އިނގިރޭސިވިލާތުގެ ޕްރޮޓެކްޓުރޭޓުގެ ދަށުން ޖުލައި 26، 1965، ގައި ދިވެހިރާއްޖެ މިނިވަންކުރުމުގެ އެގްރިމެންޓުގައި ރައީސް އިބްރާހިމް ނާސިރު ސޮއި ކުރެއްވި ފަހުން، ދިވެހި ދައުލަތުގެ ފަރާތުން ސޮއި ކުރި އެންމެ މުހިންމު ޑޮކިއުމެންޓަކީ ސެޕްޓެމްބަރު 21، 2026، ގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ސޮއި ކުރެއްވި އެއްބަސްވުމެވެ.
މިހާތަނަށް ވެސް ސިއްރުކޮށްފައިވާ އެ ޑޮކިއުމެންޓަކީ ދިވެހިރާއްޖޭގެ ދުރު މުސްތަގްބަލް ރާވައި ކުރެހުމަށް، ޔޫއޭއީގެ، މުހައްމަދު އަލައްބާރުގެ، އީގަލް ހިލްސްއާއެކު ސޮއި ކުރި ހައްސާސް އެއްބަސްވުމެވެ.
އެ އެއްބަސްވުމުގެ ދަށުން ފުށިދިއްގަރުފަޅުގައި ހިއްކާ ސަރަހައްދުން 500 ހެކްޓަރު މަދުވެގެން 99 އަހަރަށް ނުވަތަ ތާއަބަދަށް އީގަލް ހިލްސްއަށް އަދި ބިދޭސީންގެ އަތް މައްޗަށް ދާނެ އެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންގޮސްފި ނަމަ، އެ ޑޮކިއުމެންޓު ވެގެންދާނީ އެތައް ގަރުނަކަށް ނުވަތަ ދުނިޔެ ނިމުމާ ހަމައަށް ރާއްޖޭގެ މިސްރާބު ކުރަހައިދޭނެ ލިޔުމަށެވެ.
ނަމަވެސް އެވަރުގެ މާސިންގާ ކަމެއް ހިނގާއިރު ވެސް އޮޅުންބޮޅުން އަރާ ކަންކަން ލައްކަ ގިނަ އެވެ. ދިމާނުވާ މައުލޫމާތުތައް ބައިވަރެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލައްބާރާއެކު ހެދި ޑީލުގައި ހުރި ދިމާނުވާ ކަންކަމާއި އޮޅުންތަކެވެ.
މި ލިޔުމުގައި މި ގެނެސްދެނީ އަބްދުﷲ މުއްތަލިބު ދުބާއީގައި ސޮއި ކުރެއްވި އެގްރިމެންޓުގައި ހުރި މައްސަލަތަކާއި އޮޅުންބޮޅުންތަކާއި ދިމާނުވާ ކަންކަން އަދި އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ސަރުކާރުގެ އޮފިޝަލުން ހަދާފައިވާ ދޮގުތަކެވެ.

ރަސްމާލެ ކުއްޔަށް ނުދިނުމުގެ ވައުދު
ފުށިދިއްގަރުފަޅު ހިއްކައި އެ ތަން ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް އެކަން ހިމެނެ އެވެ. މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނު ވަނީ ފުށިދިއްގަރުގެ ވާހަކަ އެތައް ފަހަރަކު ދައްކަވައިފަ އެވެ.
މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ، ގުޅީފަޅާއި ގިރާވަރުފަޅު ހިމެނޭ ގޮތަށް ފުށިދިއްގަރު ފަޅު ވެސް ވެރިކަމުގެ އެއް އަހަރުގެ ތެރޭގައި ހިއްކައި ނިންމުމެވެ.
"ގިރާވަރުފަޅުން ވެސް ހިއްކެން އޮތް ތަނެއް ވިއްޔާ ހިއްކާ، ފުށިދިއްގަރުފަޅު އެއްކޮށް ހިއްކައިގެން ފުރަތަމަ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ މާލެ ސަރަހައްދުން، މާލެ ސިޓީގައި ދިރިއުޅޭ، މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅުއްވާ ހުރިހާ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ގެދޮރުގެ މައްސަލައަށް ބޭނުންވާ ހުރިހާ ބިމެއް ހިއްކައިދީ ނިންމާނަން،" ސެޕްޓެމްބަރު 23، 2023، ގައި މުއިއްޒު ވިދާޅުވި އެވެ.
އެ ރަށްތައް ހިއްކުމުގެ އިތުރުން އެތަންތަނުގައި ގެދޮރު އެޅުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. އެ ހުރިހާ މަސައްކަތެއް ކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވެސް އެ ދުވަހު އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަން ކުރެވެން އެބަ އޮތް. ކުރާނެ ގޮތް އިރާދަކުރެއްވިއްޔާ އެނގޭ. އަޅުގަނޑުމެންގެ އިގްތިސާދުގައި ހަކަތަ އާއި ބުންވަރު އުފެއްދޭނެ. އުފައްދާނެ ގޮތް އަޅުގަނޑުމެން މި އަންނަނީ ކިޔައިދެމުން،" މާލޭ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް އެތަންތަން ހިއްކުމުގެ ޕްރޮޖެކްޓުތައް ކުރިއަށްގެންދާނެ މާ ބޮޑު ވިސްނުންތަކެއް ހާމައެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް ޑިސެމްބަރު، 2023، ގައި ފުށިދިއްގަރުފަޅު ހިއްކަން ފަށައި އެތަނަށް ރަސްމާލޭގެ ނަމުން މުއިއްޒު ނަން ދެއްވި އެވެ. ރަސްމާލެ ހިއްކަމުންދިޔަ ވަރަކަށް އެތަނުގެ ވާހަކަ ރައީސް ދައްކަވަމުންދިޔަ އެވެ.
ރަސްމާލޭގެ ޕްލޭނަކީ ގެދޮރުވެރިކަމަށް އެތަން ހާއްސަ ކުރުމެވެ. މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބަކުން އެތަނުގައި މީހުން އާބާދު ކުރުމެވެ. އެކަމުން ނުކުންނާނޭ ނަތީޖާއަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ކާރިސާ އެއްކޮށް ހައްލުވުން ކަމަށް މުއިއްޒު ގެންދެވީ ދިވެހިންނަށް ވިސްނައިދެއްވަމުންނެވެ.
އެ މަސައްކަތް ކުރިއަށްގެންދަވާނެ ގޮތުގެ ސާފު ޕްލޭނެއް ރައްޔިތުންނާ ހިއްސާ ނުކުރެއްވި ނަމަވެސް ކަން ނުކުރައްވާނެ ގޮތެއް އެމަނިކުފާނު ކިޔައިދެއްވި އެވެ. އެއީ އެންމެ ދުވަހަކަށް ވެސް، ހިލޭ ނުވަތަ ކުއްޔަށް ނަމަވެސް ރަސްމާލެ ބޭރުގެ ބަޔަކަށް ނުދިނުމެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" ޖުލައި 26، 2024، ގައި ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
އެ ވައުދާ މުއިއްޒު ހިލާފުވެވަޑައިގެންނެވީ އާދަޔާ ހިލާފު ފުޅާ މިންވަރެއްގަ އެވެ. އެންމެ ދުވަހަކަށް ވެސް ބޭރުގެ ބަޔަކަށް ނުދޭން ބުނި ރަސްމާލެ އީގަލް ހިލްސްއަށް ދެނީ 99 އަހަރަށް ނުވަތަ ތާއަބަދަށެވެ. ކުއްޔަށް ނުވަތަ ހިލޭ ވެސް އެތަން ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު މުހައްމަދު އަލައްބާރަށް ރަސްމާލެ އެ ދެއްވަނީ އެކުއިޒިޝަން ކޯސްޓެއް އަދި ބިމު ކުއްޔެއް ވެސް ނުނަގައި، މުޅިން ހިލެ އެވެ.
ތިން އިންތިހާބުން ބަލިވި ރައީސް ހެއްދެވި ސިއްރު އެގްރިމެންޓު
ރަސްމާލެ ޑީލުގެ އަނެއް ބޮޑު މައްސަލައަކީ އެކަން ސިއްރު ކުރުމެވެ. މިއީ ހުޅުމާލޭގައި ދެ ތިން ޓަވަރުގެ ފްލެޓު އެޅުން ފަދަ ޕްރޮޖެކްޓެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ މުސްތަގްބަލު އެތައް ގަރުނަކަށް ބައްޓަންކޮށްދޭނޭ ކަމެކެވެ.
ނަމަވެސް އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލާކަން ދިވެހިންނަށް އެނގުނީ އެ ޕްރޮޖެކްޓު ކުރިއަށްގެންދިޔުމުގެ ސިއްރު އެގްރިމެންޓުގައި ސޮއި ކުރި ދުވަހެވެ. އަދި އާދަޔާ ހިލާފު ކަމަކަށްވީ ދިވެހިން މުސްތަގްބަލު ކަނޑައަޅާ ޑޮކިއުމެންޓުގައި ސޮއި ކުރީ ދިވެހިން ފަސްގަނޑުން ބޭރުގައި، ދިވެހީންގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ނުހިނގާ ބިމެއްގައި ކަމަށްވުމެވެ.
އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ރައްޔިތުންނާ މަޝްވަރާ ކުރުމަކީ މުއިއްޒަށް ލާޒިމް ކަމެކެވެ. އަދި ސަރުކާރުން އެ ބުނާ ފަދަ ބޮޑު މަންފާއެއް މި ޕްރޮޖެޓުން ލިބޭނެ އެކަން ހާމަނުކުރަންވީ ސަބަބެއް ވެސް ނެތެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ ޑޮކިއުމެންޓަކީ ސިއްރެކެވެ.

މިހާތަނަށް ސަރުކާރުގެ އޮފިޝަލުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަކީ، ރަސްމާލެ އީގަލް ހިލްސްއަށް ކުއްޔަށް ދެވޭނެ ގާނޫނީ އެއްވެސް މަގެއް ނެތް ކަމެވެ. އެހެންވެ، އެ ޕްރޮޖެކްޓަށް މަގުފަހިކުރަން ގާނޫނުތަކެއް ހަދަން ނިންމާފައިވާކަން ބަންޑާރަނައިބު އަހުމަދު އުޝާމް އޮތީ ވިދާޅުވެފަ އެވެ.
"ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ގަވަން ކުރާނީ މިހާރު އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން،" އުޝާމް ވިދާޅުވި އެވެ. "މަޝްރޫއު ފެށުމުގެ ކުރިން ... މިކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ."
ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ، އެ ބުނާ ގާނޫނުތަކެއް ހަދައި ނިންމައި މަޖިލީހުން ފާސްކޮށް، ދާއިމީ އެއްބަސްވުމުގައި ސޮއި ކުރަން މަސައްކަތް ކުރާ ކަމެވެ. އެހެންވެއްޖެ ނަމަ އެ ގާނޫނުތަކަށް މަޝްވަރާ ކުރަން އެ ލިބެނީ ވަރަށް ވެސް މަދު ދުވަސްކޮޅެކެވެ.
"އަހަރުމެން ވިއްސަކަށް ގައުމުގައި އެބަ އޮޕަރޭޓް ކުރަން. މިއިން ކޮންމެ ގައުމެއްގެ ގާނޫނުތަކަށް ވެސް އަހަރުމެން ތަބާވާންޖެހޭ. ގާނޫނުގައި ލިޔެފައި އޮންނަ ކޮންމެ އެއްޗަކަށް އަހަރުމެން ކިޔަމަންވާންޖެހޭ. ގާނޫނުގައި [އެންމެ ގިނަ ދުވަހަށް ކުއްޔަށް ދެވޭނީ] 99 އަހަރު ކަމަށް އޮންނަ ނަމަ ލީސް [އެގްރިމެންޓު] އޮންނަންޖެހޭނީ އެއާ އެއްގޮތަށް،" ރާއްޖޭގެ މީޑިއާއަކަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވި އެވެ.
ރަސްމާލޭ ވިއްކާލަން ހުށަހެޅީ ސަރުކާރުން، އެކަމަކު އެއްބަހެއް ނުވޭ
އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ބުނާ ގޮތުން، ރަސްމާލެ އޭނާއަށް ވިއްކާލަން، އޭނާ ގާތަށް ޕްރޮޕޯސަލަކާއެކު އައީ ދިވެހި ސަރުކާރުންނެވެ. ރަސްމާލެ ވިއްކާލުމުގެ ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރުމަށްފަހު އޭނާ ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
"ހަގީގަތީ، ދުނިޔޭގެ އެންމެންނަށް ވެސް ދިވެހިރާއްޖެއަކީ ހުވަފެނެއް ކަހަލަ ތަނެއް. އެމީހުން [ދިވެހި ސަރުކާރުން] އަހަރުމެންނާ ވާހަކަ ދައްކަން ބޭނުންވާ ހަބަރު ލިބުމުން އަހަންނަށް އިންތަނުން ފުންމައިގަނެވުނު. އޭގެ ސަބަބަކީ މުޅި ދުނިޔޭގައި ވެސް އޮންނާނީ އެންމެ ދިވެހިރާއްޖެއެއް،" ސެޕްޓެމްބަރު 26، ގައި އަލައްބާރު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޮކްޓޯބަރު 15، ގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް އަހުމަދު ނާޒިމް މުހައްމަދު ސޮއި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރަސްމާލެ ތަރައްގީކުރަން ޕްރޮޕޯސަލެއް ހުށަހެޅީ އީގަލް ހިލްސް އިން ކަމަށެވެ.
"... ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސް ނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު [ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޕޯސަލް އުސޫލު -ޕީއެސްއައިޕީ] ގެ ދަށުން،" އެ ސިޓީގައި ބުނެފައިވެ އެވެ.
ސިޓީގައި ހަވާލާދީފައިވާ މާއްދާގައި ބުނެފައި ވަނީ "އަންސޮލިސިޓެޑް ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް ނިންމިދާނެ" ކަމަށެވެ.
އިންވެސްޓުމެންޓުގެ އަދަދާއި އާމްދަނީ ދިމައެއްނުވޭ
އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއި ކުރި ދުވަހު، ހައުސިން މިނިސްޓްރީ އިން އާންމު ކުރި ބަޔާނެއްގައި ބުނީ، ރަސްމާލެ ތަރައްގީ ކުރަން އަލައްބާރުގެ ކުންފުނިން 20 ބިލިއަން ޑޮލަރު ހޭދަ ކުރާނެ ކަމަށެވެ.
ހަމަ އެ ދުވަހު، އީގަލް ހިލްސް އިން ބައިނަލްއަގްވާމީ މީޑިއާތަކަށް އަދި އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރި ބަޔާނުގައި ބުނީ އެ ކުންފުނިން ރަސްމާލެއަށް އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ.
އީގަލް ހިލްސް އާއި ސަރުކާރުން ބުނާ އަދަދުގައި އަށް ބިލިއަން ޑޮލަރުގެ ފަރަގެއް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ މީޑިއާއަކަށް އަލައްބާރު ފަހުން ދެއްވި އިންޓައިއެއްގައި ބުނެފައި ވަނީ 20 ބިލިއަން ޑޮލަރަކީ 99 އަހަރުގެ ތެރޭގައި ދިވެހި ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އަދަދު ކަމަށެވެ.

އިންވެސްޓްމެންޓުގެ އަދަދު ދިމާނުވި ގޮތަށް، ރަސްމާލެ ދޫކޮށްލައިގެން ސަރުކާރަށް ލިބޭނެ ކަމަށް ބުނާ އާމްދަނީގެ އަދަދުތައް ވެސް ސަރުކާރުގެ އެކި އޮފިޝަލުން ހާމަކޮށްފައި ވަނީ އެކި ގޮތަށެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ދިވެހި ސަރުކާރަށް ތިން ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި އެކްސްޕެކްޓް ކުރަނީ، އެސެސްމެންޓް ދައްކާ ގޮތުން ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރު، ގާތްގަނޑަކަށް 46 ބިލިއަނަށް ވުރެ ގިނަ ރުފިޔާ، އެތަނުގެ 10 އަހަރުގެ ޑިވެލޮޕްމެންޓް ނިމޭ އިރު ސަރުކާރަށް ލިބޭނޭ،" އެ އިންޓަވިއުގައި މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ރަސްމާލެއިން ތިން ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް މުއްތަލިބު ވިދާޅުވެފައި އޮއްވާ އެ މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ ރަސްމާލެއިން ސަރުކާރަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
"ރަސްމާލޭގައި ކުރިއަށްގެންދާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓުން 10 އަހަރުގެ ޑިވެލޮޕްމަންޓުގެ ތެރޭގައި ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ. އެއީ އަހަރަކު ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު،" ސޯޝަލް މީޑިއާގައި ޒަރީރު އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރަސްމާލެ ވިއްކާލަނީތަ؟ ނޫނީވިއްޔާ 99 އަހަރަށް ކުއްޔަށް ދެނީތަ؟
ރަސްމާލެ ވިއްކާލުމުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއި ކުރި ދުވަހު ހައުސިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަލައްބާރުގެ އީގަލް ހިލްސްއަށް ރަސްމާލެ ދެނީ 99 އަހަރަށް ކަމަށެވެ.
ހަމަ އެ ދުވަހު އީގަލް ހިލްސް އިން ނެރުނު ބަޔާނުގައި ބުނެފައި އޮތީ ރަސްމާލެ ދެނީ 99 އަހަރަށް ކަމަށާއި އެތަނުގެ ވެރި ފަރާތް ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ލިބޭނެ ކަމަށެވެ.
"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ.
އެހެންކަމުން، އީގަލް ހިލްސް އިން ބުނާ ގޮތުން ނަމަ، އެއީ ދާއިމަށް ދިވެހިންގެ އަތުން ރަސްމާލެ ބީވެގެންދާނެ ފަދަ ގޮތަކަށް ހަދާފައިވާ އެގްރިމެންޓެކެވެ. ރަސްމާލެ ދޫކޮށްލަނީ ތާއަބަދަށް ކަމަށް ދޭހަވާ ފަދަ މޭރުމަކުން މުއްތަލިބު ވެސް ވާހަކަ ދެއްކެވި އެވެ. އެކަމަކު، އޭނާ ވާހަކަ ދެއްކީ އެގްރިމެންޓުން ހާސިލުވާނެ ނަތީޖާ އާންމުންނަށް އޮޅޭނެ ފަދަ ގޮތަކަށެވެ.

"ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް. އެ ޕްރޮޕަޓީއެއް ވިއްކާލާ ނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާ ނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" ސެޕްޓެމްބަރު 27، ގައި މުއްތަލިބު ވިދާޅުވި އެވެ.
އޭގެ ފަހުން ސަރުކާރު ޕްރޮމޯޓް ކުރާ އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް މުއްތަލިބު ވަނީ، ރަސްމާލެ ދޫކޮށްލަނީ ތާއަބަދަށް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.
"ދައުލަތަށް ވެސް ދާއިމީކޮށް އާމްދަނީ ހޯދުމަށްޓަކައި ދައުލަތުން މި ކުރާ ކަމަކީ އެ ބިން ވެސް ކުރިން ދީފައި އޮން މީހާގެ އެއްވެސް ބަދަލެއް ދިނުމަކާ ނުލާ އޭނަ އޭނާގެ ލީސް ސަރެންޑާ ކުރަންޖެހޭނެ. ސަރެންޑާ ކުރީމަ އޭނަ ލީސް ސަރެންޑާކޮށްފަ، އެ ކެންސަލްކޮށްފަ ދައުލަތުން އަނެކާ އަތުން ޗާޖެއް ކޮށްފަ ދައުލަތުން އަނެއްކާ ލީސްއެއް މި އިޝޫ ކުރަނީ އެ ގަންނަ ފަރާތަށް،" އޮކްޓޯބަރު 21، ގައި މުއްތަލިބު ވިދާޅުވި އެވެ.
ރަސްމާލެ ވިއްކާލާތީ ކަންބޮޑުވާ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް، ރަސްމާލެ ދޫކޮށްލަނީ އުމުރަށްކަން ދޭހަވާ ފަދަ މޭރުމަކުން މުއްތަލިބު ވާހަކަ ދެއްކެވި އެވެ.
"އެ 99 އަހަރު އަޅުގަނޑު މިދެންނެވީތާ، އެއީކީއެއް މީހެއްގެ މުދަލެއް އެއްވެސް ބަޔަކު އިންވެސްޓެއް ނުކުރާނެ އެ މުދަލަކީ ޑިޕްރިޝިއޭޓްވާ އެއްޗެއް ނަމަ. އެހެންވީމަ، ވާންޖެހެނީ ޑިޕްރިޝިއޭޓް ނުވާ މެކޭނިޒަމެއް މި ގެނެސްދެނީ،" މުއްތަލިބް ވިދާޅުވި އެވެ.
ރަސްމާލޭގެ ބިން ޓްރާންސްފާ ކުރެވޭ ގޮތާމެދު ދޮގު ހެދުން
ރަސްމާލޭގެ އެގްރިމެންޓުގެ މުއްދަތު އޮޅުވާލުމަށްޓަކައި އަދި ޕްރޮޕަޓީ ޓްރާންސްފާ ކުރަން ހަމަޖައްސާނެ އުސޫލު އޮޅުވާލުމަށްޓަކައި ސަރުކާރުގެ ސީނިއާ އެކި އޮފިޝަލުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެގޮތުން، ސީދާ މުއިއްޒު އޮޅުވާލަން މަސައްކަތް ކުރެއްވި އެއް ކަމަކީ، ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލާއިރު އޮންނަ އުސޫލެވެ. އޮކްޓޯބަރު 20، ގައި މުއިއްޒު ވިދާޅުވީ، ރަސްމާލެއިން ތަނެއް ވިއްކާލާ ނަމަ އެ ތަނެއް ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށެވެ.
"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.
"މިތަނުގަ 99 އަހަރު ވީމަ، 99 އަހަރަށް ގަންނަ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން އެހެން މީހަކަށް ވިއްކާލާ ކަމަށްވަންޏާ ވެސް ސަރުކާރަށް ވިއްކާނީ. ސަރުކާރުން އެ ދެން އަނެއްކާ ވެސް އެހެން ފަރާތަކަށް އޯނާޝިޕް ބަދަލު ކުރުމުގެ ހައްގު މި އޮންނަނީ."
އެކަމަކު، މުއިއްޒު އެހެން ވިދާޅުވި ފަހުން، ރައީސްގެ އެ ވާހަކައާ ދިމާ އިދިކޮޅަށް މުއްތަލިބު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލާއިރު ދިވެހި ސަރުކާރު ވާނީ މެދުވެރިއަކަށް ކަމަށެވެ. ތަން ވިއްކާނެ މީހަކާއި އަގު ކަނޑައަޅާނީ ތަނުގެ ވެރި މީހާ އެވެ. ރިއަލް އެސްޓޭޓު ބިލުގައި ވެސް އޮތީ ގާނޫނުއަސާސީއާ ހިލާފަށް ތާއަބަދަށް ކުލީގެ އެއްބަސްވުން އާވާގޮތަށެވެ.
"އޭނަގެ ޕްރޮޕަޓީ އެހެން މީހަކު ގަންނަން އައީމަ ދައުލަތުން އޭގެ ތެރެއަށް ވަދެފަ މި ބުނަނީ، އޯކޭ ތި ގަންނަން ހުށަހަޅާ މީހާއަކީ ދައުލަތުން އެއްބަސްވާ މީހެކޭ ނޫނީ އެއީ ގަތުން އެންމެ ރަނގަޅު މީހެކޭ. ދައުލަތުން އޭގެ ތެރެއަށް ވަދެފަ، އެޕްރޫވްކޮށްފަ، އެ ބިމަށް ޗާޖުކޮށްފަ، އެ ޕްރޮޕަޓީއެއްގެ ވެލިއުއަށް ބަލާފަ ބިމަށް ޗާޖުކޮށްފަ ދައުލަތުން މި ބުނަނީ އޯކޭއޭ ވިއްކާލިޔަސް މައްސަލައެއް ނެތޭ،" އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމާލޭގައި ސްކޫލްތައް ހުންނާނެ؟
ރަސްމާލޭގެ ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރި ދުވަހު އީގަލް ހިލްސް އަދި ދިވެހި ސަރުކާރުން ވެސް އެތަން އެންވިޝަން ކުރީ މީހުން ދިރިއުޅޭނެ ޓައުންޝިޕެއްގެ ގޮތުގަ އެވެ. އެތަނުގައި ހޮސްޕިޓަލާއި ސްކޫލްތައް ހުންނާނެ ކަމަށް އީގަލް ހިލްސް އަދި ސަރުކާރުން ވެސް ބުންޏެވެ.
"ރަސްމާލޭގެ ހިތް ވެގެންދާނީ ބައިނަލްއަގްވާމީ ގޮތުން މުހިންމު ތަނަކަށް. އެތަނުގައި ހޮޓަލާއި ރިސޯޓާއި ޕްރިމިއަމް ރެސިޑެންސާއި ބްރޭންޑެޑް ރެސިޑެންސާއި މެރީނާ އެކްސްޕީރިއަންސާއި ހިނގާބިނގާވެ އުޅެލާނެ ތަންތަނާއި ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި ވެލްނެސް އަދި މުނިފޫހިފިލުވާނެ ތަންތަން ހުންނާނެ. އަދި ތައުލީމާއި ސިއްހީ ފަރުވާދޭނެ ތަންތަން ވެސް ... ހުންނާނެ،" ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އާންމުންގެ މެދުގައި ރަސްމާލޭގެ ބަހުސް ކުރަމުންދާއިރު، އެތަނުގައި ދިރިއުޅޭނެ ބިދޭސީންނަށް އަޅާ ޕްރައިވެޓް ސްކޫލްތަކުގެ ވާހަކަ ވަރަށް ގަދައަށް ދެއްކި އެވެ. އޭގެ ފަހުން، ރަސްމާލެއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެތަނުގައި ސްކޫލެއް ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެތާކު ނުހުންނާނެ ސްކޫލެއްވެސް އެނގޭތޯ. ރަސްމާލޭގައި އީގަލް ހިލްސް ޕްރޮޖެކްޓް ނޫނިއްޔާ އީގަލް ހިލްސް އިންވެސްޓްމަންޓް ހިންގާ ސަރަހައްދު 500 ހެކްޓަރުގެ ސަރަހައްދުގައި ނުހުންނާނެ ސްކޫލެއް އިމާރާތްކޮށްފައިވެސް. މިއީވެސް ދައްކާ ވާހަކައެއް،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް، މީހުން ދިރިއުޅެން ހަދާ 500 ހެކްޓަރު، ނުވަތަ ވިލިމާލެ އާއި މާލެ އާއި ހުޅުމާލޭގެ ތިން ފޭސް އެއްކޮށްލީމާ ވާ ސަރަހައްދުގެ ބޮޑު ތަނެއްގައި ސްކޫލެއް ނެތުމަކީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އަނެއްކޮޅުން ބަންޑާރަނައިބު އުޝާމް ވިދާޅުވެފައި ވަނީ ރަސްމާލެ ވާނީ އެތަނުގައި ދިރިއުޅޭ މީހުންނަށް މެނުވީ ނުވަދެވޭ ގޭޓެޑް ކޮމިއުނިޓީއަކަށް ކަމަށެވެ.
"... ގޭޓެޑް ކޮމިނިޓީތަކެއް އެތާ ހުންނަނީ... އެތާ އުޅޭ މީހަކަށް [އެތަނަށް] ވަދެވޭނީ... އިންވައިޓްކޮށްގެން އަންނަ މީހުންނާއި ދިރިއުޅޭ މީހުންނަށް އެތަނުގައި ދިރިއުޅެވޭނީ،" މިހާރު ލީކުވެގެން އުޅޭ އޯޑިއޯއެއްގައި އުޝާމް ވިދާޅުވެފައިވެ އެވެ.
އުޝާމް އެ ވިދާޅުވާ ގޮތަށް ހަދާ ގޭޓެޑް ކޮމިނުއިޓީއެއްގައި ދިރިއުޅޭ މިލިއަނަރުގެ ދަރިފުޅު، މާ ދުރުގައި ހުންނަ ލޯކަލް ސްކޫލަކަށް ފޮނުވުމަކީ ނާދިރުކަމެކެވެ. އަދި ރަސްމާލޭ ގޭޓެޑް ކޮމިއުނިޓީގައި ސްކޫލެއް ނުހުރުން އެއީ ދެކޮޅުޖެހޭ ވެސް ވާހަކައެއް ނޫނެވެ.
ބަނގުރަލާއި އޫރުމަސް ވިއްކުމުގެ މައްސަލައިގައި ވެސް އޮޅުންތަކެއް
ރަސްމާލޭ މަޝްރޫއު އިއުލާނު ކުރި ދުވަހު އަދި އޭގެ ފަހުން ބައެއް ކެބިނެޓު މެންބަރުން ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ވިދާޅުވެފައި ވަނީ ރަސްމާލެ ހިންގާނީ ރިސޯޓެއް ގޮތަށް ކަމަށެވެ.
މާނައަކީ، ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން ރިސޯޓުތަކަށް ލިބޭ ރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ ރަސްމާލޭގައި ވެސް ލިބޭނެ އެވެ. އިލްމުވެރިންނާއެކު ބޭއްވި ބައްދަލުމެއްގައި، ރަސްމާލޭގައި ރަލާއި އޫރު މަސް ވިއްކާނެކަން ބަންޑާރަނައިބު އަހުމަދު އުޝާމް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ސަރުކާރުން ކަނޑައަޅާފައި ހުންނަ ހޮޓާތަކެއްގައި ފިޔަވައި އާންމުކޮށް [ރާ ނުވިއްކޭނޭ]. މިހާރު މިސާލަކަށް އެ އެތެރޭގައި ތަންކޮޅެއް ލިމިޓެޑް ހޮޓަލެއްގައި އިންނަ ރެސްޓޯރަންޓެއްގައި އަލްކޮހޮލް ނުވިއްކޭނެއެކޭ ނޫން. އެއީ މިހާރު ވެސް ރާއްޖޭގެ ރިސޯޓުތަކުގައި ކުރާ ކަމެއް،" މިހާރު ލީކުވެފައި އޯޑިއޯއެއްގައި އުޝާމް ވިދާޅުވާ އަޑު އިވެ އެވެ.
ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އުޝާމް އެގޮތަށް ވާހަކަ ދެއްކެވި ފަހުން ރައީސްގެ ވަނީ އެއާ މުޅިން އިދިކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ރަސްމާލެއާ ގުޅޭ ގޮތުން އެމަނިކުފާނު އޮކްޓޯބަރު 20، ގައި ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ، އެތަނުގައި ބަނގުރަލާއި އޫރު މަސް ވިއްކުން މަނާވާނެ ކަމަށެވެ.
"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.
ދިވެހިންނަށް 5000 ފްލެޓު ހިލޭ ލިބޭ ކަމަށް ބުނެ ހަދާ ދޮގު
ރަސްމާލޭ ޑީލުގައި ސޮއި ކުރި ދުވަހު ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ, ރަސްމާލެ ޑީލާއެކު ދިވެހިންނަށް 5000 ގެދޮރު ލިބޭނެ ކަމަށެވެ. އެކަމުގެ ތަފުސީލެއް ބަޔާނަކު ނެތެވެ.
"މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ހިންގޭނެ އެންމެ ބޮޑު ތަރައްގީގެ ޕްރޮގްރާމް. އެތަކެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ދާނީ އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގެ ތެރެއިން ލާފައި. އަދި މި ޕްރޮޖެކްޓުގެ ސަބަބުން 54،000 ވަޒީފާ އުފެދި، ދިވެހިންނަށް އެތައް ހާސް ގެދޮރު އެޅޭނެ،" މިނިސްޓަރު މުއްތަލިބު ވިދާޅުވި ކަމަށް ސަރުކާރުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހިންނަށް ލިބޭ ފްލެޓުގެ ވާހަކަ ދައްކަވަމުން ހަމަ އެ ދުވަހު މުއްތަލިބު ވިދާޅުވީ، އެ 5000 ފްލެޓަކީ އީގަލް ހިލްސް އިން "ހުޅުމާލޭގައި އަޅައިދޭ" ފްލެޓުތަކެއް ކަމަށެވެ.

"އެންމެ މުހިންމީ، ކުރިން އިއުލާނު ކުރެވުނު ސޯޝަލް ހައުސިންގް އަދަދުތަކަށް އެއްވެސް ބަދަލެއް މި މަޝްރޫއުގެ ސަބަބުންނެއް ނާންނާނެކަން. އަދި މި މަޝްރޫއާ އެކު 5,000 ހައުސިން ޔުނިޓު އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅައިދޭނެ،" މުއްތަލިބާ ހަވާލާދީ "މިހާރު" ނޫހުގައި ބުނެފައިވެ އެވެ.
ނަމަވެސް ފަހުން ލިންކްޑްއިން ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވެފައި ވަނީ، ފްލެޓު އަޅަނީ ރަސްމާލޭގެ ޕްރޮޕަޓީސް ވިއްކައިގެން ދިވެހި ސަރުކާރަށް ލިބޭ 10 ޕަސެންޓާއި ހަތަރު ޕަސެންޓުގެ އާމްދަނީ އިން ކެނޑޭ ގޮތަށް ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 5000 ފްލެޓު އަޅަނީ ދިވެހި ސަރުކާރުން ފަހުން ފައިސާ ދައްކަންޖެހޭ ގޮތަށެވެ.
"އެކުއިޒިޝަން ކޮސްޓެއް ނެގުމުގެ ބަދަލުގައި އާމްދަނީގެ 10 ޕަސެންޓު ނަގަން އެއްބަސްވެފައި ވާތީ، މި ގެތަކުގެ ހަރަދު ކެނޑިގެންދާނީ ސަރުކާރަށް ލިބޭ އާމްދަނީގެ ހިއްސާއިން ލިބެމުންދާ ވަރަކަށް - އެއީ ދައުލަތުގެ ބަޖެޓުންނާއި ލޯނު ނަގައިގެން ކުރާކަމެއް ނޫން،" މުއްތަލިބު ވިދާޅުވެފައިވެ އެވެ.
އީގަލް ހިލްސް އިން ދިވެހިން "އަޅައިދޭ" ފްލެޓު އަޅަނީ ފަހުން ފައިސާ ދައްކަންޖެހޭ ގޮތަށް ކަމަށް މުއްތަލިބު ވިދާޅުވެފައި އޮއްވާ، އެ ވާހަކަ އަނެއްކާ ވެސް އޮޅުވާލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރެއްވި އެވެ. ރަސްމާލެއާ ބެހޭ ގޮތުން އޮކްޓޯބަރު 28، ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ފްލެޓުގެ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ފްލެޓުތައް އަލައްބާރު ދިވެހިންނަށް އަޅައިދެނީ "ފްރީކޮށް" ކަމަށެވެ.
"ބޭސިކް ޔޫޓިލިޓީސް ހުރިހާ ކަމަކާ އެކީގައި 5000 ހައުސިން ޔުނިޓް ނިންމަނީ. ސަރުކާރުން އަނބުރާ އެއްޗެއް ދޭކަށްނުޖެހޭނެ. އަނެއްކާ ލޯނެއް އެއްޗެއް ސަރުކާރުން މިކަމާ ގުޅިގެން ނަގައިގެން ބޮލުގައި އަޅާކަށްވެސް ނުޖެހޭ. ފްރީކޮށް. އަނެއްހެން ދަންނަވަންޏާ، ފިއުޗާ ރެވެނިއުއިން ޑިޑަކްޓްކޮށްފައި، އެހެންވީމާ، އެއްޗެއް ދޭކަށްނުޖެހޭ ނޫންތޯ،" މުއިއްޒު ވިދާޅުވި އެވެ.







