ޗައިނާގެ ސީސީސީސީ އިން ދައްކަންޖެހޭ 85 މިލިއަން ރުފިޔާގެ ޖީއެސްޓީ ހޯދުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ސީސީސީސީން ތަރައްގީކުރި ސިޔާމް ވާލްޑް މަތިން ނަގާފައިވާ މަންޒަރެއް: 150 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަަރައްގީކުރި މި ރަށަކީ މިއީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު --- ފޮޓޯ: އަދަދު

ސީސީސީސީން ތަރައްގީކުރި ސިޔާމް ވާލްޑް މަތިން ނަގާފައިވާ މަންޒަރެއް: 150 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަަރައްގީކުރި މި ރަށަކީ މިއީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު --- ފޮޓޯ: އަދަދު

ސިޔާމް ވޯލްޑް ރިސޯޓު ތަރައްގީކުރުމުގެ 150 މިލިއަން ޑޮލަރުގެ މަޝްރޫއާ ގުޅިގެން، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ދައްކަން ޖެހޭ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނާ 85.1 މިލިއަން ރުފިޔާގެ ޖީއެސްޓީ ހޯދުން، މަޑުޖައްސާލަން ހައިކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މި މައްސަލައިގެ ތަފުސީލުތަކުގައިވާ ގޮތުގައި، ސީސީސީސީ އާއި ވީގޯ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ދެމެދު 2016 ގައި ވެވުނު ކޮމާޝަލް އެއްބަސްވުމުގެ ދަށުން، ނ. ދިގުރަށުގައި 509 ކޮޓަރީގެ ރިސޯޓެއް ޑިޒައިންކޮށް، ތަރައްގީކުރަން ސީސީސީސީން ހަވާލުވި އެވެ.  މީރާއިން ނިންމީ، އެ އެއްބަސްވުމުގެ ދަށުން ސީސީސީސީން ދީފައިވާ ހިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދީފައިވާ ހިދުމަތްތަކަކަށް ވާތީ، އެ ހިދުމަތްތަކަށް ޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށެވެ.

އެ ނިންމުމާ މެދު ސީސީސީސީން އިއުތިރާޒު ހުށަހެޅި ނަމަވެސް، މީރާއިން ނިންމީ ކުރިން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެ އިދާރާއިން ޑިސެމްބަރު، 2022 އާއި އޮކްޓޫބަރު، 2023 ގައި މީރާއިން ނެރުނު ޓެކްސް އެސެސްމަންޓްތަކުގައި ވަނީ، ސީސީސީސީން 85.1 މިލިއަން ރުފިޔާގެ އިތުރު ޖީއެސްޓީ އާއި، އެ ފައިސާއާ ގުޅިގެން އަރަމުންދާ ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށެވެ.

Advertisement

މީރާގެ މި ނިންމުމާ ދެކޮޅަށް ސީސީސީސީން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ޓްރައިބިއުނަލުން ވެސް މައްސަލަ ނިންމީ މީރާ ކޮޅަށެވެ.

ޓްރައިބިއުނަލުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަމުން ސީސީސީސީން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތިން ދައްކަން ޖެހޭ 25 ޕަސެންޓު، އެއީ 21.3 މިލިއަން ރުފިޔާ، ދައްކާފައިވާ ކަމަށް އެވެ. އަދި، ބާކީ ހުރި 63.8 މިލިއަން ރުފިޔާ އާއި ޖޫރިމަނާ، މައްސަލަ ނިމުމުގެ ކުރިން ތަންފީޒުކޮށްފިނަމަ އެ ކުންފުންޏަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުންޏެވެ.

ސީސީސީސީން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ ވިޔަފާރީގެ ރައުސުލްމާލު ކުޑަވެ، ހިނގަމުންދާ މަޝްރޫއުތަކާއި، މުވައްޒަފުންގެ މުސާރަ އާއި، ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާއަށް ސީދާ އަސަރުކޮށް، ކުންފުނީގެ ވިޔަފާރީގެ އަމަލިއްޔާތު ހުއްޓުމަކަށް އަންނާނެ އެވެ. މިއާ ހިލާފަށް، އެ ކުންފުނިން ބުނީ، ބާކި ހުރި ފައިސާ ނެގުން ފަސްކުރިޔަސް މީރާއަށް ނޫނީ ދިވެހި ސަރުކާރަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަަމަށެވެ. 

ސީސީސީސީއިން އެދުނީ، ބޭންކް އެކައުންޓްތައް ފްރީޒްކުރުމާއި، ލިބެންހުރި ފައިސާއިން ކެނޑުން ފަދަ ފިޔަވަޅުތައް ފަސްކުރުމާއި، އިތުރު ޖޫރިމަނާ ކަނޑައެޅުން ފަސްކުރުމާއި، ޓެކްސް ނުދައްކާ ފަރާތެއްގެ ގޮތުގައި ކުންފުނީގެ ނަން އާންމުނުކުރުމަށް މީރާއަށް އަމުރުކުރުމަށް އެވެ.

މި މައްސަލައިގައި މީރާއިން ދިން ޖަވާބުގައި އެ އިދާރާއިން ބުނީ ވަގުތީ އަމުރެއް ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

މިދިޔަ ހަފްތާގައި ހައިކޯޓަށް ހުށަހެޅި ޖަވާބުގައި މީރާއިން ބުނީ، ކުރިން ނެކްސްބިޒް މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މައްޗަށް މި މައްސަލަ ނިންމަން ޖެހޭނެ ކަމަށް އެވެ. އަދި ދެ ފަރާތަށް ލިބިދާނެ ގެއްލުން ވަޒަންކުރާއިރު މީރާއަށް ލިބޭނެ ގެއްލުން ބޮޑު ކަމަށާއި، ސީސީސީސީއަށް ލިބިދާނެ ކަމަށް ބުނާ ގެއްލުމަކީ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ނޫން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. 

މައްސަލައިގެ ރިޔާސަތު ފަނޑިޔާރު ދީބާނާޒް ފަހުމީ ދެއްވި، އަދި ފަނޑިޔާރު އިސްމާއީލް ޝަފީއު ތާއީދު ކުރެއްވި، ރައުޔުގައި ނިންމެވީ، މަސްލަހަތުގެ ތިލަފަށް ބުރަ ވަނީ ސީސީސީސީ ކޮޅަށް ކަމަށެވެ.

އެ ރައުޔުގައި ވަނީ، ދެ ފަރާތުގެ ހުށަހެޅުންތައް މީޒާންކޮށް ބަލާއިރު، ސީސީސީސީގެ މަސްލަހަތަށް ގެއްލުން ހުރިކަމަށް ބެލެވޭ ސަބަބުތައް ހުރި ކަމަށެވެ. އެހެންކަމުން އެންމެ އަދުލުވެރި އަދި ރައްކާތެރި ގޮތަކީ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުން ކަމަށް ފަނޑިޔާރު ނިންމެވި އެވެ.

މި މައްސަލައިގައި ތަފާތު ރައުޔެއް ދެއްވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވިދާޅުވީ، މި ފައިސާ ދައްކަން ޖެހުމުން ސީސީސީސީއަށް ލިބިދާނެ ކަމަށް ބުނާ ގެއްލުމަކީ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ، ނިންމުން ތަންފީޒުކުރުން ފަސްކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތަށް ވުރެ، ތަންފީޒުކުރުން ފަސްނުކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑު ކަމަށެވެ. 

މިހެން ނަމަވެސް ތާއީދު ލިބުނީ ޓްރައިބިއުނަލްގެ ނިންމުން ފަސްކުރަން ކަމަށް ވާތީ، ހައިކޯޓުގައި އިސްތިއުނާފު މައްސަލަ ނިމެންދެން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް މަޑުޖައްސާލުމަށް، އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ސިޔާމް ވާލްޑް ތަރައްގީކުރީ ދިވެހި ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ދިން 127.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. ސީސީސީސީއަށް މި ޕްރޮޖެކްޓު ލިބުނު މައިގަނޑު ސަބަބަކީ، އެގްޒިމް ލޯނުތަކުގެ ޝަރުތުތަކުގެ ދަށުން އެ ބޭންކެއް ނިސްބަތްވާ ގައުމެއްގެ ކޮންޓްރެކްޓަރުން ނަގަން ޖެހޭ ގޮތަށް ބަނދެވިފައި އޮންނާތީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox