ރެގާރުގެ ފޯކަސް ހުރީ މެޗުގެ ކުރިން މާޒިޔާއާ މެދު ވަކި ވިސްނުމެއް ނުގެންގުޅެން

Aug 11, 2026, 11:22 PM
ގަލޮޅު ދަނޑުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރެގާރުގެ ކޯޗު އަލީޝާ ތުކްތައޭވް ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގަލޮޅު ދަނޑުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރެގާރުގެ ކޯޗު އަލީޝާ ތުކްތައޭވް ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުގައި، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް މާދަމާ ހަވީރު ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒުން ނުކުންނާނީ ދޭން ޖެހޭ އިހުތިރާމް ދީގެން ނަތީޖާ ނެރެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ ފޯކަސް ދަނޑުމައްޗަށް ދޫކޮށްލުމަށް ކަމަށް އެ ޓީމުގެ ކޯޗު، އަލީޝާ ތުކްތައޭވް ބުނެފި އެވެ. 

 މި މެޗު އެންމެ ފުރަތަމަ ކުޅެން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު ގަލޮޅު ދަނޑުގަ އެެވެ. އެކަމަކު، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، ރެގާރު ޓަޑާޒް، ރާއްޖެ އަންނަން ދަތުރު ފަތުރުގެ ކަންކަން ހަމަޖެހުމުގައި، މައްސަލަތަކެއް ދިމާވެ، ރާއްޖެ އާދެވުނީ މިއަދު ހެނދުނެވެ. އެހެންވެ، އޭއެފްސީން ނިންމީ، މެޗު، މާދަމާ ހަވީރަށް ފަސްކުރުމަށެވެ. 

މާދަމާގެ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރެގާރުގެ ކޯޗު، ތުކްތައޭވް ބުނީ، ދަތުރު ފަތުރު ދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ވިޔަސް މެޗަށް އެންމެ ރަނގަޅަށް މި ތިބީ ތައްޔާރުވެގެން ކަމަށެވެ. 

"ޓްރެއިނިން ކުރިއަށްގެންދަން އެއް ދުވަސް ވަރު މެޗާ ގާތްކޮށްފައި މި ލިބުނީ. ދެން، ޓްރެއިިނިން ގެންގޮސްފައި މެޗާ މެދު ދެން ގޮތެއް ނިންމަން އެނގޭނީ. (ދަތުރުފަތުރުގައި ދިމާވި މައްސަލަ) މިއީ، ފުޓްބޯޅައިގައި ހިނގާ ކަމެއް. ވާނީ ކީއްކަމެއް ބުނަން ވަރަށް އުނދަގޫވާނެ. އަހަރެމެން މި ތިބީ ތަންކޮޅެއް ލަހުން އާދެވިފައި. އެކަމަކު، އެއީ އުޒުރަކަށް ހަދައިގެން އެ ވާހަކަ ދައްކަން ނެތިން. އަހަރެމެން ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރާނަން ނަތީޖާ ނެރެން،" ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، ތުކްތައޭވް ބުންޏެވެ. 

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރު ހޯދާފައިވާ މާޒިޔާ އަކީ އޭއެފްސީން ޗެލެންޖު ލީގު ތައާރަފްކުރި ފަހުން މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ފުރަތަމަ އަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ނަމަވެސް މިދިޔަ ސީޒަނުގައި ކޮލިފައިން އިން ކެޓީ އެވެ.

މިދިޔަ އަހަރު ރެގާރު ވަނީ އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ ގޮތުން، މިދިޔަ ފަހަރުގެ ކޮލިފައިންގައި މާޒިޔާ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖަށް ކޮލިފައިވި ކުވެއިތުގެ އަލް އަރާބީން ވަނީ ގްރޫޕް ސްޓޭޖުގައި ރެގާރު އަތުން 2-1 އިން މޮޅުވެފަ އެވެ. 

ތަޖިކިސްތާން ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވި ރެގާރު މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު، އޭއެފްސީ ޗެެލެންޖު ލީގަށް ނުކުންނައިރު، އެ ޓީމުން ގަބޫލުކުރާ ހަގީގަތަކީ، މި ލެވަލްގެ މުބާރާތްތަކުގައި އެކި އަހަރުތަކުގައި ކުރިމަތިވާ ޗެލެންޖް ތަފާތުވާނެ ކަމެވެ. 

"ކޮންމެ އަހަރަކު ކޮންމެ ޓީމަކަށް ވެސް ތަފާތުކޮށް ތައްޔާރުވެވޭނެ. ޗެމްޕިއަންޝިޕް (ޗެލެންޖް ލީގުގެ) ލެވަލް މަތި ވެސް ވެދާނެ، ދަށް ވެސް ވެދާނެ. އެއީ ދިމާވެދާނެ ކަމެއްގެ މައްޗަށް އޮތް ކަމެއް. އެއް ފަހަރު މުބާރާތުގެ ތަޖުރިބާ އޮތަސް ދެ ވަނަ ފަހަރު އޭގެ ބޭނުންނުހިފިދާނެ. މާޒިޔާ ވެސް ރަނގަޅަށް ތައްޔާރުވިއްޔާ، އެ މީހުން ކުޅޭނެ ރަނގަޅަށް. އެ މީހުންނަށް ތައްޔާރުނުވެވިއްޖިއްޔާ އެކަން ނުވެދާނެ ބޭނުން ގޮތަށް. އެއީ މި ކަހަލަ ގޮތަކަށް އޮތް ކަމެއް،" ތުކްތައޭވް ބުންޏެވެ.  

"މާޒިޔާ އަކީ ވެސް ރަނގަޅު ޓީމެއް، ކޮންމެ ޓީމެއް ވެސް ކުޅޭނީ މޮޅުވާން. ކޮންމެ ޓީމެއް ވެސް އެންމެ ރަނގަޅަށް ދަނޑުމަތީގައި މަސައްކަތްކުރާނެ،" 

މާޒިޔާ ޓީމުގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި އޭއެފްސީގައި ކުޅެން ގެންނަ ކުޅުންތެރިން ވެސް ރަަނގަޅުވާނެ ކަމަށް ރެގާރުން ގަބޫލުކުރެ އެވެ. އަދި، "ފުޓްބޯޅައިގައި ވަކި ކުޅުންތެރިއެއް މޮޅޭ، ވަކި ކުޅުންތެރިއެއް ދަށެކޭ ނުބުނެވޭނެ" ކަމަށާއި އެއީ، ކޮންމެ ޓީމެއް ވެސް މެޗުތަކަށް ފުރިހަމަ އަށް ތައްޔާރުވާން މަސައްކަތްކުރާއިރު، އެ ދޭން ޖެހޭ އިހުތިރާމް ދިނުން މުހިންމު ކަމަށް ތުކްތައޭވް ވަނީ ބުނެފަ އެވެ. 

"ދެން، އަހަރެމެން މި ޖެހެނީ ކުރިއަށް މި އޮތް މެޗަށް ރަނގަޅަށް ތައްޔާރުވާން،" ތަޖިކިސްތާންގެ ވަރުގަދަ ޓީމެއް ކަމަށްވާ އިސްތިގްލާލްގައި ވެސް ކޯޗިން މަސައްކަތްކުރި، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ތުކްތައޭވް ބުންޏެވެ. 

އެންމެ ފަހުން އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިިކިސްތާނުން ވަނީ ރާއްޖެ ދެ ފަހަރު ބަލިކޮށްފަ އެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު 9 ވަނަ ދުވަހު، ތަޖިކިސްތާނުގައި ކުޅުނު މެޗުން އެ ޓީމުން 2-0 އިން ރާއްޖެ ބަލިކުރިއިރު، އޭގެ ހަތަރު ދުވަސް ފަހުން، މާލޭގައި ކުޅުނު މެޗުން، ތަޖިކިސްތާން މޮޅުވީ 3-0 އިންނެވެ. 

"ގައުމީ ޓީމު ކުޅޭ ގޮތާއި ކްލަބްތައް ކުޅޭ ގޮތާއި ވަރަށް ތަފާތު ވާނެ. ތައްޔާރީތައް ވެސް ވަރަށް ތަފާތުވާނެ. ދެން، މާޒިޔާއާ ދެެކޮޅަށް ތައްޔާރުވާނެ ގޮތެއް ނުބުނެވޭނެ. މިހާރު ފޯކަސް ކުރަނީ މެޗުގައި (ކާމިޔާބު ހޯދަން ބޭނުންވާ) ކަންކަން ކުރަން،" ތުކްތައޭވް ބުންޏެވެ. 

މީގެ ކުރިން އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރެގާރުން މިދިޔަ އަހަރުގެ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށް މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ، 15:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox