ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ގައްދޫ ފުޓްބޯޅަ ޓީމު 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މިއަދުގެ މެޗާ ކުރިމަތިލިއިރު، ދިހަ ޓީމު ވާދަކުރާ ލީގުގައި މިހާތަނަށް ގައްދޫން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ، އަމިއްލަ ދަނޑުގައި ކުޅެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އަތުންނާއި މާލޭގައި ކުޅެގެން އޮޑި ސްޕޯޓްސް ކްލަބް އަތުންނެވެ. އަނެއްކޮޅުން، ބުރު ވަނީ މި މެޗާ ހަމައަށް އައިއިރު، މި ސީޒަނުގައި ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ. އެއީ، ކަޕް ވިނާސް ކަޕްގެ ތިން މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ތިން މެޗުންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހެ އެވެ. ބުރުން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، މި ލަނޑު ޖެހީ، އާޖެންޓީނާގެ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯ އެވެ. އޭރިއާތެރެއަށް މަތިން އައި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ޖުއާން ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
ގައްދޫން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔައިރު، ބުރުން ވަނީ 78 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބުރުގެ އަލީ ހަމްދާން ދިން ބޯޅައެއް އަރިމަތިން ހޯދުމަށް ފަހު، އިބްރާހިމް އުސާމާ ހަސަން މަޖީދު ޖެހި ގޯލެކެވެ. އުސާމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގައްދޫގެ ކީޕަރު، ބޯޖާން ވުކްމިރޯވިޗް އަތުގައި ޖެހިފަ އެވެ.
އޭގެ ފަހުން ވެސް ދެ ޓީމުން ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، ސްކޯ އަށް އިތުުރު ބަދަލެއް ނާދެ އެވެ.












