އޭއެފްސީ ޗެލެންޖު ލީގުގުގެ ގްރޫޕް ސްޓޭޖު މެޗުތަކަކުން ރާއްޖޭގެ ހަތަރު ރެފްރީ އަކަށް ފުރުސަތު ލިބިއްޖެ އެވެ.
މިއީ، އޭޝިއާގެ ކްލަބް ފުޓްބޯޅައިގެ މުބާރާތަކުން ރާއްޖޭގެ ރެފްރީންނަށް މެދުކެނޑުމަކަށް ފަހު ލިބިގެންދިޔަ ފުރުސަތެކެވެ. އޭއެފްސީގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެލެންޖު ލީގަކީ މީގެ ތިން އަހަރު ކުރިން މުޅިން އަލަށް ފެށި މުބާރާތެކެވެ.
މި ފަހަރުގެ މުބާރާތުގެ ކޮލިފައިން ބުރު ނިމިފައިވާއިރު، ދެން އޮތީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. ރާއްޖޭގެ ހަތަރު ރެފްރީންނަށް ފުރުސަތު ލިބިފައިވަނީ، ދެ ގްރޫޕެއްގެ މެޗުތަކުންނެވެ. ފުރުސަތު ލިބިފައިވާ ރެފްރީންނަކީ ފީފާ ބެޖު ގިނަ އަހަރުތަކެއް ވަންދެން ހޯދާފައިވާ ތަޖުރިބާކާރު ރެފްރީންްނެވެ. އަދި، އެ ރެފްރީން ވަނީ، ބައިނަލްއަގުވާމީ އެކި ފަންތީގެ މުބާރާތްތަކުގައި މީގެ ކުރިން ވެސް އިންސާފުކޮށްފަ އެވެ.
އެ ގޮތުން، އަންނަ މަހުގެ 17-23 އަށް ކުވެއިތުގައި ކުރިއަށްދާ ގްރޫޕް ސީގެ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު، ރާއްޖޭގެ މުހައްމަދު ޖާވިޒް (ޖޭޑު) އަށް ލިބިފައިވާއިރު، އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި، އަހުމަދު ހަސަން (އައްމަޑޭ) މަސައްކަތްކުރާނެ އެވެ.

މި ގްރޫޕްގައި ހިމެނޭ ޓީމުތަކަކީ، ކުވެއިތުގެ އަލް ގަދްސިއާ، ބަންގްލަދޭޝްގެ ފޯޓިސް، އިންޑިއާގެ ގޯއާ އަދި ތަޖިކިސްތާންގެ ރެގާރު ޓަޑާޒް އެވެ. ރެގާރު އަކީ ކޮލިފައިންގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ގްރޫޕް ސްޓޭޖަށް ކޮލިފައިވި ޓީމެކެވެ.
ދެން، ދިވެހި ރެފްރީންނަށް ފުރުސަތު ލިބިފައިވަނީ، އަންނަ މަހުގެ 17-23 އަށް ބޫޓާނުގައި ކުރިއަށްދާ ގްރޫޕް އޭގެ މެޗުތަކަށް ދާ މެޗު އޮފިޝަލުންގެ ތެރެއިންނެވެ. އެ ގޮތުން، އެ މެޗުތަކުގައި އިންސާފުކުރާ ރެފްރީންގެ ތެރޭގައި، ރާއްޖޭގެ ރެފްރީ ހުސެއިން ސިނާން ހިމެނޭއިރު، އެސިސްޓަންޓް ރެފްރީންގެ ތެރޭގައި، ނިއުޝާދު މުހައްމަދު ހިމެނެ އެވެ.
މި ގްރޫޕްގައި ވާދަކުރާ ޓީމުތަކަކީ، ބޫޓާނުގެ ޕަރޯ އެފްސީ، ސީރިއާގެ އަލް އިއްތިހާދު އަހްލީ، ލެބަނަންގެ އަންސަރު އަދި ތުރުކުމެނިސްތާންގެ އަހަލް އެވެ.












