް ލިބުނު އާމްދަނީ ވެސް ރެކޯޑު މިންވަރަކަށް އިތުރުވި އެވެ.

ނަމަވެސް ސުރުހީ ހަދާ ނަންބަރުތަކުގެ ތަފުސީލަށް ވަދެ ބަލާއިރު ފެންނަނީ އެހެން މަންޒަރެކެވެ. ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ރޭތަކުގެ އަދަދު (ބެޑްނައިޓްސް) މިދިޔަ އަހަރު އިތުރުވީ 2.9 ޕަސެންޓު އެވެ. އެއީ 383,000 ރެ އެވެ. މިހެންކަމުން މިދިޔަ އަހަރު އިތުރަށް އައި ކޮންމެ ޓޫރިސްޓަކަށް ބެޑްނައިޓްސް އިތުރުވީ ގާތްގަނޑަކަށް ދެ ރޭ (1.9) އެވެ.

ބެޑްނައިޓްސް އިތުރުވީ އަދަދުގެ ތެރެއިން ރިސޯޓުތަކުގެ ހިއްސާ ފުރާނާލުމުން ޑިމާންޑު ދަށްވަމުންދާ މަންޒަރު ވަރަށް ރަނގަޅަށް ކުލަވެ އެވެ. މިދިޔަ އަހަރު އިތުރުވި ބެޑްނައިޓްސްގެ ތެރެއިން ރިސޯޓުތަކަށް ލިބުނީ އެންމެ 11,000 އެވެ. އެއީ ތިން ޕަސެންޓެވެ. ބާކީ ބެޑްނައިޓްސްގެ 81 ޕަސެންޓު ގެސްޓްހައުސްތަކަށް ލިބުނު އިރު، 16 ޕަސެންޓު ލިބުނީ ހޮޓާތަކަށެވެ.

އަހަރީ ހިސާބުތަކުގެ ތެރެއަށް ވަދެ ބޮޑު މަންޒަރު ބަލާއިރު، މިއީ އެންމެ އަހަރެއްގެ ކަމެއް ނޫން ކަން ވެސް އެނގެ އެވެ. ވޭތުވި ހަތަރު އަހަރަށް ބަލާ ކަމުގައި ވަނީ ނަމަ، މި ހުރިހާ އަހަރެއްގައި ވެސް މެދުކެނޑުމެއް ނެތި ރިސޯޓުތަކުގެ އެނދު އިތުރުވި އެވެ. ނަމަވެސް އެ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރެއްގައި ރިސޯޓުތަކުގެ އެނދު އިތުރުވީ، ބެޑްނައިޓްސް އިތުރުވީ ވަރަށް ވުރެ ބޮޑަށެވެ.

މީގެ ނަތީޖާއަކީ ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓު ދަށްވުމެވެ. 2022 ގައި އޮކިއުޕަންސީ ރޭޓު ހުރީ 71.4 ޕަސެންޓުގައެވެ. ޖެހިގެން އައި 2023 ގައި އޮކިއުޕަންސީ 66.3 ޕަސެންޓަށް ދަށްވި އެވެ. އަދި، 2024 ގައި 71 ޕަސެންޓުގައި ހުރި ރޭޓު މިދިޔަ އަހަރު 68.2 ޕަސެންޓަށް ދަށްވި އެވެ. މި އަހަރު ފުރަތަމަ އަށް މަހުގައި އޮކިއުޕަންސީ އުޅެނީ އެއަށް ވުރެ ދަށްކޮށް، 65.8 ޕަސެންޓުގަ އެވެ.

ރިސޯޓުތަކަށް ޓޫރިސްޓުން މަދުވަނީ ކީއްވެ؟

ރިސޯޓުތަކަށް ޑިމާންޑު ދަށްވަނީ ކީއްވެ ކަމާ މެދު ސީދާ ޖަވާބެއް ތަފާސް ހިސާބުތަކުގައި ނެތެވެ. ނަމަވެސް ތަފާސް ހިސާބުތަކާއި ޓޫރިޒަމް ދާއިރާގެ މީހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، މައިގަނޑު ހަތަރު ސަބަބެއް ފާހަގަކުރެވެ އެވެ.

ފުރަތަމަ އަދި އެންމެ މައިގަނޑު ސަބަބަކީ ރިސޯޓުތަކަށް ޑިމާންޑު އިތުރުވާ ވަރަށް ވުރެ އަވަހަށް ރިސޯޓުތަކުގެ އެނދު އިތުރުވުމެވެ. 2024 ގައި ހިންގަމުން ދިޔަ ރިސޯޓުތަކުގައި ގާތްގަނޑަކަށް 42,200 އެނދު ހުރިއިރު، މި އަހަރުގެ އޮގަސްޓު މަހު އެ އަދަދު ވަނީ 45,100 އަށް އަރާފަ އެވެ. އެއީ ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.

ނަމަވެސް މި މުއްދަތުގައި ރިސޯޓުތަކުގެ ބެޑްނައިޓްސް އެގޮތަކަށް އިތުރެއް ނުވެ އެވެ. މިދިޔަ އަހަރު ރިސޯޓު ބެޑްނައިޓްސް އިތުރުވީ އެންމެ 0.1 ޕަސެންޓު ކަމުގައި ވާއިރު، މި އަހަރުގެ ފުރަތަމަ އަށް މަހު ބެޑްނައިޓްސް ވަނީ 3.2 ޕަސެންޓު ދަށްވެފަ އެވެ. ޓޫރިޒަމް ޕައިޕްލައިންގައި 165 ތަނެއް ތަރައްގީކުރަމުން އަންނަ ކަމަށް އޮތްއިރު، މީގެ ތެރެއިން ހުޅުވާ ކޮންމެ ރިސޯޓަކުން ޓޫރިސްޓުން ހޯދަން މިހާރު ހުރި ރިސޯޓުތަކާއެކީ ވާދަކުރާނެ އެވެ.

ދެވަނަ ސަބަބަކީ ރިސޯޓުތަކުގައި އަގު ބޮޑު ޗުއްޓީއެއް ހޭދަކުރުމުގެ ބަދަލުގައި ރަށްރަށުގައި ހުރި ގެސްޓްހައުސްތައް ހިޔާރުކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދިޔުމެވެ. ބެޑްނައިޓްްސް ކޮމްޕޮޒިޝަން ދައްކާ ގޮތުގައި 2022 ގައި ޖުމްލަ ބެޑްނައިޓްސްގެ 84.4 ޕަސެންޓު ރިސޯޓުތަކަށް ލިބުނުއިރު، މި އަހަރުގެ ފުރަތަމަ އަށް މަހު އެ ހިއްސާ ވަނީ 77.4 ޕަސެންޓަށް ދަށްވެފަ އެވެ. އެ މުއްދަތުގައި ގެސްޓްހައުސްތަކުގެ ހިއްސާ ވަނީ 11.8 ޕަސެންޓުން 18.2 ޕަސެންޓަށް އަރާފަ އެވެ.

އަނެއްކޮޅުން ރިސޯޓުތަކަށް ވާގޮތަށް އެނދު އިތުރުވާ ވަރަކަށް އޮކިއުޕަންސީ ދަށްވުމުގެ ބަދަލުގައި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ އަންނަނީ މަތިވަމުންނެވެ. މި އަހަރުގެ ފުރަތަމަ އަށް މަހަށް ބަލާއިރު، ގެސްޓްހައުސްތަކުގެ އެނދު 15 ޕަސެންޓު އިތުރުވިޔަސް، އޮކިއުޕަންސީ ވަނީ 40،8 ޕަސެންޓުން 42.5 ޕަސެންޓަށް އަރާފަ އެވެ. ކުރިން ފާހަގަކުރި ވާލްޑް ބޭންކުގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ، ޓޫރިސްޓުން މިހާރު އިހުތިޔާރުކުރަނީ އަގު ބޮޑު ރިސޯޓުތަކަށް ވުރެ ގެސްޓްހައުސްތައް ކަމަށެވެ. 

ތިންވަނަ ސަބަބަކީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ހަރަދު އިތުރުވުމެވެ. ވޭތުވި ފަސް އަހަރަށް ބަލާއިރު، ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތަކާއި ފީތައް ވަނީ އިތުރުކޮށްފަ އެވެ. މީގެ ފަސް އަހަރު ކުރިން ގްރީން ޓެކްސްގެ ގޮތުގައި ބޮލަކަށް ރެއަކަށް ހަ ޑޮލަރު ނެގިއިރު، މިހާރު 12 ޑޮލަރު ނަގަ އެވެ. ޓީޖީއެސްޓީ ރޭޓު ވަނީ 12 ޕަސެންޓުން 16 ޕަސެންޓުން، 17 ޕަސެންޓަށް މަތިކޮށްފަ އެވެ. ވެލާނާ އެއާޕޯޓުން ފުރާ ބޭރުގެ މީހުން އިކޮނޮމީ ކްލާހުން ދައްކަން ޖެހޭ ޑިޕާޗާ ޓެކްސް ވަނީ 30 ޑޮލަރުން 50 ޑޮލަރަށް، މަތިކޮށްފަ އެވެ. 

މި ޓެކްސްތަކާއި ފީތައް މަތިކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ މަތިކުރެވުނަސް، މީގެ އަސަރު ޑިމާންޑަށް ކުރާ ކަން މިފަހުން ޓޫރިޒަމް ދާއިރާ ހަލަބޮލިވެގެން ދިޔައިރު ހާމަވީ މައުލޫމާތުން އެނގެ އެވެ. އެ ވެރިން ބުނަނީ ރާއްޖެ އަގު ބޮޑުވާ ވަަރަކަށް، ޓޫރިސްޓު ޑިމާންޑު ދަނީ ރާއްޖެ ކަހަލަ ޗުއްޓީ ހޭދަކުރެވޭ އެހެން ދިމަދިމާލަށް ކަމަށެވެ. އެ މީހުން ބުނާބުނުމުގެ އިތުރަށް ޓެކްސް ބޮޑުކުރުމުގެ ސީދާ ޑިމާންޑު ދަށްވީކަން ސާބިތުކުރެވެން ނެތެވެ. ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވުމަކީ، މިއަށް ބާރުދޭ ކަމެކެވެ. 

ހަތަރުވަނަ ސަބަބަކީ، ކަނެކްޓިވިޓީ މައްސަލަ އެވެ. ޓޫރިސްޓުން އިތުރުވާ ވަރަކަށް އަދި އާ މަންޒިލުތައް ހޯދައިގެން އެ ތަންތަނުގައި ތިބި ޓޫރިސްޓުން ގެންނަން ރާއްޖެ ވަނީ ނުކުޅެދިފަ އެވެ. މި ނުކުތާއަށް ބާރުދެނީ ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ މައުލޫމާތާއި ތަފާސްހިސާބުތަކެވެ. މިދިޔަ އަހަރު ޓޫރިސްޓުން 9.8 ޕަސެންޓު އިތުރުވީއިރު، ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރުވީ އެންމެ 3.6 ޕަސެންޓެވެ. 

މީގެ އިތުރުން، އާ ރޫޓުތައް ހޯދައިގެން، ރާއްޖެ އަންނަން ބޭނުންވެފައި ތިިބި ބަޔަކަށް ފަސޭހަކޮށްދިނުމުގައި ވެސް ރާއްޖެ އުޅެނީ މާ ފަހަތުގަ އެވެ. އާ ރޫޓެއްގެ ފައިދާ އެންމެ ރަނގަޅަށް ފެންނަނީ މޯލްޑިވިއަންއިން މިފަހުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތަކުންނެވެ. މި ދަތުރުތަކާއެކީ ކުރިން ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގައި ލައްވާވެސް ނުލާ އޮސްޓްރޭލިއާ ވަނީ ކުއްލިއަކަށް ޓޮޕް ސޯސް މާކެޓަކަށް ވެފަ އެވެ. 

އަނެއް ކޮޅުން، ރާއްޖޭގެ ޓޫރިޒަމް އޮތީ އެކީ ކަހަލަ ގޮތަކަށް އެހެން ހަބުތަކަށް ބަރޯސާވެފަ އެވެ. މިކަން އެންމެ ރަނގަޅަށް ހާމަވީ، މި އަހަރުގެ މާޗާއި އޭޕްރީލް މަހު މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުންނެވެ. އެ ދެ މަހު ޓޫރިސްޓުން 20 ޕަސެންޓަށް ވުރެ ގިނައިން ދަށްވި އެވެ. 

ރިސޯޓުތަކުގެ ޑިމާންޑު މަތިކުރަން ކުރެވޭނީ ކޮން ކަމެއް؟

މި މައްސަލަ ހައްލުކުރުމަށް ފުރަތަމަ ބަލަން ޖެހޭނީ ރިސޯޓު ތަރައްގީކުރުމަށް އާ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުން ވަގުތީގޮތުން މަޑުޖައްސާލުމަށެވެ. މިއީ ވަރަށް ކޮންޓްރޯވާޝަލް ކަމެއްގެ ގޮތުގައި އެއް ބަޔަކަށް ގަބޫލުކުރެވިދާނެ އެވެ.

ނަމަވެސް ރަށެއް ކުއްޔަށް ދިނުމުން ސަރުކާރަށް އެއްފަހަރާ ފައިސާކޮޅެއް، ލިބުނަސް، ދުރު ރާސްތާއަށް ބަލާއިރު ހުސްކޮށް ހުންނަ ކޮންމެ އެނދަކުން މުޅި އިގުތިސޯދަށް ގެއްލުންވެ އެވެ.  މިހެންކަމުން މިހާރު ދީފައިވާ ރަށްތައް ހުޅުވައި، އޮކިއުޕަންސީ ރޭޓު ރަނގަޅުވަންދެން އާ ރަށް ކުއްޔަށް ނުދީ ހިފެހެއްޓުމާ މެދު ވިސްނާލުން ބުއްދިވެރި އެވެ.

ދެވަނަ ކަމަކީ ކުއްޔަށް ދީފައިވާ ނަމަވެސް ތަރައްގީ ނުކުރެވި ހުރި ރަށްތަކުގެ މައްސަލަ ހައްލުކުރުމެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ތަރައްގީކުރަމުން އަންނަނީ 25 އަހަރު ވެފައިވާ ތަންތަން އެބަހުއްޓެވެ. ފިނޭންސް މިނިސްޓްރީގެ ފިސްކަލް ރިސްކް ސްޓޭޓްމަންޓުގައިވާ ގޮތުގައި، ތަރައްގީކުރުން ހުއްޓިފައިވާ ޓޫރިޒަމް ރަށްތަކުން ކޮންމެ އަހަރަކު 1.7 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބެ އެވެ.

މި ހާލަތުގައި ކަންކަން ހުރިއިރު، އާ ތަންތަން ދޫކުރުން ހުއްޓާލާފައި، ސަރުކާރުން އަވަސް ވެގަންނަންވީ ދޫކޮށްފައި ހުރި ތަންތަން އަވަހަށް ހުޅުވޭނެ ގޮތްތައް ހޯދާށެވެ. އަދި ރިސޯޓު މަސައްކަތެއް ނުކުރާ ރަށްތައް ސަރުކާރަށް އަނބުރާ ނަގާނަމޭ ކިޔަން ނުތިބޭ އެތަންތަން އަތުލުމާއި، ހުޅުވުމާ ކައިރިވެފައިވާ މަޝްރޫއުތަކަށް ބަޖެޓުން ފައިސާ ދީގެން ވިޔަސް އެ ތަންތަން ހުޅުވުން މުހިންމެވެ. 

ތިންވަނަ ކަމަކީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ޓޫރިސްޓުންގެ ޑިމާންޑް ދަށްކޮށް، އިންވެސްޓަރުން ކަންބޮޑުވާ ސިޔާސަތުތަކުން ދުރުހެލިވުމެވެ. ބޭރު ފައިސާގެ 40 ޕަސެންޓު ރުފިޔާއަށް ބަދަލުކުރަން މަޖުބޫރުކުރާ ގަވާއިދާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ މައްޗަށް ޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި އިސްލާހު ވެސް ފާސްކުރީ އޮގަސްޓު މަހު ކުއްލިއަކަށެވެ.

މިއީ މިކަން ކޮށްގެން ވާނެ ގޮތެއް ނޫނެވެ. ސިޔާސަތު ހަދާއިރު ދާއިރާގެ މަސްލަހަތުވެރިންނާ މަޝްވަރާކޮށް، ކުރިން ރޭވިފައިވާ ތާރީހުތަކެއް ކަނޑައަޅައިގެން ކަންކަން ކުރުން ބޭނުންތެރި އެވެ. އިންވެސްޓަރުންގެ އިތުބާރު ބިނާކުރެވޭނީ އެ ގޮތުގެ މަތިންނެވެ. 

މިކަންކަމުގެ އިތުރުން ޓޫރިސްޓުން މަދު މޫސުމުގައި މާކެޓިން އިތުރުކޮށް، ޓޫރިސްޓުން ގެންނަން ހަރަދު އިތުރުކުރަން ޖެހެ އެވެ. އަދި، ގައުމީ އެއާލައިން މޯލްޑިވިއަންއަށް ފްލައިޓުތައް އިތުރުކޮށްގެން ވިޔަސް، އާ ރޫޓުތައް ހޯދަން ޖެހެ އެވެ. ހަމަ މިގޮތަށް ބައިނަލްއަގުވާމީ އެހެން އެއާލައިންތަކާ ވާހަކަ ދައްކައިގެން ފްލައިޓް ރޫޓުތައް އިތުރުކޮށް، ކަނެކްޓިވިޓީ މަތިކުރަން އެބަޖެހެ އެވެ.

ރިސޯޓުތަކަށް އަންނާނެ ޓޫރިސްޓުން އެބަތިބިތަ؟

ތަފާސް ހިސާބުތަކުން ދައްކަނީ ރިސޯޓު ޓޫރިޒަމްގެ މުސްތަގްބަލާ މެދު ކަންބޮޑުވާ ފަދަ ތަސްވީރެކެވެ. ފޯބްސް މަޖައްލާއިން މި އަހަރުގެ މެއި މަހު ނެރުނު ލިސްޓުގައިވާ ގޮތުގައި، 2029 ގެ ކުރިން 20 އަށް ވުރެ ގިނަ އާ ރިސޯޓު ހުޅުވާނެ އެވެ. އެ ލިސްޓުގައި އެޓްލާންޓިސް އާއި، ރޯޒްވުޑް އާއި، ހަޔަޓްގެ އިތުރުން މެންޑަރިން އޯރިއެންޓަލް އާއި، ބުލްގާރީ އާއި، ކެޕެލާ އާއި، ނޮބޫ އަދި ޓްރަމްޕް ފަދަ ދުނިޔޭގެ ބޮޑެތި ބްރޭންޑްތައް ހިމެނެ އެވެ.

މީގެ އިތުރުން ބޭރުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅުމުގެ ފުރުސަތު ދޭ، ރެޒިޑެންސީ ޕްރޮގްރާމްތަކާ ގުޅުވައިގެން ތަރައްގީކުރާ ދެ ބޮޑު ޕްރޮޖެކްޓެއް ވެސް ކުރިއަށް އެބަ ދެ އެވެ. ނ. އަތޮޅުގައި ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ އައިލާ ޕްރޮޖެކްޓް ތަރައްގީކުރަނީ، ބޭރުގެ މުއްސަނދިން ދިރިއުޅެވޭނެ ވިލާތަކާއި ރިސޯޓު ހިމެނޭ ގޮތަށެވެ. އެ ޕްރޮޖެކްޓް 2028 ގައި ހުޅުވަން ރާވާފަ އެވެ.

އެއަށް ވުރެ މާ ބިޔަ މާސިންގާ ކަމަށް ބުނާ 12 ނޫނީ 20 ބިލިއަން ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން އަންނަނީ ޔޫއޭއީގެ އީގަލް ހިލްސްއާއެކީ ސޮއިކުރަން ތައްޔާރުވަމުންނެވެ. ސަރުކާރުން ބުނަނީ މި 500 ހެކްޓަރަށް ހެކަނި ވެސް އަހަރަކު އެއް މިލިއަން ޓޫރިސްޓުން އަންނާނީ ކަމަށެވެ.

މި ހުރިހާ ނަމްބަރުތަކެއް އެއްކޮށްލުމުން ފެންނަނީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރިސޯޓުތަކުގެ އެނދުތައް އިތުރުވަމުންދާ ކަމެވެ. އެކަމަކު މީގެން ޖަވާބު ނުލިބޭ އުނދަގޫ ސުވާލެއް އުފެދެ އެވެ. މި ހުރިހާ އެނދެއް ފުރާނެ ވަރަށް ރާއްޖެ އަންނާނެ، އަންނަން ބޭނުންވެފައި ތިބި ޓޫރިސްޓުން އެބަތިބިހެއްޔެވެ؟

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox