ބޮޑު ތާރީހެއް އޮތް ކަމުގައި ވިޔަސް ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ބޮޑު ޓީމެއް ކަމަށް ކިޔަން ޖެހޭނީ ފައިނަލްތަކެއް ކުޅެގެން ނޫނީ ތަށި ހޯދައިގެން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލި ވިކްޓަރީން ވަނީ ފުރަަތަމަ ދެ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބާއި ދިއްދޫ ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެެވެ. ތިން ވަނަ މެޗުގައި މިދިޔަ ފަސް ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ކުޅެގެން ވިކްޓަރީ ވަނީ އެއްވަރުވެފަ އެވެ.
މޯހަން ބުނީ، މާޒިޔާ މެޗުން ވިކްޓަރީގެ ލެވަލް ހަގީގަތުގައި ފެނިގެން ގޮސްފި ކަމަށާއި އެ މެޗުން މޮޅުނުވެވުނު ކަމުގައި ވިޔަސް ވާދަކުރެވޭނެކަން އެ މެޗުން ކުޅުންތެރިން ސާބިތުކޮށްދީފައވާ ކަމަށެވެ. އަދި، އެ މެޗުގައި ކުޅުމާއި ނަތީޖާ ނުކުމެދާނެ ގޮތުގެ ބިރެއް އިން ކަމަށާއި އެކަަމަކު، ކުރެވުނު މަސައްކަތުގެ އަލީގައި ދެއްކުނު ހިތްވަރާ އެކު، ބޮޑު ޓީމުތަކާ އެއް ހަަމައެއްގައި ވިކްޓަރީ އަށް ދެވިދާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
ވިކްޓަރީ މިހާރު އެ އޮތް ލެވަލް އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަދިވެސް މެޗު ފިޓްނަސް ރަނގަޅުުކުރަން ޖެހޭ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
ބޮޑެތި ޓީމުތަކުގެ ތެރޭގައި ވިކްޓަރީ ނުހިމަނަނީ ކީއްވެތޯ ސުވާލުކުރުމުން މޯހަން ބުނީ، ބޮޑު ނަމެއް އޮތަސް އެ ވަގުތެއްގެ ހާލަތު ފެންނަން އޮންނަ ގޮތަކުން ޓީމެއް ބޮޑު ކިޔަން ޖެހޭނީ ކާމިޔާބާ ގުޅުވައިގެން ކަމަށެވެ. އަދި، ހަމައެކަނި ވަރުގަަދަ ޓީމެއް ހަދައިގެން ނުކުތް ކަމުގައި ވިޔަސް ކާމިޔާބު ނުހޯދާނަމަ ބޮޑު ޓީމުތަކުގެ ތެރޭގައި ކިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މޯހަން ވަނީ ބުނެފަ އެެވެ.
"ވިކްޓަރީ ބޮޑު ޓީމެކޭ ކިޔަންޖެހޭނީ މިހާރު ކާމިޔާބު ހޯދަމުން އެ އަންނަ ޓީމުތަކާ އެއްވަރަށް ކާމިޔާބެއް ހޯދާފައި. އޭގެ ކުރިން އެހެން ކިއުމަކުން ޓީމަށް ކުރާނެ ފައިދާއެއް ނެތް، ވިކްޓަރީ އަކީ ބޮޑު ނަމެއް އެކަމަކު މި ވަގުތަށް ތަށްޓެއް ހޯދައިގެން ބޮޑު ޓީމެއްގެ ގޮތުަގައި ކުރިއަށްދާން ޖެހޭނީ، ﷲ އިރާދަކުރެއްވިއްޔާ އެ މަަސައްކަތް ކުރެވޭތޯ މި އުޅެނީ،" މޯހަން ބުންޏެވެ.
ވިކްޓަރީން އެންމެ ފަހުން ފުޓްބޯޅައިގައި ތަށްޓެއް ހޯދީ 2011 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގަ އެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި މި ކުޅެނީ، ސަސްޕެންޝަނަކުން އެނބުރި އައިސް، ދެ ވަނަ ޑިވިޝަނުގައި ދެ ސީޒަން ކުޅެފަ އެވެ.
މޯހަން ބުނީ އެންމެ ފަހުން މެޗަށް ފަހު، މިއަދު ބިސް ބުރުއާ ދެކޮޅަށް ކުޅޭ މެޗަށް މާ ބޮޑު ތައްޔާރީއެއް ވުމަށް ވަގުތެއް ނުލިބޭ ކަމަށެވެ. އަދި، ބިސް ބުރަކީ އަލަށް ފުރަަަތަމަ ޑިވިޝަނުގައި ކުޅުނަސް، ރަނގަޅު ނަތީޖާތަކެއް ނެރެ، ކުޅުން ވެސް ދައްކަމުން އަންނަ ޓީމެއް ކަަން މޯހަން ފާހަގަކުރި އެވެ.
"އެހެންވީމަ ފަސޭހަވާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، އެއްވެސް މެޗެއް ފަސޭހަކޮށްގެން ކުޅެވޭނެ ކަމަަކަށް ގަބޫލެއް ނުކުރެވޭ ފެންނަ ނަތީޖާތަކުން. އެނގިލައްވާނެ، ސަޕްރައިޒޭ މި ކިޔާ ނަތީޖާ އެބަ ނުކުމޭ، އުނދަގޫ ފައްތަރަށް ދާތަން އެބަފެނޭ، ވަރަށް ފޯކަސްކުރަންޖެހޭ، ރިލެކްސް ކޮށްލެވޭކަށެއް ނެތް. އެންމެ ވަރުގަދަ މެޗަކަށް ނުކުންނަަ މައިންޑްސެޓްގައި ނުކުންނަން މި ތައްޔާރުވަނީ،" މޯހަން ބުންޏެވެ.
ވިކްޓަރީން ތިން މެޗުން ދެ މެޗުން މޮޅުވެ، ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ބިސް ބުރުން ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އޮތީ ހަ ޕޮއިންޓާ އެކު، ފަސް ވަނައިގަ އެވެ.
ބިސް ބުރުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ، ވިކްޓަރީ އަކީ މި ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވި ޓީމެއްކަން މެޗަށް ނުކުންނައިރު ދަންނާނެ ކަމަށެެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ޓީމު (ބިސް ބުރު) މިހާރު ހީވަނީ ރަނގަޅު ފޯމެއްގައި ހެން ޓީމު އޮތީ ފެންނާނެ ކަމަށް އުންމީދުކުރަން ރަނގަޅު ގޭމެއް. އުންމީދުކުރަނީ ވިކްޓަރީ މެޗުގައި މި ފަހުން މިދިޔަ ދެ މެޗަށް ވުރެން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް،" ނާދު ބުންޏެވެ.
"ވިކްޓަރީ އަކީ ބޮޑު މާޒީއެއް އޮތް ޓީމެއް ވީމަ ބައެއް ކުޅުންތެރިން ޖެހިލުން ވެދާނެ. އެކަމަކު ހުރިހާ ކުޅުންތެރިން ހަމަ ގާތްގަނޑަކަށް ތިބީ ރަނގަޅަށް ތައްޔާރުވެލައިގެން،"
ވިކްޓަރީ އާއި ބިސް ބުރުގެ މެޗު ފަށާނީ މިއަދު ހަވީރު، 16:00 ގަ އެވެ.












