4 އަހަރު، 2.5 ސީޒަން، 46 މެޗު؛ މާޒިޔާގެ ރެކޯޑް ނިމުމަކަށް!

Sep 18, 2026, 10:26 AM
ނިއު އަށް ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިން ހަންނަ އުފާފާޅުކުރަނީ: ހަންނަ ވަނީ ލީގުގައި އެންމެ ފަހުން މާޒިޔާ ބަލިވި ދެ މެޗުގައި ވެސް ލަނޑު ޖަހާފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު އަށް ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިން ހަންނަ އުފާފާޅުކުރަނީ: ހަންނަ ވަނީ ލީގުގައި އެންމެ ފަހުން މާޒިޔާ ބަލިވި ދެ މެޗުގައި ވެސް ލަނޑު ޖަހާފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސަތޭކަ އެއް ވަނަ މިނިޓްގައި، ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބުން މަހަކު 15،000 ޑޮލަރުގެ މުސާރައެއް ދޭ ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) ޖެހި ގޯލުން ދިވެހި ޕްރިމިއާ ލީގުގައި ތާރީހީ ކަމެއް ހިނގީ އެވެ.  އެންމެ ގިނަ ދުވަހު ބަލިނުވެ ރެކޯޑެއް ދެމެހެއްޓި، އެންމެ ފަހުން ފަސް ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު މެޗަކުން ބަލިވީ އެވެ. 

މާޒިޔާ، ދިވެހި ޕްރިމިއާ ލީގުގެ މެޗަކުން ބަލިވެފައި މި ވަނީ ދެ ސީޒަން ފަހުންނެވެ. މިދިޔަ ދެ ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން މާޒިޔާ އިން ހޯދާފައިވަނީ، މެޗަކުން ބަލިނުވެ އެވެ. މާޒިޔާ މެޗަކުން މި ބަލިވީ، 1624 ދުވަސް ތެރޭ ފުރަތަމަ ފަހަރަށެވެ.

ނިއު ރޭޑިއަންޓުން ފަހު ވަގުތު މާޒިޔާ ބަލިކޮށްފި

މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ނިއު ރޭޑިއަންޓުން މާޒިޔާގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މާޒިޔާ އިން ދެ ފަހަރު ލީޑުނެގި މި މެޗުގައި ނިއު އިން ދެ ފަހަރު ވެސް އެއްވަރުކުރި. ނިއު މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް ޑޯރީ ކާމިޔާބުކޮށްދިން ގޯލުން.

އެންމެ ފަހުން މާޒިޔާ ލީގު މެޗަކުން ބަލިވީ، 2022 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ  ފުރަތަމަ ބުރުގައި، އެ އަހަރުގެ އޭޕްރީލް މަހު، އީގަލްސް އަތުން 1-0 އިންނެވެ.

Advertisement

އޭގެ ފަހުން، މި ވީ މުއްދަތުގައި، އެކި ފަހަރު މަތިން، ހަތަރު ކޯޗުންނާ އެކު ދިވެހި ޕްރިމިއާ ލީގުގައި މަސައްކަތްކުރި މާޒިޔާ، ލީގުގައި ކުޅުނު 46 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އެ މެޗުތަކުގެ ތެރެއިން 42 މެޗުން މާޒިޔާ މޮޅުވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. އީގަލްސް އަތުން ބަލިވި ފަހުން މާޒިޔާ އިން، 2022 ވަނަ އަހަރު ލީގުގެ ބާކީ ބައިގައި 13 މެޗުން ބަލިނުވެ ނިންމާލިއިރު، 2023 ވަނަ އަހަރުގެ ލީގުގައި ބަލިނުވެ 14 މެޗުން، މިދިޔަ ސީޒަނުގައި ބަލިނުވެ 18 މެޗުން އަދި މި ސީޒަނުގައި ބަލިނުވެ އެއް މެޗު ފުރިހަމަ ކުރި އެވެ. 

ރޭގެ މެޗުގައި، މާޒިޔާ އިން ފުރަތަމަ ހާފުގައި ލީޑުނެގީ އިބްރާހިމް އައިސަމް ޖެހި ގޯލުންނެވެ. ނިއު އަށް ފުރަތަމަ ހާފުގައި އެއްވަަރުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ އަކީ، 2022 ވަނަ އަހަރު މާޒިޔާ އެންމެ ފަހުން މެޗަކުން ބަލިވި މެޗުގައި އީގަލްސް އަށް އެ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭގެ ފަހުން ހަންނަ ވަނީ، އީގަލްސް ދޫކޮށް، މާޒިޔާ އަށް ބަދަލުވެ، އެ ޓީމުގައި ހުރެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ. 

ދެ ވަަނަ ހާފުގައި، މާޒިޔާ އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ ވެސް އައިސަމް ޖެހި ގޯލަކުންނެވެ. ނިއު އަށް ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އަކީ ވެސް ކުރިން މާޒިޔާ އަށް ކުޅެ، މެޗަކުން ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. 

މާޒިޔާ އާއި ނިއު އިން މި ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗު ވެސް 90 މިނިޓަށް ބަލާއިރު ވަނީ އެއްވަރުވެފަ އެވެ. އެއީ، ޗެރިޓީ ޝީލްްޑް މެޗާއި ކަޕް ވިނާސް ކަޕްގެ ލީގު ބުރު މެޗާއި ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗެވެ. ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އިން ނިއު ބަލިކުރިއިރު، ރޭގެ މެޗު  ވެސް ނިމެން ދިޔައީ އެއްވަރުވެގެންނެވެ. އެކަމަކު، މުޅި މަންޒަރު އެއްކޮށް ބަދަލުވީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި މުހައްމަަދު ޔަޒްދާން ހުސެއިން (ޔަޒޭ) ވެއްޓިގެންފައި، އަރިމަތިން ނަގައިދިން ހުރަހަަކަށް އަރައި ޑޯރީ ކާމިޔާބުކޮށްދިން ގޯލާ އެކު، 3-2 އިން ނިއު މޮޅުވުމުންނެވެ.

މިއީ، 2018 ވަނަ އަހަރުގެ ފަހުން ލީގުގައި މާޒިޔާ އަތުން ނިއު މޮޅުވި ފުރަތަމަ ފަހަރެވެ. މުސާރަ އާއި އެހެނިހެން މައްސަލަތަކެއްގެ ސަބަބުން، 2019 އިން 2022 އަށް ނިއު ރޭޑިއަންޓް، ސަސްޕެންޝަނެއްގައި އޮންނަން ޖެހުމުގެ އިތުރުން، އޭގެއިން ސަލާމަތްވެ، އޭގެ ފަހުން، ދެ ވަނަ ޑިވިޝަނުގައި ދެ ސީޒަނެއްގައި ވާދަކުރަން ޖެހުނެވެ. 

ރޭގެ މެޗުގައި އިތުރު ވަގުތުގައި ގިނަ ވަގުތުތަކެއް ކުޅެން ޖެހުނީ، މެޗުގެ 73 ވަނަ މިނިޓްގައި ހިނގަދިިޔަ ހަމަނުޖެހުމެއްގެ ސަބަބުން، ހަތް ވަރަކަށް މިނިޓަށް މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުމުންނެވެ. ހަމަނުޖެހުން ހިނގީ، ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވަނިކޮށް، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް ގައިގައި ޖެހުމުންނެވެ. އެ ވަގުތު ދަނޑަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެރިއިރު، ވަގުތުތަކަކަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ.

އެ ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލައި، ނިއުގެ ބިލިޓީ އާއި އީތަން އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ރީނދޫ ކާޑެއް ދެއްކިއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ. ސުޒެއިރު އަށް ރަތެއް ދެއްކީ، ނިއުގެ އެސިސްޓަންޓް ކޯޗު، ލޫޝިއާނޯ ސިގޭރާ ބާބޯސާ އަށް ހަމަލާ ދިނުމުންނެވެ. ނިއު އިން ވަނީ އެ މައްސަލައިގައި ބަޔާނެއް ވެސް ނެރެފަ އެވެ. 

މި ފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން، ދެ މެޗުން މޮޅުވެފައި އޮތީ ހަމައެކަނި ދެ ޓީމެކެވެ. އެއީ، ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ލަނޑުގެ ފަރަގުން ކުރީގައި އޮތީ ވިކްޓަރީ އެވެ. ނިއު އާއި ވިކްޓަރީ ވެސް ދެން މެޗެއް ކުޅޭނީ ގައުމީ ޓީމުގެ މެޗުތަކަށް ނަގާ ބްރޭކަށް ފަހު އެވެ. އަންނަ މަހު 10 ވަނަ ދުވަހު ހަވީރު، މާޒިޔާ އިން ވިކްޓަރީއާ ކުޅޭއިރު، އެ ދުވަހު ހަވީރު، ނިއު އިން ކުޅޭނީ ދިއްދޫއާ އެވެ. އެއީ، ހޯމް އެންޑް އަވޭ ލީގު ފޯމެޓަށް މި ފަހަރު ކުޅޭ މި ސީޒަނުގައި ދިއްދޫ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox