ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރުތައް ރާއްޖޭގެ އެހެން ބޭންކަކަށް ވެސް ނުފޮނުވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބޮޑު ބޭންކު: ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުނުވެ، މިހާރު ހުރީ ވަރަށް ގޮސް ހާލަތެއްގައި ---- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބޮޑު ބޭންކު: ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުނުވެ، މިހާރު ހުރީ ވަރަށް ގޮސް ހާލަތެއްގައި ---- ފޮޓޯ: އަދަދު ފައިލް

ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ވިޔަފާރިތަކުން ޑިޕޮސިޓުކޮށްފައި ހުރި ޑޮލަރުތައް، އެހެން ބޭންކުތަކަށް ނުފުނޮވޭ ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. 

އިތުބާރު ހުރި މަސްދަރުތަކުން ހެއްކާއެކީ، އަދަދު ނޫހާ ހިއްސާކުރި މައުލޫމާތުން ހާމަވާ ގޮތުގައި، މިދިޔަ ހަފުތާގައި ޑޮލަރު އެކައުންޓުތަކުން ފޮނުވި ޓްރާންސްފާތައް އަދިވެސް ޕްރޮސެސް ނުކުރެ އެވެ. ޓްރާންސްފާކުރަން ފޮނުވި ރިކުއެސްޓުތަކުގެ ތެރޭގައި 40،000 ޑޮލަރާއި އެއް ލައްކަ ޑޮލަރާ ދެމެދުގެ އަދަދުތައް ހުއްޓެވެ.

މި ފައިސާއަކީ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓްސް ސިސްޓަމް (އެމްއާރުޓީޖީއެސް) ގެ ތެރެއިން ފޮނުވާ ފައިސާ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަލަހައްޓާ މި ނިޒާމުގެ "ކަޓް އޮފް" ވަގުތަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އެވެ.

Advertisement

ވިޔަފާރިވެރިން ބުނަނީ މި ވީހާ ދުވަހު، މެންދުރު ވުމުގެ ކުރިން ފޮނުވާ ފައިސާ އެ ދުވަހު ޖަމާވާ ކަމަށެވެ. އަދި އޭގެ ފަހުން ފޮނުވާ ފައިސާ ޖެހިގެން އަންނަ ދުވަހު ނޫނީ ބަންދު ދުވަހެއް ނަމަ، ދެން އެންމެ އަވަހަށް މަސައްކަތް ކުރާ ދުވަހެއްގައި އެ ފައިސާ ޖަމާވާ ކަމަށް ބުންޏެވެ. 

މި މައްސަލައިގައި އަދަދު ނޫހާ ވާހަކަ ދެއްކި އެއް ވިޔަފާރިވެރިއަކު ބުނީ އޭނާ ފޮނުވި ފައިސާތައް އެކައުންޓަށް ކްރެޑިޓު ނުވެގެން ގުޅުމުން، އެމްއާރުޓީޖީއެސްގެ ބެކްލޮގެއް އޮތް ކަމަށް ބޭންކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާ ބުނީ އެންމެ ކަންބޮޑުވީ، އެ ބެކްލޮގްގައި ހުރި ޓްރާންސްފާ ރިކުއެސްޓުތައް ޕްރޮސެސްކޮށް ނިމޭނެ ދުވަހެއް ބޭންކަށް ބުނެ ނުދެވުނީމަ އެވެ.

"ފުދޭވަރެއްގެ ބެކްލޮގެއް އެބަ އޮތޭ ބުނުމުގެ އިތުރަށް، އޮތީ ކިހާ ވަރެއް ކަމެއް، ނިންމަން ނަގާނީ ކިހާ ދުވަހެއް ކަމެއް ބުނެ ނުދެވުނު. މިއީ ވަރަށް ކްރިޓިކަލް ހާލަތެއް ނޫންތޯ،" އޭނާ ބުންޏެވެ.

ބީއެމްއެލްގައި ހުރި ފައިސާ އެހެން ބޭންކަކަށް ބަދަލުކުރަން ބޭނުންވީ ކީއްވެެގެންތޯ ސުވާލުކުރުމުން، ވިޔަފާރިވެރިޔާ ބުނީ ހުރިހާ ވެސް މައްސަލައަކީ ޑޮލަރު ހުރެގެން ފޮނުވާ ޓީޓީތައް ޕްރޮސެސް ވާން ވެސް ދުވަސް ނެގުމެވެ. އިމްޕޯޓު ވިޔަފާރި ކުރާ އެ މީހާ ބުނީ، މާ ކުރިން ޖަހާފައި ހުރި އޯޑަރުތައް ހިމެނޭ ގޮތަށް ފައިސާ ދައްކަން ޖެހޭ އިރު، ބީއެމްއެލްއާ ހެދި ލަސްވުމަކީ އޭނާއަށް "އެފޯޑު" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

ގާތްގަނޑަކަށް އެއް ވާހަކަތަކެއް ތަކުރާރުކުރަމުން މި ނޫހާ ވާހަކަ ދެއްކި އެހެން ވިޔަފާރިވެރިއަކު ބުނީ ނިމުނު ހަފުތާގެ ތެރޭގައި އެއްވެސް ޓީޓީއަކަށް ޑޮލަރު ސަޕޯޓު ނުދޭ ކަމަށް ބޭންކުގެ އެޖެންޓު އޭނާ ގާތު ބުނެފައިވާ ކަމަށެވެ. އެ އެޖެންޓު ދިން މައުލޫމާތާ ހަވާލާދީ ވިޔަފާރިވެރިޔާ ބުނީ، ބޭންކުން މިހާރު މަސައްކަތް ކުރަމުން ދަނީ ބޭހާއި ކާބޯތަކެތި ހިމެނޭހެން އަސާސީ ބާވަތްތައް އެތެރެކުރަން ހުރި ޓީޓިތަކަށް އިސްކަން ދީގެން ޓީޓީތަކުގެ ބެކްލޮގް ކްލިއާ ކުރަން ކަމަށެވެ. 

މިކަމާ ހިތްހަމަނުޖެހިގެން، އޭނާގެ އެކައުންޓުތަކުގައި ހުރި ޑޮލަރުތައް ފައިސާ އެހެން ބޭންކަކަށް ފޮނުވާ ނަމަ ދުވަސް ނަގާނެތޯ ސުވާލުކުރުމުން، އެހެން ފޮނުވާ ފައިސާގެ ބެކްލޮގެއް އެބައޮތް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދިން އެ ވިޔަފާރިވެރިޔާ ބުންޏެވެ. 

"މިހާރު އަހަރެންގެ ފައިސާ އެމްއައިބީ ނޫނީ އެސްބީއައިއަށް ފޮނުވައިގެން ވިޔަސް މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް. މިއީ ދެރަވަރު. ބީއެމްއެލްގައި ހުރި ހުރިހާ އެކައުންޓުތަކެއް ހުސްކުރާނަން،" ބީއެމްއެލްގެ ކްލަޔަންޓެއްގެ ގޮތުގައި 31 އަހަރު ވެފައިވާ އެ ވިޔަފާރިވެރިޔާ ބުންޏެވެ. 

މި މައްސަލައިގައި ބީއެމްއެލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މި ހަބަރު ޝާއިއުކުރުމާ ހަމައަށް އެ ބޭންކުން އެއްވެސް އެއްޗެއް ނުބުނެ އެވެ. 

ޑޮލަރު މައްސަލަ މިހާ ގޯސް ވެގެން އުޅެނީ، ބީއެމްއެލްއިން ބުނާ ގޮތުގައި، އިރާން ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ހީނަރުވެ، ޑޮލަރު މަދުން ލިބޭ އިރެއްގައި، އާންމުންގެ ބޭނުންތަކަށް ގިނަ އަދަދަކަށް ޑޮލަރު ވިއްކަން ޖެހޭތީ އެވެ. ޓީޓީތައް ލަސްވަނީ ވެސް މި ސަބަބާ ހުރެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. 

ބީއެމްއެލްއަށް ޑޮލަރު މައްސަލަ ހައްލު ނުވެގެން އުޅޭއިރު، އެ ބޭންކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި، ލިބޭ ޑޮލަރަށް ވުރެ ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީ، ވަގުތީ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މި ރިޕޯޓަކީ މި އަހަރުގެ އޭޕްރިލްގައި އެ ބޭންކުން ނެރުނު ރިޕޯޓެކެވެ. އޭގައި ބީއެމްއެލްއިން ވަނީ، އިގުތިސޯދީ ހާލަތާ ގުޅިގެން ބޭންކަށް ވަންނަ ފައިސާއަށް ވުރެ ބޭރަށް ފޮނުވާ ފައިސާ ބޮޑު ތަނުން އިތުރުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އަދި، ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖުކުރަމުން އަންނާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ބީއެމްއެލްއިން ފުރަތަމަ އެޅި ފިޔަވަޅަކީ ވިޔަފާރިތަކުން ޑޮލަރުގެ ސަޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ޑޮލަރު ސަޕޯޓު ދިނުމުގައި ކޮންޓްރޯލްތަކެއް ތައާރަފުކުރީ އެވެ. ދެން ކުރި ކަމަކީ އާންމު ރައްޔިތުން ރުފިޔާ ކާޑު ލިމިޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ އިމިގްރޭޝަނާ ގުޅިގެން ބޭރަށް ފުރިތޯ ކަށަވަރުކުރަން ފެށުމެވެ. 

މި ފިޔަވަޅުތައް އެޅުމަށް ފަހު، ބޭންކުން ވަނީ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން މާ ގިނައިން ވިޔަފާރި ކުރާތީ ދަތިވާ ކަމަށް ބުނެ، ދިވެހިން އެންމެ ގިނައިން ވިޔަފާރިކުރާ އީކޮމަސް ސައިޓުތަކުގެ ތެރޭގައި ހިމެނޭ ޓީމޫ އާއީ ޝީން ފަދަ ސައިޓުތަކަށް ޑެއިލީ ބަޖެޓެއް ކަނޑައަޅާފަ އެވެ. ފަހުން މި ލިމިޓު ވަނީ ހުރިހާ ސައިޓަކާއި ހުރިހާ ކަމަކަށް ފުޅާވެގެން ގޮސްފަ އެވެ.

ދެން ބޭންކުން ކުރި ކަމަކީ އިންވެސްޓްމަންޓް ސްކީމެއް ގޮތަށް ފަރުމާކޮށްގެން، ބޮޑު އަގުގައި ޑޮލަރު ގަންނަން ފެށުމެވެ. މި މުއްދަތުގެ ތެރޭގައި އެ ބޭންކުން ވަނީ އަގު ހެޔޮ ޑޮލަރު ލޯނާއި، ޑޮލަރުން މުސާރަ ޖަމާކުރަން ބާރު އަޅަން ޕްރޮމޯޝަންތައް ފަށާފަ އެވެ.

މި ހުރިހާ ކަމެއް ކޮށްގެން ވެސް މިވީ މުއްދަތުގެ ތެރޭގައި ބީއެމްއެލްގެ ޑޮލަރު ތާށިކަމުގެ މައްސަލަވީ ބޮޑެވެ. އަދި، އަތް ނުލާ ބަހައްޓާފައި ޑިޕޮސިޓުތައް ވެސް އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވޭ ވަރަށް މައްސަލަ ގޯސް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox