ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ވެސް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމުމާ ގުޅިގެން ފުލުހުން އެ މައްސަލަ އިއްޔެ ފައިލްކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަހާޒްގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ޕީޖީއަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި އެކަން އޭސީސީއަށް ވެސް ވަނީ އަންގާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން މަހާޒަށް ލިޔުމުން އަންގާފައިވަނީ މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ނުބެލެވޭތީ ޕީޖީން ދައުވާ ނުކުރަން ނިންމުމާ ގުޅިގެން މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
"ތިޔަފަރާތުގެ މައްޗަށް ތުހުމަތުކޮށް މި ހިދުމަތަށް ހުށަހަޅާފައިވާ މައްސަލައިގައި ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކޮށް ބެލިއިރު މި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ މި ހިދުމަތުގައި ފައިލްކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މަހާޒްގެ އިތުރުން ޑރ. އަޒްމިރާލްދާ ޒާހިރުވެސް މަގާމުން ވަކިކުރި އެވެ. އެ ބޭފުޅުން މަގާމުން ވަކި ކުރީ އޭސީސީއަށް މައްސަލައެއް ހުށަހަޅައި، ފަހުން އެ މައްސަލަ ޖޭއެސްސީ އިން ބެލުމަށްފަހު މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.

މަގާމުން ވަކިކޮށް، ދެ އަހަރުގެ ދިގު ތަހުގީގަކަށްފަހު ނިންމީ ދައުވާކުރެވެން ވެސް ނެތްކަމަށް
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ޖިނާއީ ކުށެއް ނެތް ކަމަށް ޕީޖީން ނިންމުމާ ގުޅިގެން ފުލުހުން އެ މައްސަލަ ވަނީ ފައިލްކޮށްފައި. ޕީޖީ އޮފީހުން މި މައްސަލަ ބަލައިނުގަތުމަށް ނިންމީ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތުމުގެ ސަބަބުން.
އެ ދެ ބޭފުޅުން މައްސަލަ އޭސީސީގެ އިތުރުން ޖޭއެސްސީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ބަލަން ފެށުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އާއި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފެށީ ފެބްރުއަރީ، 2024، ގަ އެވެ. އެ މައްސަލަ ބަލަން ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި އޮއްވަ އެވެ.
މައްސަލަ ތަހުގީގު ކުރަނިކޮށް ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މެއި، 2024، ގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔާ ހިލާފަށް ވަނީ ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ ވަކިކޮށްފަ އެވެ.
އަޒްމިރާލްދާ އާއި މަހާޒްއަށް ފުރުސަތު ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވެސް ދިފާއުވުމުގެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އެ ދެ ފަނޑިޔާރުން މަޖިލީހުން ވަކިކުރަން ފާސްކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެންނެވެ.
އޭސީސީ އިން ބުނެފައި ވަނީ ތަހުގީގު ކުރަމުންދަނީ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ކަމަށެވެ. އޭގެ ތަފުސީލެއް ނުދެ އެވެ. މަހާޒް އާއި އަޒްމިރާލްދާއަށް ތުހުމަތު ކުރެވުނީ ދަށު ކޯޓުގެ މައްސަލައަކަށް ނުފޫޒު ފޯރުވި ކަމުގެ މައްސަލައެކެވެ. ސުއޫދުގެ މައްޗަށް ތުހުމަތު ކުރީ ހައި ކޯޓުގެ ރަޖިސްޓްރާ ޒިންމާދާރު ކުރުވަން ވާހަކަ ދެއްކެވި މައްސަލައެކެވެ.












