ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކުރީ ކޮންކަހަލަ އެއްބަސްވުމެއް؟

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް

އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ ބޮޑުބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދޫކޮށްލުމަށް ސަރުކާރުން އިއްޔެ ވަނީ އެއްބަސްވެފަ އެވެ. އެއީ މެރީނާއަކާއި ވޯޓާ ފްރޮންޓެއް ތަރައްގީކުރުމަށް ހިންގާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ހާމަކުރި އެވެ. އެ އަދަދު ބޭރުގެ ނޫސްތަކުގައި މިހާރު ވަނީ 12 ބިލިއަން ޑޮލަރަށް ކުޑަވެފަ އެވެ. 

އިންޓަގްރޭޓެޑް މޮޑެލްއަށް ތަރައްގީކުރާ އެެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި، ފެންވަރު ރަނގަޅު އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަާފްރަންޓް މަގުތަކާއި، ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހިމެނޭނެ ކަމަށް އީގަލް ހިލްސްއިން ބުނެ އެވެ. 

އެކި މަރުހަލާތަކަށް ބަހާލައިގެން ރާއްޖޭގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް އެ ކުންފުނިން ކުރަނީ ކޮން އަގަކަށް ކަމެއް ނޭނގެ އެވެ. ރަސްމާލޭގެ ބިން 99 އަހަރަށް ދެނީ ކޮން އަގަކަށް ކަމަށް ނޭނގެ އެވެ. ބަދަލުގައި ރާއްޖެއަށް ލިބެނީ 5،000 ހައުސިން ޔުނިޓުކަން މިހާތަނަށް އެނގިފައިވާއިރު އިތުރު ތަފްސީލުތަކެއް ނޭނގެ އެވެ. އެއީ އަދި ތަފްސީލީ އެއްބަސްވުމެއްގައި އަދި ސޮއިނުކުރާތީ އެވެ. 

Advertisement

"ހާއްސަކޮށް މިވަރު ބޮޑު ޕްރޮޖެކްޓެއްގައި މި އިނީޝަލް ކޮމާޝަލް ޓާމްސްގައި މި ސޮއިކުރީ އާދައިގެ ބަޔަކާ އެކުއެއް އެކުއެއް ނޫން،" ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ޕީއެސްމްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިނީޝަލް ކޮމާޝަލް ޓާމްސް އެގްރީމެންޓަކީ ކޮބާ؟

މިއީ ދެ ފަރާތެއްގެ މެދުގައި ފުރިހަމަ އަދި ތަފްސީލީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން، ދެ ފަރާތުން އެއްބަސްވާ މައިގަނޑު ވިޔަފާރި އުސޫލުތައް ލިޔުމުން އެކުލަވާލާ ފުރަތަމަ މަރުހަލާގެ ލިޔުމެކެވެ. މިއީ "ޓާމް ޝީޓް"، "ހެޑްސް އޮފް ޓާމްސް"، "ހެޑްސް އޮފް އެގްރީމަންޓް" ނުވަތަ "ލެޓާ އޮފް އިންޓެންޓް" ގެ ނަމުގައިވެސް ނަންދެވިފައިވާ ލިޔުންތަކާ އެއްފަދަ ލިޔުމެކެވެ.

މިއީ، ހަމައެކަނި އެކުގައި މަސައްކަތްކުރުމުގެ ނިޔަތް ބަޔާންކުރާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް" (އެމްއޯޔޫ) އަށްވުރެ ބޮޑަށް ކަންކަން ތަފްސީލުކޮށްދޭ ލިޔުމެކެވެ. ނަމަވެސް، މިއީ ތަރައްގީކުރުމުގެ އެއްބަސްވުން (ޑިވެލޮޕްމަންޓް އެގްރީމަންޓް)، ކުއްޔަށްދޭ އެއްބަސްވުން (ލީސް) ނުވަތަ ކޮންސެޝަން އެގްރީމަންޓް ފަދަ އެންމެ ފަހުގެ ދާއިމީ އެއްބަސްވުމެއް (ޑެފިނިޓިވް އެގްރީމަންޓް) ނޫނެވެ.

އެގްރީމެންޓުގައި ހިމެނެނީ ކޮން ކަމެއް؟

މިފަދަ އެގްރީމެންޓުތަކުގައި އާންމުކޮށް ހިމަނަނީ އެއްބަސްވުމުގެ މައިގަނޑު އިގުތިސޯދީ އުސޫލުތަކާއި އޭގެ އޮނިގަނޑެވެ. އޭގެ ތެރޭގައި ކޮންމެ ފަރާތަކުން ކުރަންޖެހޭ މަސައްކަތްތަކާއި، މަޝްރޫއުގެ ސްކޯޕާއި، އާމްދަނީ ނުވަތަ ފައިދާ ހިއްސާކުރާނެ ގޮތް، ދައްކަންޖެހޭ ފީ ނުވަތަ ކުލި، ބިން ކުއްޔަށްދޭ މުއްދަތު، އެކްސްކްލޫސިވިޓީ، އަދި އެންމެ ފަހުގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައަޅާ ތާވަލު ހިމެނެ އެވެ.

އޭގެއިތުރުން، އެއްބަސްވުން ފުރިހަމައަށް ތަންފީޒުވުމުގެ ކުރިން ފުރިހަމަވާން ޖެހޭ ޝަރުތުތައް (ކޮންޑިޝަންސް ޕްރެސިޑެންޓް) ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ކަމާބެހޭ އިދާރާތަކުގެ ހުއްދަތަކާއި، މާލީ އިންތިޒާމުތަކާއި، ތިމާވެށީގެ ހުއްދަތައް ނުވަތަ މަޖިލީހުގެ ފާސްވުން ހިމެނެ އެވެ.

މިއީ އަމަލުކުރަން ޖެހޭ އެގްރީމެންޓެއް؟

މިފަދަ ގިނަ އެގްރީމެންޓުތަކުގައިވާ މައިގަނޑު ވިޔަފާރީގެ އުސޫލުތަކަކީ ގާނޫނީ ގޮތުން އަމަލުކުރުން މަޖުބޫރު (ބައިންޑިން) ކަންކަމެއް ނޫނެވެ. އެ ކޮންމެ ފަރާތަކަށް ވެސް އެއްބަސްވުން ދޫކޮށްލުމުގެ ނުވަތަ އަދަދުތަކަށް އަލުން މުރާޖާއާކުރުމުގެ އިހުތިޔާރު އޮވެ އެވެ. ވަކި އެއްބަސްވުމަކީ ގާނޫނީ ގޮތުން އަމަލުކުރުން މަޖުބޫރު އެއްބަސްވުމެއްތޯ ކަނޑައެޅެނީ އޭގައި ބޭނުންކޮށްފައިވާ އިބާރާތްތަކަށް ބަލައިގެން ކަމަށްވާތީ، ހަމައެކަނި އެއްބަސްވުމަށް ދީފައިވާ ނަމަކުން އެކަން ކަށަވަރެއް ނުކުރެވޭނެ އެވެ.

ނަމަވެސް، އެއްބަސްވުމުގެ ބައެއް މާއްދާތަކަކީ އާންމުކޮށް ގާނޫނީގޮތުން ތަންފީޒުކުރުން މަޖުބޫރު މާއްދާތަކެކެވެ. އޭގެ ތެރޭގައި އާންމުކޮށް ހިމެނެނީ އެކްސްކްލޫސިވިޓީ (ކަނޑައެޅޭ ވަކި މުއްދަތަކަށް އެހެން ވާދަވެރި ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާނުކުރުމަށް ވާ އެއްބަސްވުން)، ސިއްރު ހިފެހެއްޓުން، ހަރަދުތައް ހަމަޖައްސާނެ ގޮތް، އަމަލުކުރާނެ ގާނޫނު އަދި މައްސަލަ ހައްލުކުރުމުގެ އުސޫލުތަކެވެ. 

ދެން އޮތީ ކޮން މަރުހަލާތަކެއް؟

އިއްޔެ ސޮއިކުރި އެގްރީމެންޓަށްފަހު ދެން އޮންނާނީ ޑިއު ޑިލިޖެންސް ފުރިހަމަކުރުމާއި ފީސިބިލިޓީ ނުވަތަ މަޝްރޫއު ހިންގިދާނެކަމުގެ ދިރާސާ ހެދުމުގެ މަރުހަލާ އެވެ. 

މި މަރުހަލާގައި ޑިވެލޮޕަރުގެ ފަރާތުން ބިން ބަލައި ދިރާސާކުރުމާއި، ބިމުގެ ގާނޫނީ މިލްކުވެރިކަމާއި، އާބަން ޕްލޭނިންގެ ގަވާއިދުތަކާއި، މާކެޓް ޑިމާންޑް އަދި ފައިނޭންސިން ހަމަޖައްސާނެ ގޮތްތައް ނިންމާނެ އެވެ. ސަރުކާރުގެ ފަރާތުން ބަލަން ޖެހޭނީ ޑިވެލޮޕަރުގެ ކުރީގެ މަސައްކަތްތަކާއި، އެ ކުންފުނީގެ މާލީ ގާބިލުކަމާއި، އަދި މި މަޝްރޫއަކީ އަމަލީ ގޮތުން ހިންގިދާނެ ހަގީގީ މަޝްރޫއެއްތޯ އެވެ.

އެއަށްފަހު އޮންނާނީ އެންމެ މުހިންމު މަރުހަލާ ކަމަށްވާ މަޝްރޫއުގެ މައިގަނޑު އެއްބަސްވުން ފައިނަލްކުރުމުގެ މަރުހަލާ އެވެ. ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ދެ ފަރާތުން އެއްބަސްވެފައިވާ ޓާމްސްތަކާ އެއްގޮތަށް އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް މި މަރުހަލާގައި ކުރިއަށްދާނެ އެވެ. މިއީ ދެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ޖޫރިމަނާތަކާއި، އަދި މައްސަލަތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރާ ގާނޫނީ ގޮތުން އަމަލުކުރުން މަޖުބޫރު ދާއިމީ އެއްބަސްވުމެވެ.

މިފަދަ މަޝްރޫއަކަށް ބަލާއިރު، އާންމުކޮށް މީގެ ތެރޭގައި ހިމެނޭނީ ތަރައްގީކުރުމުގެ އެއްބަސްވުން (ޑިވެލޮޕްމަންޓް އެގްރީމަންޓް)، ހިއްކާފައިވާ ބިންތައް ކުއްޔަށްދޭ ނުވަތަ ބޭނުންކުރުމުގެ ހައްގުދޭ އެއްބަސްވުން، އަދި ހާއްސަ ކުންފުންޏެއް (ސްޕެޝަލް ޕާޕަސް ކުންފުންޏެއް) އުފައްދާނަމަ ހިއްސާދާރުންގެ ނުވަތަ ޖޮއިންޓް ވެންޗާ އެއްބަސްވުމެކެވެ.

އާންމު ގޮތެއްގައި އީގަލް ހިލްސްއިން ތަރައްގީކުރާ ވޯޓާ ފްރޮންޓުތައް އޮޕަރޭޓުކުރަނީ ސަރުކާރުތަކާ ދެމެދު އެކުލަވާލާ ޖޮއިންޓް ވެންޗާ ކުންފުނިތަކުންނެވެ. ހުޅުމާލޭގައި އެ ކުންފުނިން އަޅާ 5،000 ހައުސިން ޔުނިޓަށް އިތުރު އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ އެވެ. 

އެއަށްފަހު އޮންނާނީ މަޝްރޫއުއަށް ބޭނުންވާނެ ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަންނަ ރިޕޯޓު (އީއައިއޭ) ހެދުމާއި ހުއްދަތައް ނެގުމެވެ. އެ މަރުހަލާ ކުރިއަށްދާއިރު މަޝްރޫއުއަށް ބޭނުންވާ ފައިސާ ރާއްޖެ ގެނެސް ކުންފުނި ސެޓަޕް ކުރާނެ އެވެ. 

ޑީޓެއިލް ޑިޒައިން މަރުހަލާ ނިންމައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަމަލި މަސައްކަތް ފަށަން އީގަލް ހިލްސްއިން ވަނީ އަމާޒު ހިފާފަ އެވެ. މިއީ ދާއިމީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެސް ނުވާ، 550 ހެކްޓަރުގެ ބޮޑު މަޝްރޫއަކަށް ބަލާއިރު ވަރަށް ކުރު ތާވަލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox