ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޫބަރު 9) - ސަންޑަލެންޑަށް ކުޅެމުން އަންނަ ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން، ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހި ކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލަ ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން އޭނާ އަށް އަދަބު ދީފި ކަމަށް ބުނެފި އެވެ.
ސްވިޒަލެންޑް ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެންމެ ފުރަތަމަ 2021 ވަނަ އަހަރު ކޮވިޑް ވެކްސިން ޖެހުމަށް ލަފާ ދެމުންދިޔައިރު، ޝަކާ، ވެކްސިން ނުޖަހާ ކަމަށް އޭރު ސްވިޒަލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ބުނެފަ އެވެ.
އުމުރުން 33 އަހަރުގެ ޝަކާ، ފޭކް ކޮވިޑް ސެޓްފިކެޓެއް ހަދަން މަޖުބޫރުވީ، 2022 ވަނަ އަަހަރުގެ ފަހުން ސްވިޒަލެންޑުގެ ރައްޔިތަކު އެހެން ގައުމަކަށް ދާނަމަ، ކޮވިޑް ވެކްސިން ޖެހިކަން ކަށަވަރުކުރެވޭ ސެޓްފިކެޓެއް އޮންނަން ޖެހޭ ގޮތަށް އުސޫލު ހެދުމުންނެވެ.
ސްވިޒަލެންޑުގެ ޕަަބްލިކް ޕްރޮސެކިއުޓަރުން ބެލި މައްސަލައިގައި ޝަކާގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުރިހަމަ ކުރުމާ މެދު ގޮތެއް ނިންމައި އަދަބު ވަނީ މިހާރު ދީފަ އެވެ. އެއީ، 150،000 ޑޮލަރުން ޖޫރިމަނާ ކުރުމުގެ އިތުރުން، ކޮމިއުނިޓީ ސާވިސްގެ ބައެއް ފުރިހަމަ ކުރުމަށެވެ.
ޝަކާ ވަނީ އެ އަދަބު ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.
ޝަކާ، އެ ސެޓްފިކެޓް ގެންގުޅުނު ދުވަސްވަރު ކުޅެމުން އައީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަށެވެ. އޭގެ ފަހުން، ބަޔާ ލެވަކޫސަނަށް ބަދަލުވި ޝަކާ، އެ ޓީމުގައި ކާމިޔާބީތަކެއް ހޯދައި، މިދިޔަ ސީޒަނުގައި އަލުން ޕްރިމިއާ ލީގުގެ ސަންޑަލެންޑަށް ބަދަލުވި އެވެ.
މި މައްސަލައިގައި، ޝަކާ، އެންމެ ފުރަތަމަ، އިންސްޓަގްރާމްގައި ލިޔުނު ގޮތުގައި، ކޮވިޑް ވެކްސިން ޖަހަން އޭރު ބޭނުމެއް ނުވީ އެކަމާ ގުޅޭ ގޮތުން ފުރިހަމަ ޔަގީންކަމެއް ނެތުމުން ކަމަށެވެ. އަދި، އެންމެ ފަސޭހަ ގޮތަކަށް ކޮވިޑް ވެކްސިން ސެޓްފިކެޓް ހޯދަން ޖެހުނު ކަމަށާއި އެކަން ކުރަން ޖެހުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވެސް ޝަކާ ވަނީ ގަބޫލުކޮށްފަ އެވެ.
މި މައްސަލަ ބަލާތީ، ޝަކާ ވަނީ މި ފަހުން ގައުމީ ޓީމުގެ ކޭމްޕްގައި ބައިވެރިނުވާން ނިންމައިފަ އެވެ. ސްވިޒަލެންޑް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ގައުމީ ޓީމަށް 152 މެޗު ކުޅެދީފައިވާ ޝަކާ، އަށް ޓީމާ ދުރުގައި މަޑުކޮށްލަން ޖެހިފައިވާ ކަމަށެވެ.












