ވަރުގަދަ ޗެލެންޖެއް، މާޒިޔާގެ ކޮންމެ ކުޅުންތެރިއަކު 100 ޕަސެންޓް ދޭން ޖެހޭނެ

Aug 11, 2026, 4:47 PM
އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި މާޒިޔާ އާއި ރެގާރް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މާޒިޔާގެ ކޯޗު ޓްރުޗާ ވާހަކަ ދައްކަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި މާޒިޔާ އާއި ރެގާރް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މާޒިޔާގެ ކޯޗު ޓްރުޗާ ވާހަކަ ދައްކަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުގައި، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މާދަމާ ހަވީރު ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗަކީ ވަރުގަދަ ޗެލެންޖެއް ކަމަށާއި މާޒިޔާގެ ކޮންމެ ކުޅުންތެރިއަކު މި މެޗުގައި 100 ޕަސެންޓް ދޭން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފި އެވެ. 

 މި މެޗު އެންމެ ފުރަތަމަ ކުޅެން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު ގަލޮޅު ދަނޑުގަ އެެވެ. އެކަމަކު، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، ރެގާރު ޓަޑާޒް، ރާއްޖެ އަންނަން ދަތުރު ފަތުރުގެ ކަންކަން ހަމަޖެހުމުގައި، މައްސަލަތަކެއް ދިމާވެ، ރާއްޖެ އާދެވުނީ މިއަދު ހެނދުނެވެ. އެހެންވެ، އޭއެފްސީން ނިންމީ، މެޗު، ބުދަ ދުވަހު ހަވީރަށް ފަސްކުރުމަށެވެ. 

ތަޖިކިސްތާންގެ ރެގާރުގެ ދަތުރުފަތުުރުގެ މައްސަލައެއް ދިމާވެ މާޒިޔާގެ އޭއެފްސީ ޗެލެންޖު ލީގު މެޗު ފަސްކޮށްފި

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާ އާއި ތަޖިކިސްތާންގެ އެފްސީ ރެގާރު ބައްދަލުކުރަން އޮތް މެޗު، ރެގާރު ޓީމުގެ ދަތުރުފަތުރުގެ މައްސަލައެއް ދިމާވެގެން އަންނަ ބުދަ ދުވަހަށް ފަސްކޮށްފި. މާދަމާ ހަވީރު ކުޅެން އޮތް މި މެޗު ފަސްކުރީ ރެގާރު ޓީމަށް ރާއްޖެ އާދެވޭގޮތް ނުވުމުން ކަމަށްވާއިރު، އެ ޓީމަށް މިހާރު ރާއްޖެ އާދެވޭނީ މާދަމާ ހެނދުނު

މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ޓްރުޗާ ބުނީ، މެޗު ފަސްކުރުން މިއީ ހަގީގަތުގައި މާޒިޔާ އަށް ރަނގަޅަށް ވީ ކަަމެކޭ ވެސް ނުބުނެވޭނެ ކަމަށެވެ. އެއީ، އޭނާ އަށް ޓީމާ އެކު މިހާތަނަށް އެކުގައި ލިބުނު ވަގުތު ކުޑަކަމުގައި ވިޔަސް، މިއަދު ހަވީރު މި މެޗު ކުޅެން ވަރަށް ވިސްނައިގެން ތިބި ކަމަށާއި. އެކަމަކު މެޗު ފަސްވުމާ އެކު، ޕްލޭނަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ޓްރުޗާ ބުނެފައިވެ އެވެ.

"މިހާރު މި އޮތް މޮމެންޓަމް ވެސް ގެއްލޭނެ. އެކަމަކު މިހެން މިކަން ދާނީ، މިއީ އަހަރެމެންގެ ކޮންޓްރޯލުން ބޭރު ކަންކަން. ޖުމްލަކޮށް ބަލާއިރު އަހަންނަށް ބުނެވޭނީ މި ކުޅެން އުޅެނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށޭ. އެންމެ ފަހުން އެ މީހުން ކުޅެފައިވާ ފަސް މެޗުން ވެސް އޮތީ މޮޅުވެފައޭ. މިދިޔަ ދެ މަހެއް ތެރޭ އިސްތިގްލާލް އަތުން ދެ ފަހަރު މޮޅުވެފައި އެ އޮތީ. އަހަރެެމެން ވަރަށް ތައްޔާރުވެ ތިބެން ޖެހޭނީ،" ޓްރުޗާ ބުންޏެވެ. 

"ކޮންމެ ކުޅުންތެރިއަކު ވެސް 100 ޕަސެންޓް ދޭން ޖެހޭނެ. އަހަރެެމެން މި ވާހަކަ ދައްކަން ޖެހެނީ، މެޗު ފަށާއިރު ބޭނުންކުރާ ކުޅުންތެރިންނާއި ބެންޗުން އަރައި މެޗު ނިންމަން ޖެހޭ ކުޅުންތެރިންނާ ވެސް ބެހޭގޮތުން، މިއީ، ހަމައެކަނި 11 ކުޅުންތެރިންގެ ވާހަކައެއް ނޫން. މިއީ، ހަމައެކަނި ކޯޗުގެ ވާހަކައެއް ވެސް ނޫން،. މިއީ ޓީމްވޯކުން ކުރަން ޖެހޭކަމެއް. އެކަމަކު، ގަބޫލުކުރަންޖެހޭ ވާދަކުރަން މި ޖެހޭ ޓީމު އޮތީ މާ ދުރުގައި މި ވަގުތު. އެ މީހުންގެ ކޯޗު ވެސް ޓީމާ އެކު ގިނަ ދުވަސްވެފައި. ދެން، ތިބި ކުޅުންތެރިންނަށް ބަލާއިރު އެކުގައި ކުޅެފައި ތިބި ކުޅުންތެރިން ވެސް ގިނަ. މިއީ ޗެލެންޖެއް. ދެން، އަހަރެމެންގެ ވަޒީފާ އަކީ މި އަށް ފައިޓްކުރުން. 

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރު ހޯދާފައިވާ މާޒިޔާ އަކީ އޭއެފްސީން ޗެލެންޖު ލީގު ތައާރަފްކުރި ފަހުން މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ފުރަތަމަ އަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ނަމަވެސް މިދިޔަ ސީޒަނުގައި ކޮލިފައިން އިން ކެޓީ އެވެ. 

ޓްރުޗާ ބުނީ، އިންޓަނޭޝަނަލް ލެވަލްގައި ވާދަކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އެކަމަކު، ވާދަކުރަން ޖެހޭ ލެވަލްގެ ޓީމުތައް ބަލާއިރު، ފަރަގުގެ ގޮތުން ތަފާތު ޓީމުތަކާ ކުޅެން ޖެހޭ ފަހަރު ވެސް އަންނާނެ ކަމަށެވެ. އެ ގޮތުން، ޗެލެންޖު ލީގުގެ ގުރު އަތުލުން ބޭއްވިއިރު، މާޒިޔާ އަށް ލައްވާލަން އޮތް ފަޅީގައި އޮތް ކިރްގިސްތާން ދެ ޓީމާއި ތަޖިކިސްތާން ޓީމުތަކަކީ ފެންވަރަށް ބަލާއިރު ރަނގަޅު ޓީމުތައް ކަމުގައި ޓްރުޗާ ބުނެފައިވެ އެވެ. 

"ރެގާރު އަކީ މި ވަގުތު ލީގުގެ ކުރީގައި އޮތް ޓީމު. އެ މީހުން ތަޖިކިސްތާން ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފި އިސްތިގްލާލާ ކުޅެގެން. އެ މީހުންނަކީ އެންމެ ފަހުގެ ތަޖިކިސްތާންގެ ޗެމްޕިއަނުން. ތި އެންމެންނަށް ވެސް އެނގޭނެ ތަޖިކިސްތާންގެ ގައުމީ ޓީމު ރާއްޖެ އަތުން މޮޅުވި 2-0 އާއި 3-0 އިން (އޭޝިއަން ކަޕް ކޮލިފައިންގައި)،" ޓްރުޗާ ބުންޏެވެ. 

-"އަހަރެމެން މި ކުޅެން ޖެހޭ ޓީމު (ރެގާރު) އެއީ އެފްެރިކާގެ ކެމަރޫނަށް ގިނައިން ނިސްބަތްވާ ކުޅުންތެރިންނާއި ތަޖިކިސްތާންގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެ ގައުމުގެ އެހެން ރަނގަޅު ކުޅުންތެރިންނާ އެކު އޮތް ވަރަށް ވަރުގަދަ ޓީމެއް. އަހަންނަށް ފެންނަ ފެނުމުގައި އެ މީހުންނަށް ބޮޑު ފުރުސަތެއް އެބައޮތް ޕްރޮމޯޓް ވުމުގެ (ގްރޫޕް ސްޓޭޖަށް ދިއުމުގެ)،" 

މާޒިޔާއާ އެކު މިހާތަނަށް ހޭދަކުރެވުނީ 11 ދުވަސް ކަމަށާއި ފުޓްބޯޅަ އަކީ އެންމެ ރެއަކުން ކަންކަން ބަދަލުކުރެވޭނެ ކުޅިވަރެއް ނޫން ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. ސައުވީސް ގަނޑިއިރުގެ ބޭނުންހިފައި، ކުޅުންތެރިންނާއި ޓީމާ މެދު ވިސްނަމުން އަންނަ ކަމަށާއި އޭނާގެ ޕްލޭނަށް ކުޅުންތެރިން ފިޓް ކުރެވޭނެ ގޮތްތަކާ މެދު އެކި ގޮތްގޮތަށް ރޭވުންތައް ބައްޓަންކުރާ ކަމަށް ޓްރުޗާ ބުނެފައިވެ އެވެ. 

"ދެން، ބިދޭސީ ކުޅުންތެރިން ވެސް މި އައީ ފަހަރަކު ކުޅުންތެރިއެއް، އެންމެން އެކުގައެއް ނޫން. ޓީމުގެ ފިޓްނަސް ލެވަލާ ބެހޭގޮތުން ސުވާލުކޮށްފިއްޔާ ބުނެވޭނީ 100 ޕަސެންޓުގައެއް ނޫނޭ މި ތިބީ. ދެން، އަހަރެން ބޭނުންވާ ލެވަލްގައި މި ކުޅުންތެރިން ކުޅެން އަދިވެސް ތައްޔާރެއް ނޫން،" ޓްރުޗާ ބުންޏެވެ. 

"އެކަމަކު، އަހަރެމެންނަށް މި އޮތީ (އޭއެފްސީ މެޗު) ކުޅެން ޖެހިފައި. ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން ޖެހިފައި. އަހަރެމެން ދެ މެޗެއް ކަޕް ވިނާސް ކަޕްގައި ކުޅެފިން، އަހަރެން އައުމުގެ ކުރިން، ޗެރިޓީ ޝީލްޑް މެޗު ކުޅުނުތަން ވެސް ބެލިން. މި މެޗުތަކުން އަހަންނަށް ވަރަށް މައުލޫމާތު ލިބިގެންދިޔަ. ދެން، މިހާރު އަހަރެމެން މި މަސައްކަތްކުރަނީ، އިތުރު ކުޅުންތެރިންނާ އެކު މަސައްކަތްކޮށްގެން ރަނގަޅު ލެވަލެއްގައި ކުޅެން،" 

ރްވާންޑާގެ ކްލަބަކާ ހަވާލުވާން އެ ގައުމަށް ވެސް ގޮސްފައި މާޒިޔާގެ އޮފާ ގަބޫލުކޮށް ރާއްޖެ އަންނަން ނިންމި ނިންމުމަކީ ފުޓްބޯޅައިގެ ނިންމުމެއް ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. އެ ގޮތުން، އޭނާ މިސާލެއްގެ ގޮތަށް ދެއްކީ ދާދި ފަހުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އާ ކޯޗެއް ހަމަޖެއްސުމުގައި، ގެންނަން ޖެހުނު އަވަސް ނިންމުންތަކާ ބެހޭގޮތުންނެވެ. އެ ގޮތުން، އަންދްރެއާ ޕިރްލޯ ކޯޗަކަށް ނުގެނެވިގެން، ޕައޮލޯ މަލްޑިނީ ވެސް ދެ ހަފްތާ ތެރޭ ވަޒީފާ ދޫކޮށްލަން ޖެހުނު ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. 

އެ ގޮތުން، އޭނާގެ އަމިއްލަ ނިންމުމާ ގުޅޭގޮތުން، ވާހަކަ ދައްކާނަމަ، ރުވާންޑާ އަށް ގޮސް ހުއްޓައި މާޒިޔާގެ އޮފާ ލިބިގެން ދިގު ދަތުރުތަކެއް ކޮށްފައި ރާއްޖެ އަންނަން ޖެހުނު ކަމުގައި ވިޔަސް، ނިންމުނީ ރަނގަޅު ނިންމުން ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. 

"މާޒިޔާ އިން އޮފާ ލިބުނު ހިސާބުން އަހަންނަށް އުނދަގޫ ކަމަކަށް ނުވި ކޮން ޓީމެއް ތޯ އިހުތިޔާރުކުރާނީ ކަނޑައަޅަން. އެއީ، މާޒިޔާ އަކީ ވަރަށް ރަނގަޅު ކްލަބެއް. ރަނގަޅު ރެޕިއުޓޭޝަނެއް އޮތް ޓީމެއް. ރަނގަޅު ސެޓަޕެއް އޮތް ޕްރޮފެޝަނަލް ޓީމެއް. ތަށްޓަށް ކޮންމެ އަހަރަކު ވާދަކުރާ ޓީމެއް. އެހެންވެ، އަހަރެން ވަރަށް އުފަލުން މި ހުރީ. 100 ޕަސެންޓް ޔަގީން، އަަހަރެން ނިންމީ ރަނގަޅު ނިންމުމެއްކަން ފަސޭހަ ކަމަކަށް ނުވިޔަސް،" މެލޭޝިއާ އާއި އިންޑޮނޭޝިއާ ލީގުގައި ކޯޗުކޮށްދިން ޓްރުޗާ ބުންޏެވެ. 

މާޒިޔާ އާއި ރެގާރު ކުޅޭ މެޗު ފަށާނީ ހަވީރު 15:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox