މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިހާދުވެ، ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިންމާފައި މިވަނީ، ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތަކުގެ ދަށުން ބިދޭސީންނާއި އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނިކޮށެވެ.
މިގޮތުން އަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާއިން މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މިރޭ ފާސްކުރި ގަރާރުގައި މައިގަނޑު ތިން ކަމެއް ވަނީ ކަނޑައަޅާފައެވެ. އެއީ؛
- ރައީސް މުއިއްޒު ދެއްވި ރަސްމީ ދައުވަތު ގަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.
- ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުން.
- އަދާލަތު ޕާޓީގެ މަގުސަދުތަކާއި، މެންބަރުންގެ ހައްގުތަކާއި، ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައަޅައި، ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު ޕާޓީގެ ރައީސަށް ހަވާލުކުރުން ހިމެނެއެވެ.
ސަރުކާރާއި އަދާލަތު ޕާޓީގެ އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި، މިގޮތަށް އެ ޕާޓީން ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީގެ ބައެއް މެންބަރުންނަށް ދޭނެ އެވެ.
މިރޭގެ ގަރާރު ފާސްކުރަން ވޯޓު ދިނީ މަޝްވަރާ މަޖިލީހުގައި ބައިވެރިވެ، ވޯޓު ލެވޭ 47 މީހުންގެ ތެރެއިން 41 މީހުންގެ އަޣުލަބިއްޔަތުން ކަމަށް އަދާލަތު ޕާޓީން އަދަދު ނޫހަށް ބުންޏެވެ. މަޝްވަރާ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 63 އެވެ.
ދީނީ އެއްބައިވަންތަކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ
ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.
ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާެލެއިން 500 ހެކްޓަރު ދޫކޮށްލުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގައި ރާއްޖޭގައި ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅޭވެ ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދިޔުމަށް އަދާލަތު ޕާޓީން އޮތީ ފާސްކޮށްފަ އެވެ.








