އަދަދު ނޫހުން ގެނެސްދިން "އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން މި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ގޮވާލައްވައިފި އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިޔާޒް އާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތަކީ ދެ ނޫސްވެރިޔަކު ޖަލަށްލާން ހިންގާ ޝަރީއަތަކަށްވުރެ ބޮޑަށް ހުރިހާ ނޫސްވެރިންނަށް ބިރު ދައްކަން ކުރިއަށްގެންދާ ޝަރީއަތެއް ކަމަށެވެ.
"މިއީ ހަމައެކަނި ދެ ނޫސްވެެރިޔަކު ޖަލަށްލާން ހިންގާ ޝަރީއަތެއް ނޫން. މި ޝަރީއަތުގެ ބޭނުމަކީ އާންމުކޮށް ހުރިހާ ނޫސްވެރިންނަށް ބިރުދެއްކުން. މި ދައުވާ އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ވެރިންގެ ޒާތުކޮޅާއި އަބުރު ދިފާއުކުރާ އައްޑަނައަކަށް ހެދުމަކީ މުޅި ޖުޑީޝަރީއަށް އޮތް އިތުބާރު ގެއްލުވާލުން ކަމަށެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދާ ފިޔާޒް އާއި ހަސަންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:30 އަށް ވަނީ ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ.

ފިޔާޒް އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން ތިބެ، މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
ނަމަވެސް، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ، އަދަދު ނޫހުން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސްދުވަސްފަހުން އެ ޑޮކިއުމެންޓްރީއާ ބެހޭ ސުވާލެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ކުރުމުންނެވެ. ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، އޭގައި ބައިވެރިވި ހުރިހާ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް މުއިއްޒު އެންގެވީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މުއިއްޒު އެ އެންގެވުން އެންގެވި ދުވަހު، ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ރެއިޑުކޮށް މި އޮފީހުގައި ނޫސްވެރިކަން ކުރުމަށް ގެންގުޅޭ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީއާ ގުޅޭ ބައެއް ހެކިތަކާ ބެހޭގޮތުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، އޭނާ ވަނީ ރައީސް އޮފީހުން ބޭރުކޮށްފަ އެވެ. މުއިއްޒުއާ އެ ސުވާލުކުރި މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ.
މީގެއިތުރުން މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކުރި ހަބަރު ލިޔުމުން މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެވެ.












