ނިއު ރޭޑިއަންޓުން ފަހު ވަގުތު މާޒިޔާ ބަލިކޮށްފި

Sep 17, 2026, 11:18 PM
ނިއު މޮޅުވި ގޯލު ޖެހުމަށް ފަހު ޑޯރީ އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ސްޕޯޓްސް

ނިއު މޮޅުވި ގޯލު ޖެހުމަށް ފަހު ޑޯރީ އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ، އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) ޖެހި ގޯލުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 3-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފި އެވެ. 

އެންމެ ފަހުން ފަސް ފަހަރު ލީގު ކާމިޔާބުކުރި، މާޒިޔާ ލީގުގެ މެޗަކުން ބަލިވެފައި މި ވަނީ ދެ ސީޒަން ފަހުންނެވެ. އެންމެ ފަހުން މާޒިޔާ ލީގު މެޗަކުން ބަލިވީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، އީގަލްސް އަތުން 1-0 އިންނެވެ. އޭގެ ފަހުން، މި ވީ މުއްދަތުގައި، ލީގުގައި މާޒިޔާ ކުޅުނު 46 މެޗުން ވެސް ބަލިވެފައިނުވެ އެވެ.  އެ މެޗުތަކުގެ ތެރެއިން 42 މެޗުން މާޒިޔާ މޮޅުވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. 

މި ސީޒަނުގައި މީގެ ކުރިން، ނިއު އާއި މާޒިޔާ ކުޅުނު ތިން މެޗު ވެސް 90 މިނިޓް ތެރޭ އެއްވަރުވިއިރު، މާޒިޔާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕް ފައިނަލުގައި ނިއު ބަލިކޮށްފަ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަަމަ 11 މިނިޓް ތެރޭ ނިއުގެ ހަތަރު އެޓޭކް ފެނިގެންދިޔައިރު، އޭގެއިން އެއްވެސް ފުރުސަތެއްގައި ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. 

މެޗުގެ ފަސް ވަނަ މިނިޓްގައި ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ނިއުގެ ޑޯރީ ދިން ބޯޅައަަކަށް އަރައި، ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ)، މުޅިން ހުސްކޮށް ހުރެފައި ޖެހި ބޯޅަ މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި، ނިއުގެ އީތަން އިބްރާހިމް ޒަކީ ހުސްކޮށްލާފަައި ޑަ ސިލްވާ އަށް ދިނުމުން ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އޭގެ މިނިޓެއް ފަހުން، ޑަ ސިލްވާގެ ޝޮޓެއް ކީޕަރު ހުސެން އަތުޖެހިފައި ރީބައުންސަށް ނުކުތުމުން ޑޯރީ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. 

ނިއު އަށް ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. މާޒިޔާ އިން ކުރި ރަނގަޅު ފުރަތަމަ އެޓޭކުގައި މެޗުގެ 17 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑުނެގި އެވެ. މިއީ، މާޒިޔާ އަށް އިބްރާހިމް އައިސަމް ޖަހައިދިން ލަނޑެކެވެ. މާޒިޔާގެ އަހުމަަދު އައިހަމް (ފަތޯ) އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު، މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ލިބުމުން، އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އައިސަމް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

މެޗުގެ 29 ވަނަ މިނިޓްގައި ނިއު އޭރިއާތެރެއިން މާޒިޔާގެ އައިހަމް ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި، ކައުންޓަ އެޓޭކުގައި މާޒިޔާގެ ބެނިން ފޯވާޑް، ކޮޑްޖޯ ގޯމޭސް އަށް ލިބުނު ފުރުސަތުގައި ބޯޅަ ކޮންޓްރޯލް ނުކުރެވުމުން، އެޓޭކުގެ ބޭނުމެއް ނުހިފުނެވެ. 

ނިއު އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްދިން ލަނޑު ޖެހީ ކުރިން މާޒިޔާ އަށް ކުޅުނު ހަންނަ އެވެ. މިއީ، 40 ވަނަ މިނިޓްގައި ޑޯރީ ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅައަކަށް އަރައި، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ހަންނަ ޖެހި ލަނޑެކެވެ. އޭގެ ހަަތަރު މިނިޓް ފަހުން، ނިއުގެ މުހައްމަދު ނާއިމްގެ ބާރު ޝޮޓެއް މާޒިޔާގެ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. 

ދެ ވަނަ ހާފުގެ ފެށުން ވެސް ދިޔައީ ފުރަތަމަ ހާފެކޭ އެއްގޮތަށެވެ. އެ ގޮތުން، ނިއު އިން ރަނގަޅު ހަމަލާތަކެއް މި ހާފުގައި ވެސް ފޮނުވާލި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ޑޯރީ ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ހުސެން މަތަކުރިއިރު، ދެ މިނިޓް ފަހުން، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު، ޔާޔާ ބިލިޓީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. 

މާޒިޔާ އިން ވަނީ މި ހާފުގެ ފުރަތަމަ ކައުންޓަ އެޓޭކުގައި ވެސް ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، 61 ވަނަ މިނިޓްގައި އައިހަމްގެ މޮޅު ކުޅުމަކަށް ފަަހު، އަރިމަތިން ލޫތު އަށް ދިނުމުން އޭނާ ވަނީ ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް އައި އައިސަމް އަށް ދީގެން މި ގޯލު ޖަހައިފަ އެވެ. މާޒިޔާ އިން ލީޑުނެގިތާ ހަ މިނިޓް ފަހުން ނިއު އަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ، މެޗުގެ 67 ވަނަ މިނިޓްގައި ޑޯރީ ފޮނުވާލި ޝޮޓެއް ކީޕަރު ހުސެން ފައިން މަތަކުރުމުން ރީބައުންސަކުން ސެންޓޭ ޖެހި ގޯލެކެވެ. 

މެޗުގެ 73 ވަނަ މިނިޓްގައި ހަމަނުޖެހުމެއް ހިނގައިގެން މެޗު ހަތް ވަރަކަށް މިނިޓަށް ހުއްޓާލަން ޖެހުނެވެ. އެއީ، ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވަނިކޮށް، ނިއުގެ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ ލޫތު ގައިގައި ޖެހުމުންނެވެ. އެ ވަގުތު ދަނޑަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެރިއިރު، ވަގުތުތަކަކަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ. އެ ވަގުތުގައި ހިނގައިދިޔަ ކަންތައްތަކަށް ބަލައި، ނިއުގެ ބިލިޓީ އާއި އީތަން އަށް ރީނދޫ ކާޑެއް ދެއްކިއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ. 

ދެ ޓީމުގެ ވެސް ކުޅުންތެރިއަކު މަދުކޮށް، އަލުން ކުޅުން ފެށިގެން މެޗުގެ 81 ވަނަ މިނިޓްގައި، ނިއުގެ ޑޯރީ އަށް އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. ކުޑަ އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ އަކަށް އަރައި ޑޯރީ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

މާޒިޔާ އިން ބަދަލަކަށް ކުޅެން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ މަސައްކަތުން މެޗުގެ އިތުރު ވަގުތުގައި ތަނަވަސްކުރި ފުރުސަތެއްގައި، އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ބެންޖަމިން ކުކޫ ޖެހި ޝޮޓް ނިއުގެ ކީޕަރު، އަހުމަދު ސަމީރު ވަނީ އަތަށް ނަގައިފަ އެވެ. 

އޭގެ ފަހުން، ނިއުގެ ޑަ ސިލްވާ ނަގައިދިން ހުރަހަކަށް އަރައި ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ފަހު މިނިޓްގައި، ނިއު މޮޅުކޮށްދިން ލަނޑު ޑޯރީ ޖެހީ، އަަރިމަތިން ނެގި ހުރަހަކަށް އަރަ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ހުސެން އަތުގައި ޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox