ތާރީހީ ގޮތުން ޖަޒީރަތުލް މައުތު ("މަރުގެ ރަށް") ގެ ނަމުން މަޝްހޫރުވެފައިވާ މަޔޮއްޓޭގައި ހުރި ތަންގޯނީ މިސްކިތަކީ، ޒަންޒިބާރު ކަރައިގައި މިއަދާ ހަމައަށް ފެންނަން ހުރި އެންމެ މުހިންމު އެއް ބިނާ އެވެ. ފަރަންސޭސީންގެ ރަށެއްގެ ގޮތުގައި އޮންނަ، މިހާރުވެސް ބޭނުންކުރަމުންދާ އެންމެ ދުވަސްވީ މިސްކިތުގެ ގޮތުގައި ގިނައިން ސިފަކުރެވޭ މި ބިނާގެ ތާރީހަކީ، އެންމެ މީހެއްގެ ނުވަތަ ކުއްލިއަކަށް ބޭރުން އައިސް ތައާރަފުވި ކަމެއްގެ ވާހަކައެއް ނޫނެވެ.
އޭގެ ބަދަލުގައި، މިއިން ރަމްޒުކޮށްދެނީ އެތައް ގަރުނެއްގެ އިޖުތިމާއީ ބިނާކުރުމާއި، މަޔޮއްޓޭ ސުލްތާނުންގެ ފަރާތުން ލިބުނު ޝާހީ އެހީތެރިކަމާއި، ސްވާހިލީ އައްސޭރިއާއި ކޮމޮރޮސް އަދި ދިވެހިރާއްޖެ ގުޅުވައިދިން، ފަރުތަކުން ގާ ނަގައިގެން، ގާތަޅައި، އުވަދަވައިގެން ރާނާ ބިނާތައް ހިއްސާކުރެވޭ އިންޑިއާ ކަނޑުގެ ފަންނިއްޔާތެވެ.
"މިސްކިތް ބިނާކުރީ ކާކުތޯ ނުވަތަ ކޮން ބައެއްތޯ" އުފެދޭ ސުވާލުން، އެ ސަރަހައްދުގެ އަމިއްލަ ވެރިކަމުގެ ބާރާއި، މެދުޒަމާނުގެ ފަހުކޮޅުން ފެށިގެން ފާއިތުވި ގަރުނުގެ ކުރީކޮޅާ ހަމައަށް އެ ޒަންޒިބާރު ކަރަ ސިފަކޮށްދިން ވިޔަފާރިއާއި، މަސައްކަތްތެރިކަމުގެ ފުޅާ ވިއުގަތައް ހާމަވެގެންދެ އެވެ.
ހިރިގަލުގެ ބިނާވެއްޓާއި، ގާތަޅައިގެންނާއި އުވަދަވައިގެން ގެދޮރު ރާނާ ސަގާފަތް
މި މިސްކިތް ބިނާކުރުމަށް ބޭނުންކުރި ސާމާނާއި ގޮތްތަކަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް ހާއްސަވާ ކަންކަމެވެ. ގާނަގައިގެން، އެ ގާތައް ތަޅައި، ނުވަތަ ކަނޑާނަގައި (ބައެއް ފަހަރު ގަލުވަޑާންކުރާފަދަ އުކުޅުތަކާއެކު)، ހަރުވުމަށާއި ރޯކަން ފިލަންދެން ދޫކޮށްލަނީ އެވެ. ނުވަތަ އަވީލަނީ އެވެ. އުވަ އުފެއްދަނީ އުވަވަޅު ދަވަން ރޯކޮށް، އަކިރި ނުވަތަ ގާ އަންދައިގެންނެވެ. ރީތިކޮށް ކަނޑާނަގާފައިވާ ހިރިގާ ހާއްސަކޮށް ފެންނަން ހުރީ މިހުރާބާއި ދޮރުތަކުގަ އެވެ. އަދި ފާރުތައް ހަދާފައިވަނީ ހިރިގަލުގެ ކުދި ތަނބުތަކާއި، ހިރިގަލާއި، ރަށުން ލިބޭ އެހެނިހެން ގައު އެއްކޮށްގެންނެވެ. 16 ވަނަ ގަރުނުގެ ތެރޭގައި ބޭނުންކުރި ތަކެތީގެ ނިޝާންތައް އަދިވެސް އާސާރީ ގޮތުން ފެންނަން އެބަހުއްޓެވެ.
މި ހިރިގަލުގެ ވަޑާމުގެ ސާފު އެއްގޮތްކަމެއް ދިވެހިރާއްޖެއިން ފެންނަން އެބަހުއްޓެވެ. ރާއްޖޭގައިވެސް ހަމަ މި ހިރިގާ ބޭނުންކޮށްގެން އާދަޔާހިލާފު ފުރިހަމަކަމެއް ނެރެފައިވެ އެވެ. ދިވެހި މިސްކިތްތަކުގައި ގިނައިން ބޭނުންކޮށްފައިވަނީ، މިސްކިތްތަކާއި އެހެނިހެން އިމާރާތްތައް ކުރުމަށް އުވަ ބޭނުންކުރުމާއެކު، ގަލުވަޑާމުގެ ހުނަރާ އެއްގޮތަށް ގާތައް ކޮށައިގެން، ކަނޑައި ފައްތަމުން ބިނާކުރުމުގެ ވައްޓަފާޅި އެވެ. މީގެ އެއް މިސާލަކީ މާލޭ ހުކުރު މިސްކިތެވެ. ސްވާހިލީ އަދި ކޮމޮރޮސްގެ ބިނާތަކުގައި އުވަ ބޭނުންކުރުން ގިނަ ނަމަވެސް، މަޑު ހިރިގާ ނެގުމާއި، އެ ކަނޑާނެގުމާއި، އަކިރިއާއި މުރަކައިން އުވަ ހެދުމުގެ އަސާސީ މަރުހަލާތަކަކީ ދެފަރާތުންމެ ހިއްސާކުރާ ކަންކަމެވެ. އިންޑިއާ ކަނޑުގެ ބިނާވެށީގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މި އުކުޅުތައް، އިސްލާމްދީން ފެތުރުނު ކުރީގެ ގަރުނުތަކުން ފެށިގެން މޫސުމީ ވައިގެ މަގުތަކުން ދައުރުވަމުންގޮސް، ދިވެހިރާއްޖެއިން ފެށިގެން އިރުމަތީ އެފްރިކާގެ އައްސޭރިއާ ހަމައަށްވާ ބިނާތައް ވަނީ އެއްގޮތްކޮށްދީފަ އެވެ.

ދީބާ ވިޔަފާރިވެރިން
ސްވާހިލީގެ ތުންތުންމަތީން އައިސްފައިވާ ތާރީހުތަކުގައި، ދިވެހި ކަނޑުދަތުރުވެރިންނާއި ވިޔަފާރިވެރިން ދަންނަނީ "ވަދީބާ" ނުވަތަ "މަދީބާއިން"ގެ ނަމުންނެވެ. މި ލަފުޒު އަސްލު އައިސްފައިވަނީ ސަންސްކްރިތު ބަހުގެ "ދްވީޕާ" (ރަށް) މި ލަފުޒުން، މެދުތެރޭ އިންޑިއާގެ ބަސްބަހުގެ ތެރެއިންނެވެ. މިއީ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަހާވެސް ގުޅިފައިވާ ލަފުޒެކެވެ. ހާއްސަކޮށް ޕެމްބާ އާއި ލާމު ކައިރީގައިވާ ބާޖުން ޖަޒީރާތަކާއި، ކޮމޮރޮސް ހިސާބުގައި ރެކޯޑުކުރެވިފައިވާ މި ތާރީހުތަކުގައި ސިފަކުރާގޮތުގައި، ވަދީބާއިންނަކީ ކަނޑުމަގުން އައިސް، ބައެއް ފަހަރު ހިރިގަލުގެ މިސްކިތްތައް ބިނާކޮށް، އޮޑިދޯނިފަހަރު ބަނުމުގެ ރަނގަޅު ގޮތްތައް ދަސްކޮށްދީ، ނުވަތަ ވެރިންގެ ގޮތުގައިވެސް އުޅުނު ބައެކެވެ. އެމީހުން ބޮޑަށް ގުޅިފައިވަނީ ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލީގެ ވިޔަފާރިއާއެވެ. ދިވެހި އޮޑިފަހަރާއި، އަރަބި ނުވަތަ ފާރިސީ ނާލުބޯޓުފަހަރުން މި ބޮލިތައް ގިނަ އަދަދަކަށް ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ވައިގައި ހުޅަނގު ދެކުނަށް ގެންގޮސް، ސްވާހިލީ އަދި ކޮމޮރޮސްގެ ބަނދަރުތަކުން އެހެނިހެން މުދަލަށް ބަދަލުކުރި އެވެ. ބޮލި ދައުރުވި މަގުތަކުން މީހުންނާއި، ފަންނީ ހުނަރުތައްވެސް ދައުރުވި އެވެ. ހާއްސަކޮށް ދިވެހި މަސައްކަތްތެރިން "ތަންގޯނީ" މިސްކިތް ބިނާކުރި ކަމުގެ ސީދާ އާސާރީ ނުވަތަ ލިޔެކިޔުމުގެ ހެއްކެއް ނެތް ނަމަވެސް، ހިއްސާކުރެވޭ ހިރިގަލުގެ ފަންނިއްޔާތާއި، ހީވާގި ވިޔަފާރިއާއި، އަދި ވަދީބާ ބާނީންގެ ފޯކުލޯރު ހަނދާންތަކުގެ ސަބަބުން، ފަންނީ ނުފޫޒު ފެތުރުމާއި ދަތުރުވެރި މަސައްކަތްތެރިންގެ ބައިވެރިވުން އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. 1538 ގެ ދުވަސްވަރުގެ މިއީ ރަށުގެ ޝާހީ ބިނާ މަޝްރޫއެއް ނަމަވެސް، އެ ބިނާތަކުން ފެންނަން ހުރީ ދިވެހީންގެ މިސްކިތްތައް އިމާރާތްކުރުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ ސަގާފަތެވެ.
މީގެ ތަންކޮޅެއް ކުރީން، އެ ސަރަހައްދާ ގާތުގައި އޮންނަ ޝީރާޒީ ސުލްތާނުން ރަސްކަންކުރި ކިލްވާ ރަށުގެ މަންޒަރު އެންމެ ރީތިކޮށް ސިފަކޮށްދީފައިވަނީ މޮރޮކޯގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަތޫތާ އެވެ. އޭނާ 1331 ވަނަ އަހަރު، ސުލްތާން އަބޫ އަލް-މަވާހިބު (އަލް-ހަސަން ބިން ސުލައިމާން) ގެ ވެރިކަމުގައި އެ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ. އިބްނު ބަތޫތާ ސިފަކުރައްވާފައިވަނީ އެއީ "ދުނިޔޭގައިވާ އެންމެ ރީތި އަދި އެންމެ ފުރިހަމައަށް ޢިމާރާތްކުރެވިފައިވާ އެއް ރަށް" ކަމުގައެވެ. އަދި އެ ރަށުގެ ހިތްގައިމު ޢިމާރާތްކުރުމުގެ ފަންނަށާއި، ރައްޔިތުންގެ ދީނީ ލޯތްބަށް އޭނާ ތަޢުރީފުކުރެއްވިއެވެ. ކިލްވާގެ މިސްކިތުގައި ބެހެއްޓިފައިވާ މިހުރާބުގެ ހިލައަކީ، ރާއްޖޭގެ ހެންވޭރުގައި ހުންނަ 700 އަހަރުވީ ބައު މިސްކިތުގެ (ކަޅުހުރާ މިސްކިތުގެ) މިހުރާބުގައި ބެހެއްޓިފައިވާ ހިލައާ ވަރަށް އެއްގޮތް، އެއްބައެއްގެ މަސައްކަތްތެރިކަން ދައްކުވައިދޭ މިހުރާބެކެވެ. މިއީ އެއް ދުވަސްވަރެއްގެ ކަމެކެވެ.
އެއްގޮތް ޝީރާޒީ ނަސަބު
މަޔޮއްޓޭގެ ވެރިންނާއި އެ ދުވަސްވަރުގެ ދިވެހި ސުލްތާނުންވެސް "ސުވާހިލީ ރަށްތަކުގައި ވަޒަންވެރިވި ޝީރާޒީ" ނަސަބާ ގުޅުންހުރި ކަމަށް ތާރީހުތަކަށް ބަލައި ބުރަވެވިދާނެއެވެ. ދިވެހިރާއްޖޭގައި، ހިލާލީ ދަރިކޮޅުގެ ސުލްތާން ހަސަން ޝީރާޒީ 8 ވަނަ (1529–1549) އަކީ ސުލްތާން ކަޅު މުހައްމަދާއި ސްވާހިލީ ޝީރާޒީ އަނބިކަނބަލެއްގެ ދަރިކަލެކެވެ. ސްވާހިލީ އައްސޭރިއާއި ކޮމޮރޮސްގައި "ޝީރާޒީ" ވަންހައަކީ މަތީ ފަންތީގެ މީހުންނާއި ދުރު ދަތުރުތަކުގެ ވިޔަފާރި ވިއުގަތަކުގެ ރަމްޒެކެވެ. މި އެއްގޮތް ކަންތަކުން އެނގެނީ، ކަނޑު ހުރަސްކޮށް ސިޔާސީ ފިކުރާއި ވިޔަފާރި މުދަލާއި ފަންނީ ހުނަރު އެކުގައި ދަތުރުކުރި ގޮތެވެ.ތަންގޯނީގެ ބާ މިސްކިތް ބިނާކުރީ އަދި އެތައް ގަރުނެއް ވަންދެން އާބާދުކުރީ، މަޔޮއްޓޭ ސުލްތާނުން، ހާއްސަކޮށް 1538 ގައި ސުލްތާން އީސާ/އީލީ ބިން މުހައްމަދުގެ އެހީތެރިކަމުގެ ދަށުންނާއި، ނާވީ އަދި ސަރަޙައްދީ ސްވާހިލީ-ކޮމޮރޮސްގެ ކަނޑުދަތުރު ވިޔަފާރި މަސައްކަތްތެރިންނެވެ. މި މަސައްކަތްތެރީންނަކީ ވަދީބާއިންނެވެ. ސުވާހިލީ އައްސޭރީގައި ވަދީބާ ނުވަތަ މަދީބާއިންގެ ނަން ނިސްބަތް ކުރެވެނީ ދިވެހީންނަށެވެ. އެ މިސްކިތުގެ ބިންގާ އެޅިފައިވަނީ ސުލްތާން ރަސްކަން ފެށުމުގެ މާ ކުރިން، 12 އާއި 13 ވަނަ ގަރުނާ ހަމައިގަ އެވެ.








