ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރަތަމަ ފަހަރަށް ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ހޯދައިފި އެވެ.
އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރީ، ގައުމީ ފުޓްސަލް ޓީމުގެ ފަސް ކުޅުންތެރިންނެވެ. އެއީ، އަހުމަދު ހަމީދު (އައްމަޑޭ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަހުމަދު (އަސޫ) އެވެ.
އިންމި އަކީ ޖެނުއަރީ މަހު، ތައިލެންޑްގައި ބޭއްވި ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު ޓީމުގެ ކެޕްޓަން އެވެ. އިންމި އަކީ އެ މުބާރާތުގައި އިންޑިވިޖުއަލް ކުޅުމަށް ބަލާއިރު، އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ.
އެކަމަކު ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ މެޗުތަކުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، ފަހު މެޗުގައި، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވި އެވެ.
އިންމި ވަނީ، ބައިނަލްއަގުވާމީ އެކި ލެވަލްގެ މުބާރާތްތަކުގައި މިދިޔަ އަށް ވަރަކަށް އަހަރު ގައުމީ ފުޓްސަލް ޓީމަށް ކުޅެފަ އެވެ. އެ ގޮތުން، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގެ އެކި ބުރުތަކާއި އާއި ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕެއްގެ އިތުރުން، އޭޝިއަން އިންޑޯ މާޝަލް އާޓްސްގެ ފުޓްސަލްގައި އަދި މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގަ އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ވެސް ތަފާތު ދައްކާފައިވާ އިންމި އަކީ، މި ވަގުތު ރާއްޖޭގެ ފުޓްސަލްގައި އެންމެ ތަޖުރިބާކާެރު އެއް ކުޅުންތެރިޔާ އެެވެ. އަދި، އޭނާގެ ފުޓްސަލް ކެރިއަރު، 20 އަހަރަށް ވުރެން ދިގެވެ.











