ފިލްމީ ތަރިންނާއެކު ހައްޔަރުކުރީ ދެ ކިލޯ ޑްރަގު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ޕީޖީން އެދިގެން ދޫކޮށްލި މީހެއް

ފިލްމީ ތަރިންނާއެކު ހައްޔަރުކުރި ޝާހިލް: ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ މާޗު 30، ގައި

ފިލްމީ ތަރިންނާއެކު ހައްޔަރުކުރި ޝާހިލް: ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ މާޗު 30، ގައި

ފިލްމީ ތަރިންނާއެކު ހައްޔަރުކުރި ޝާހިލް މުހައްމަދު، 42، އަކީ ދެ ކިލޯގެ ޑްރަގުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެދިގެން ދޫކޮށްލި މީހެއްކަން އެނގިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ޝާހިލް ހައްޔަރުކުރީ ޖުލައި 24، 2024، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިއްތިހާދު އެއާވޭސްގެ ފްލައިޓުން ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ޖުލައި 25، 2024، ގައި ހައްޔަރުކުރި މީހެކެވެ. 

މި މައްސަލައިގައި ޖުލައި 25، 2024، ގައި ފުލުހުން ހިންގި ފުރަތަމަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހުރި ލަގެޖާ ހ. ކުމުންދޫ، ނަރުގިސްވިލާ، އަހްމަދު އައްފާން ހަވާލުވުމުން އޭނާ ހައްޔަރުކޮށް ހިންގި އިތުރު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ޝާހިލް ލަގެޖާ ހަވާލުމުން ހައްޔަރުކުރި އެވެ. 

ޝާހިލް ހައްޔަރުކޮށް ލަގެޖު ބަލައި ފާސްކުރިއިރު އެ ލަގެޖުގެ އެއްފަޅީގައި އިތުރު ފުލެއް ހަދައި، ކޮންސީލްކޮށްފައިވަނިކޮށް ފެނުނު ޝީޓުގައި ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކަ އެވެ. މިއާއެކު މި މައްސަލައިގައި ޝާހިލްގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ދައުވާކުރި އެވެ.

މި މައްސަލައިގައި ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އޭނާގެ ބަންދު އަމުރު މުރާޖައާކޮށްދިނުމަށް ޕީޖީން އެދުމާ ގުޅިގެން މި އަހަރުގެ މާޗު 30، ގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ޕީޖީން އެދުނު ގޮތަށް ކޯޓުން ވަނީ އޭނާ ބަންދުކުރަން ކުރި އަމުރު ބާތިލުކޮށް ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. 

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ދެ ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްސަލަ ނިމިފައިވާއިރު، ޝާހިލްގެ މައްސަލަ އޮތީ ހުލާސާ ބަޔާނުގެ ހިސާބުގައި ކަމަށެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލަން އެދުނީ ބަންދުގައި ގިނަދުވަސްވެފައިވާތީ އާއި ބަލި ހާލަތަށް ރިއާއަތްކޮށް ޝަރުތުތަކާއެކު ކަމަށެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޝާހިލްއާއެކު ތިން ފިލްމީ ތަރިން ހައްޔަރުކުރި އެވެ. އެއީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. 

އެ އެންމެން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވީ މެތާ ގުޅުންހުރި ސިންތެޓިކް އެހެން ދެ ބާވަތެއްގެ ޑްރަގަކަށެވެ. އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކިން އަށް ހަމަވާ މިންވަރަށް ހުރި ކަމަށްވެ އެވެ. 

އެމީހުން ބަންދު ކުރަން ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަން އިރު އެތަނުގައި ހުރި މޭޒެއްގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. 

ހައްޔަރު ކުރި އަޒޭ އާއި ޖުމާހަކީ މީގެ ކުރިން އެއް އާއިލާއެއްގެ ދެބެއިންނާ ކައިވެނިކޮށްގެން އުޅުނު ދެމީހުންނެވެ. އޭގެ ތެރެއިން ފިލްމީ ދާއިރާގައި އުޅޭތާ އެންމެ ގިނަދުވަސްވީ އަޒޭ އެވެ. އެންމެ ފަހުން ފިލްމު ކުޅެން ފެށީ ރޯމަން އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox