ރަސްމާލޭގެ ބައެއް ނުއަގުގައި ގަނެގެން އުޅޭ ބޭރުގެ ކުންފުނި، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީ.އެން.ސީ.ގެ މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނަށް މި މަޝްރޫއާ ގުޅޭ މައުލޫމާތު ދެއްވަނީޔޯލަ އެވެ. އަންތަރީސް ވާ ވަރުގެ ވާހަކަ އެކެވެ. އިއްޔެ މާލެ ކައިރި ރިސޯޓެއްގައި މި އެންމެން އެއްވެލައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އެކި ބާވަތުގެ ކެއުން އަރުވާފައި އޮތް ސުފުރާގެ ކަނެއްގައި ރަސްމާލޭގެ 500 ހެކްޓަރު ވެސް އޮތްކަމަށް ވެ އެވެ.
އިންވެސްޓަރަކު އޭނާގެ މަޝްރޫއާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަންދޫބުންނަށް ކިޔައިދިނުމަކީ މައްސަލައެއް ނޫން ކަމަށް ފެނިދާނެ އެވެ. ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި ފަންނީ ގޮތުން ކުރާނެ އަސަރުތައް މަޖިލިސް މެންބަރުން ދެނެގަންނަން ޖެހޭނެތާ އެވެ. ނަމަވެސް، މިކަން މިހިރަ ހިނގަމުންދާ ގޮތުން އުފެދެނީ މާ ގިނަ ސުވާލުތަކެވެ. އޭގެ ތެރެއިން މައިގަނޑު ސުވާލަކީ މިއީ އެވެ. ސަރުކާރުގެ ނިންމުމުގެ އެކޮޅުމިކޮޅު ބަލައި ޖަވާބުދާރީކުރުވަން ތިބި ރައްޔިތުންގެ މަންދޫބުންގެ ވިސްނުމަށް ނުފޫޒު ފޯރުވަން، އެ އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިވެރިޔާ އަށް ފުރުސަތު މިދެނީ ކީއްވެ ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އިންވެސްޓަރެއްގެ "ސޭލްސް ޕްރެޒެންޓޭޝަން" އަޑުއަހަން ތިބޭ ބައެއް ނޫނެވެ. އެއީ ސަރުކާރުގެ ބާރުތައް ހިންގާ ގޮތް ބަލައި، ދައުލަތުގެ ވަސީލަތްތައް ހިމާޔަތްކޮށް، ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާކަން ކަށަވަރުކުރުމުގެ ދުސްތޫރީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާ އެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ "ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރުން އީގަލް ހިލްސް ކުންފުންޏާއެކު ވިޔަފާރީގެ އުސޫލުތަކުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މީގެ ތެރޭގައި ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމާއި، ހުސްނުވާ 99 އަހަރަށް ބިން ކުއްޔަށް ދިނުން ހިމެނެ އެވެ. މިކަމަށް ހިނގާނެ ހަރަދާއި، މިފަދަ އެއްބަސްވުމެއް ހެދުމުގެ ގާނޫނީ ބާރާއި، ޑިވެލޮޕަރަށް ލިބޭނެ ހައްގުތަކުގެ އިތުރުން ދިވެހި ދައުލަތަށް މީގެ ސަބަބުން ދިގު މުއްދަތުގައި ކުރާނެ އަސަރުތަކާ މެދު މިހާރު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ދިވެހިރާއްޖޭގައި 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއެއް އެކުލަވައިލީ، އެއްވެސް ހިފެހެއްޓުމެއް ނެތި ސަރުކާރުން ބޮޑެތި ބާރުތައް ހިންގަމުން އައި ސިޔާސީ ނިޒާމު ބަދަލުކުރުމަށެވެ. ގާނޫނުއަސާސީން ބާރުތައް ވަކިކޮށްފައިވާއިރު، މަޖިލީހުގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ހެދުމެއް ނޫނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ސަރުކާރުގެ ބާރުތައް ހިންގާ ގޮތް ބަލައި، ސަރުކާރުގެ ނިންމުންތަކަށް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހާ ވަނީ ސަރީހަކޮށް މަތިކޮށްފަ އެވެ.
ގާނޫނުއަސާސީގެ 98 އަދި 99 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ އިސްވެރިންނާ ސުވާލުކުރުމާއި، ލިޔެކިޔުންތައް ހޯދުމާއި، މީހުން ހާޒިރުކުރުމާއި، ތަހުގީގުތައް ހިންގުމުގެ ބޮޑެތި ބާރުތަކެއް މަޖިލީހަށް ލިބިދެ އެވެ. މިއީ ހަމައެކަނި ނަމަކަށް އޮތް ބާރުތަކެއް ނޫނެވެ. މި ބާރުތައް ދީފައިވަނީ، ސަރުކާރަކީ ކިތަންމެ މަގުބޫލު ނުވަތަ ބާރުގަދަ ސަރުކާރެއް ކަމުގައި ވިޔަސް، ފާރަވެރިވުމެއް ނެތި ކަންކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ގާނޫނުއަސާސީ ގަބޫލުކުރާތީ އެވެ.
އެހެންކަމުން، މި ހިނގާ ކަންކަމުގައި އޮތް މައްސަލައަކީ މުހައްމަދު އަލައްބާރު މަޖިލިސް މެންބަރުންނާ ވާހަކަދެއްކުމެއް ނޫނެވެ. އޭނާ އަށް މަޝްރޫއާ ގުޅޭ މައުލޫމާތު ދެވިދާނެ އެވެ. އަދި އެއީ ބޭނުންތެރި މައުލޫމާތަށް ވެސް ވެދާނެ އެވެ. ނަމަވެސް، ކަންބޮޑުވުމަކީ މިކަން މި ކުރަނީ ސަރުކާރާއި ޑިވެލޮޕަރާ މިނިވަންކަމާއެކު ސުވާލުކުރެވޭނެ ފަދަ ދެފުށް ފެންނަ މަޖިލީހުގެ ނިޒާމެއްގެ ތެރެއިން ނޫން ކަމެވެ. ހަމައެކަނި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް މައުލޫމާތު ދިނުމުގެ ގޮތުން މިކަން ކުރަނީ ކީއްވެ ހެއްޔެވެ؟ އެ ކުންފުނީގެ ވެރިން މަޖިލީހަށް ހާޒިރުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ ޕީ.އެން.ސީ.ގެ މެންބަރުން އަލައްބާރުގެ ދަރުބާރަކަށް ހާޒިރުކުރެވުނީ ކީއްވެގެން ހެއްޔެވެ؟
ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު އެކަނި އެއްވެލައި، މައުލޫމާތު ހޯދާލައި އަލައްބާރު ދިން އެއްޗެއް ކައިލުމަކީ ފާރަވެރިވުމެއް ނޫނެވެ. ފާރަވެރިވުމަކީ، ރައްޔިތުންގެ މަންދޫބުން ހެކިތައް ބަލައި، ކަންކަމާ ސުވާލުކޮށް، ލިޔެކިޔުންތައް ހޯދައި، އެ މީހުންނަށް ފެންނަ ކަންކަން ރައްޔިތުންނަށް ހާމަކުރުމެވެ.
މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީއަށް އޮންނަ ހާލަތެއްގައި މި ތަފާތު އިތުރަށް މުހިންމުވެ އެވެ. މަޖިލީހުގެ އަގުލަބިއްޔަތު އޮތުމަކީ ސަރުކާރަށް ގާނޫނުތައް ހެދުމުގެ ބާރު ލިބޭ ކަމެއް ނަމަވެސް، އޭގެ ސަބަބުން މަޖިލީހުގެ ދުސްތޫރީ ޒިންމާއަކަށް އުނިކަމެއް ނާދެ އެވެ. އޭގެ ބަދަލުގައި، ސަރުކާރުގެ ކޮންޓްރޯލް މަޖިލީހުގެ މައްޗަށް އޮންނަ ހާލަތްތަކުގައި، މުއައްސަސާގެ މިނިވަންކަން ދެމެހެއްޓުމުގެ ބޭނުންތެރިކަން މާ ބޮޑު ވެ އެވެ.
ރަސްމާލޭގެ މަޝްރޫއު ހިންގުމަށް އެއްބަސްވުމެއް އެކުލަވާލުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އަދި އެކުލަވާލެވިފައި ނެތެވެ. ބަންޑާރަނައިބު ވިދާޅުވެފައިވާ ގޮތުގައި އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވަނީ ވިޔަފާރީގެ އުސޫލުތަކުގެ ވަގުތީ އެއްބަސްވުމެއްގަ އެވެ. ދާއިމީ އެއްބަސްވުންތަކުގައި ސޮއިކުރާނީ އެކަމަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ފަހު ކަމަށް ސަރުކާރުން މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
ސަރުކާރުގެ ވިސްނުމަކީ އެއީ ނަމަ، މަޖިލީހުގެ ޒިންމާ ވަކިން ބޮޑެވެ. މި މަޝްރޫއު ކުރިއަށް ގެންދާނެ ގާނޫނީ އޮނިގަނޑު ކަނޑައަޅާ ގާނޫނާ މެދު ގޮތެއް ނިންމަން މަޖިލީހަށް ވަރަށް އަވަހަށް ހުށަހެޅޭނެ އެވެ. އެ މެންބަރުންގެ ޒިންމާއަކީ ހަމައެކަނި އީގަލް ހިލްސްގެ މަސްލަހަތަށް ނުވަތަ ސަރުކާރުގެ ސިޔާސީ ބޭނުމަށް އެކަނި ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިވެހި ރައްޔިތުންގެ ދިގު މުއްދަތުގެ މަސްލަހަތަށް ބަލައި، މިނިވަންކަމާއެކު އެ ގާނޫނު ދިރާސާކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެ މަޖިލީހުންނެވެ. އެކަމަކު އަލައްބާރާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަބަނޑަށް ކެއުމުން އެ ޒިންމާ އަދާކުރުމަށް ކިހައި މިނިވަން މާހައުލެއް ފަހިވެފައި އޮންނާނޭތޯ އެއީ މިހާރު ސުވާލެކެވެ.
މިއީ އެއްވެސް ވާދަވެރި ބިޑެއްނެތި، ސިއްރު ވާހަކަތަކެއްގެ ތެރެއިން ސަރުކާރުން ހޯދައިގަތް ކުންފުންޏެކެވެ. އެހެންވެ މިކަމާ ގުޅޭގޮތުން މަޖިލީހުން ސާފުކުރަންޖެހެނީ މަދެކަ ކަންކަމެއް ނޫނެވެ. މި މަޝްރޫއު ހިންގުމަށް ސަރުކާރުން މި ކުންފުނި ހިޔާރު ކުރީ ކިހިނެއް ހެއްޔެވެ؟ އެކަން ހިންގީ ކޮން އިޖުރާއަތަކުން ހެއްޔެވެ؟ މި މަޝްރޫއަށް ދައުލަތުން ދެނީ ކޮން އެއްޗެއް ހެއްޔެވެ؟ ބިމުގެ އަގު ކަނޑައެޅީ ކިހިނެއް ހެއްޔެވެ؟ ބިން ކުއްޔަށް ދިނުމުގެ ބަދަލުގައި ސަރުކާރަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޑިވެލޮޕަރު އުފުލަންޖެހޭ ޒިންމާތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެ މަސައްކަތް ކުރާނެ ކަމުގެ މާލީ ގެރެންޓީއަކީ ކޮބައި ހެއްޔެވެ؟ މަޝްރޫއު ލަސްވެއްޖެ ނަމަ، ނުވަތަ ހުއްޓާލައިފި ނަމަ، ނުވަތަ އެހެން ބަޔަކަށް ބަދަލުކޮށްފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކަށް ލިބޭނީ ކޮން ހައްގުތަކެއް ހެއްޔެވެ؟
މިއީ ރަސްމާލެ އެއްބަސްވުމާ ގުޅޭގޮތުން މަޖިލީހުން ކުރަންޖެހޭ ސުވާލުތަކެވެ. މިއީ މުސްތަގުބަލުގައި ލިބޭނެ ފާގަތިކަމުގެ ވައުދުތަކަކުން ނުވަތަ ޑިވެލޮޕަރު ދުނިޔޭގެ އެހެން ތަންތަނުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން އެކަނި ޖަވާބު ލިބޭނެ ސުވާލުތަކެއް ނޫނެވެ. އެ ކުންފުނީގެ ވެރިން ހާޒިރުކޮށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގެނެސް، ލިޔެކިޔުންތައް ބަލައިގެން ނޫނީ މި ޖަވާބެއް ނުލިބޭނެ އެވެ.
މުހައްމަދު އަލައްބާރަކީ ވިޔަފާރިވެރިއެކެވެ. އޭނާގެ ޒިންމާއަކީ ގާނޫނީ އިމުގެ ތެރެއިން އޭނާގެ ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ކުރުމެވެ. އެއީ ގޯސް ކަމެއް ނޫނެވެ. އަދި އޭނާގެ ކުންފުނީގެ މަސްލަހަތާ ދެކޮޅަށް އޭނާ ވާހަކަދައްކާނެ ކަމަށް އުންމީދު ކުރުމަކީ ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާ އޮތީ އެއްބަސްވުން ހެދި ސަރުކާރާއި، އެކަން ތަހުލީލުކޮށް ބަލަންޖެހޭ، ރައްޔިތުންގެ މަޖިލީހުގެ ކިބައިގަ އެވެ.
ސަރުކާރުން ވިޔަފާރީގެ އުސޫލުތައް ނިންމުމަށް ފަހު، ޑިވެލޮޕަރު ގޮސް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް ކަންކަން ކިޔައިދީ، އޭގެ ފަހުން މަޖިލީހުން ގާނޫނު ފާސްކުރަން އެދުމަކީ، މަޖިލީހުގެ ފާރަވެރިވުމުގެ ދައުރު ގެއްލި، އެއީ ހަމައެކަނި ސަރުކާރުން ބުނާހާ ގޮތަކަށް ކަންކަން ނިންމަން އޮތް ތަނަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. މިހާރު ވެސް އެހެން ވެއްޖެޔޭ، ކިޔާ މީހުން ކިޔަ އެވެ.
މި ވިޔަފާރީގެ އެއްބަސްވުން ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. މަޖިލީހުގެ ކޮމިޓީތަކުން މި އެއްބަސްވުން ދިރާސާކޮށް، މިނިވަން ގާނޫނީ އަދި މާލީ ލަފާ ހޯދައި، ކަމާބެހޭ މިނިސްޓަރުންނާއި، ސަރުކާރުގެ އިދާރާތަކާއި، ޑިވެލޮޕަރުގެ އިތުރުން ކަމާބެހޭ ތަޖުރިބާކާރުންގެ ހެކިބަސް ހޯދަން ޖެހެ އެވެ. އަދި އެއްވެސް ގާނޫނެއް ނުވަތަ ދާއިމީ އެއްބަސްވުމެއް ފާސްކުރުމުގެ ކުރިން، ކޮމިޓީގެ ހޯދުންތައް ރައްޔިތުންނަށް ހާމަކުރަން ޖެހެ އެވެ.
މުހައްމަދު އަލައްބާރު ދެއްވާ މައުލޫމާތަކީ މި މަޝްރޫއުގެ އިންސާފުވެރިކަމާއި އިގްތިސާދީ ފައިދާ ސާބިތުކޮށްދޭ މައުލޫމާތުތަކެއް ނަމަ، މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފެންނަ ގޮތަށް އެކަންކަން ހާމަކުރަން ފަސްޖެހެންޖެހޭ ސަބަބެއް ނެތެވެ. އެ މައުލޫމާތުތައް ހަމައެކަނި ރިސޯޓެއްގައި ބާއްވާ ސިޔާސީ ބައްދަލުވުމަކަށް ހަނިކުރަންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ.
ރައްޔިތުން މެންބަރުން އިންތިހާބުކުރީ އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި މަސައްކަތް ކުރާކަށް ނޫނެވެ. ދައުލަތުގެ މުދަލުގެ މައްޗަށް ބޮޑެތި ބާރުތަކެއް ހޯދަން އުޅޭ ބަޔަކު ދިންހައި އެއްޗެއް ކައިގެން އެ މީހުންގެ ވާހަކަ އަޑުއަހަން ތިބޭ ބައެއްގެ ގޮތުގައެއް ވެސް ނޫނެވެ. މެންބަރުންގެ ޒިންމާއަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް، މިނިވަންކަމާއެކު އެކަން ދިރާސާކޮށް، އެއީ ގައުމަށް ފައިދާހުރި ކަމެއްތޯ ކަށަވަރުކުރުމެވެ. އެ ޒިންމާ އަދާކުރައްވާށެވެ.








