ސަޕޯޓަރުންގެ އެޑްވާންޓޭޖާ އެކު ގައްދޫގެ ޓާގެޓް އޮތީ ޓީސީ އަތުން ތިން ޕޮއިންޓަށް: ނަޒީހު

Sep 16, 2026, 8:21 AM
ގައްދޫގެ ކޯޗު މުހައްމަދު ނަޒީހު.--- ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކްލަބް / ފޭސްބުކް.

ގައްދޫގެ ކޯޗު މުހައްމަދު ނަޒީހު.--- ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކްލަބް / ފޭސްބުކް.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، ގދ. ގައްދޫ ފުޓްބޯޅަ ޓީމުން އަމިއްލަ ރަށުގައި ސަޕޯޓަރުންގެ ކުރިމަތީގަައި ކުޅޭއިރު، އެ އޮތް އެޑްވާންޓޭޖެއް ނަގައި މި މެޗުން ތިން ޕޮއިންޓް ހޯދުމުގެ ޓާގެޓެއް ކަނޑައަޅާފައިވާ ކަމަށް ގައްދޫގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މި ފަހަރު ދެ ރަށެއްގެ ޓީމު ވާދަކުރެ އެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. މި ދެ ޓީމުގެ ހޯމް މެޗުތައް ކުޅެނީ އެ ރަށުގަ އެވެ. ގައްދޫން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެ، 2-0 އިން ވަނީ ބަލިވެފަ އެވެ. ގައްދޫން ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެނީ ޓީސީއާ އެވެ. 

ޓީސީއާ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންގެ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި، ނަޒީހު ބުނީ، ނިއުއާ ދެކޮޅަށް ގައްދޫން ކުޅުނު މެޗުގެ ނަތީޖާ އަށް ބަލާއިރު، ދެ ޓީމު އަޅާކިޔާ ކަމަށްވާނަމަ އެއީ ގައްދޫ އަށް ގޯސް ނަތީޖާއެއް ނޫން ކަމަށެވެ. އެކަމަކު، ނިއު އަތުން ވިޔަސް ބަލިވުމުން އެ ހިތާމަ އޮންނާނެ ކަމަށާއި އެ މެޗުގެ ފުރަތަމަ ހާފުގައި ގައްދޫ ކޮޅަށް ވަން ދެ ގޯލާ އެކު ވެސް ފަހުން ހިތްވަރުކޮށް ދެ ވަނަ ހާފުގައި ކޮޅަށް ގޯލެއް ނުވަދެ، ގައްދޫން ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ. 

Advertisement

ނަޒީހު ވަނީ ގައްދޫ ޓާފް ދަނޑުގައި ކުޅޭއިރު، އެ ޓީމަށް ފައިދާ ނެގޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. 

"ގައްދޫ ދަނޑުގެ ޓާފް، މާލޭގެ ޓާފާ ތަފާތު ވާނެ، ދެ ދުވަހަކު އައިސް ޓްރެއިނިން ހަދާލައިގެން ހޭނުމަކީ ވާނެ ކަމެއް ނޫން. އެއީ ވެސް ގައްދޫ އަށް އަމިއްލަ ދަނޑުގައި ކުޅޭއިރު، އޮތް އެޑްވާންޓޭޖެއް،" ނަޒީހު ބުންޏެވެ. 

ޓީސީ ވަނީ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން 5-1 އިން ބަލިވެފަ އެވެ. ނަޒީހު ބުނީ، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަކަށް ބަލައިގެން ގައްދޫން ޓީސީއާ މެދު ގޮތެއް ނިންމުމަކީ ރަނގަޅު ކަމަކަމަށް ނުވާނެ ކަަމަށެވެ. އަދި، ގައްދޫން ޓީސީ ކައިރީގައި ވަރަށް ސަމާލުވެގެން ކުޅެގެން ނޫނީ ނަތީޖާ ނުނެރެވޭނެ ކަމަށް ވެސް ނަޒީހު ގަބޫލުކުރެ އެވެ. 

"ޓީސީ އާއި ގައްދޫ ޓީމާ ދާދި ހަމަހަމަ. އެ ދުވަހެއްގައި ރަނގަޅަށް ކުޅޭ ޓީމެއް ހަމަ މޮޅުވާ ވަރުގެ ދެ ޓީމު މީދީ. ގައްދޫ މި ނުކުންނަނީ މި މެޗުން ތިން ޕޮއިންޓް ނަގަން. ނިއު ރޭޑިއަންޓާ އެކީ ނުކުތީ ކުޑަމިނުން ޕޮއިންޓެއް ހޯދަން ނޫނީއްޔާމު ތަންކޮޅެއް ރަނގަޅު ނަތީޖާއެއް ނެރެން، އެހެން ނަމަވެސް ޓީސީއާ ދެކޮޅަށް ކުޅޭނީ ސީދާ ތިން ޕޮއިންޓް ނަގަން،" ނަޒީހު ބުންޏެވެ. 

"ޓީސީގެ ވެސް ޑެޕްތެއް ނީންނާނެ، ބޭރުން އަރުވާލާނެ ކުުޅުންތެރިއަކީ ގޭމަށް ވަރަށް ބޮޑު ޑިފަރެންސެއް ގެނެވޭނެތޯ. އަޅުގަނޑާ ދިމާވޭ އާތީ ވެސް ވަރަށް ގިނައިން، ވާހަކަ ދައްކާ ހަދަން، އެ ޗޭންޖްތައް ގެނެވޭއިރުގައި އެ މީހުންނަށް ވެސް ހުންނާނެ ދަތިތަކެއް އެހެންވީމަ، މި މެޗުގައި އަަނެއްހެން، އެއްވެސް ކަހަލަ ޝަކުވާއެއް ކުރެވޭ ކަށެއް ނެތް. މި މެޗުގައި ނަތީޖާ ނެރެން މަސައްކަތްކުރާނީ،" 

ނިއުއާ ދެކޮޅަށް ގައްދޫން ދެއްކި ހިތްވަރަކީ އެއް ގޮތަކަށް ވެސް އެެހެން ޓީމުތަކަށް ދިން މެސެޖެއްގެ ގޮތުގައި ނުދެކޭ ކަމަށް ފާހަގަކޮށް، ނަޒީހު ބުނީ، ނިއުއާ ދެކޮޅަށް ކުޅުނު ވަރަށް ވުރެން މާ ބޮޑަށް ދެން ގައްދޫގައި ރަނގަޅުކުރެވޭނެ ކަންތައްތަކެއް ވެސް ހަގީގަތުގައި ނެތް ކަމަށެވެ. 

"މީ ހަމަ ގައްދޫ ކުޅޭނެ ވަރަކީ ވެސް މި އަށް ވުރެން މާ މައްޗަށް ހިއްލޭނެ ފުރުސަތެއް ނެތް. ދެން، ފިޓްނަސްއާ ބައިވަރު ކަންތައްތައް ރަނގަޅުވީމަ، މި އަށް ވުރެން ކުޑަތަަންކޮޅެއް ރަނގަޅުވާނެ. ގައްދޫ ޓީމުން އެ ދުވަހު ފެނުނު ޗޭންޖުތަކާ އެއްޗެހި އެއީ ގައްދޫ ޓީމުން މެކްސިމަމް ނެރެވޭނެ. ދެން، ނެތް ހަމަ، ގާތްގަނޑަކަށް 16 ކުޅުންތެރިން އެ ދުވަހު ކުޅުނުއިރު، އޭގެ ތެރެއިން އެބައުރޭ 15 އަަހަރުގެ ކުދިން ވެސް ދެ ކުއްޖަކު، އެއީ އަދި ޕްރިމިއާ ލީގު ކުޅެވޭވަރުގެ ކުދިންނެއް ނޫން، ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ. މި ތިބީ އެހެންވީމަ، ޓީމުގައި 12 ވަރަކަށް ކުޅުންތެރިން އަނެއްހެން ޔޫސް ކުރެވޭނެ. ދެން، ޑެޕްތެއް ނެތް ޓީމެއްގައި ނީންނާނެ ހުރިހާ މެޗެއް ކޮންސިސްޓެންޓްލީ އެ ގޮތަށް ޕާފޯމްކުރެވޭނެ. ސަބަބަކީ އިންޖަރީ އަންނާނެ، ކާޑު އަންނާނެ ދިގު މުބާރާތެއް މިއީ، ވަރަށް ވަރަށް ކުރީކޮޅުގައި މި އުޅެނީ،" ނަޒީހު ބުންޏެވެ. 

ނަޒީހު ބުނީ، ޔަގީނުން ވެސް ގައްދޫގެ ސަޕޯޓަރުން ތިބި ކަމަށްވަންޏާ އޭގެ އެޑްވާންޓޭޖް އޮންނާނެ ކަމަށެވެ.

ގަލޮޅު ދަނޑުގައި ވެސް ގޯލާ ކައިރީގައި ސަޕޯޓަރުން ތިބޭ ކަމަށާއި އެ ގޮތަށް ތިބޭއިރު ހަޅޭލަވަންޏާ ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އަނެއްކޮޅުން، ގައްދޫގައި ސަޕޯޓަރުން ތިބެނީ ދަނޑާ ވަރަށް ކައިރީގައި ކަމަށްވާއިރު އެ އުނދަގޫ ބޮޑަށް ދިމާވާެނެ ކަމަށް ނަޒީހު ދެކެ އެވެ. 

"އެއީ ވަށައިގެން މި އޮންނައިރުގައި މި ތިބީ ވަރަށް ކައިރީގައި ފަސް ވަރަކަށް މީޓަރު ނޫނީ ހަތަރު ވަރަކަށް މީޓަރު ކައިރިގައި ސަޕޯޓަރުން މި ތިބެނީ، އޭގެ އެޑްވާންޓޭޖް ޔަގީނުން ވެސް އޮންނާނެ ގައްދޫ ޓީމަށް ހޯމްގައި ކުޅޭއިރު،" ނަޒީހު ކިޔައިދިނެވެ. 

ޓީސީ އަކީ މި ވަގުތު ވަރަށް ބޮޑުބައި ބަދަލުވެފައި އޮތް ޓީމެއް ނަމަަވެސް އެ ކްލަބްަގައި ތަޖުރިބާ ހުރި ކުޅުންތެރިން އެބަތިބި ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ޖުމްލަކޮށް ޓީސީ ސްކޮޑަށް ބަލާނަމަ ޒުވާން ކުޅުންތެރިންގެ ނިސްބަތް ވެސް ގިނަކަަމަށާއި އެހެންކަމުން، ސަޕޯޓަރުން ގިނަކޮށްގެން ލިބޭނެ ފައިދާއެއް ގައްދޫ އަށް އޮންނާެ ކަމަށެވެ. 

"އެހެންވީމަ، ގަލޮޅު ދަނޑަކު އެއް ނުލިބޭނެ، މިހާ ވަރަކަށް އަޑުގަދަކުރާ އަނެކައްޗެއް ނާންނާނެ ގަލޮޅު ދަނޑަކަށް އަދިއެއް. ދެން، ނޭނގެ އަޅުގަނޑަކަށް ކުރިއަށް އޮތް ސީޒަނުގައެއް މެޗުތަކުގައި ވާނެ ގޮތެއް، އަދި މި ފެންނަނީ 500، 600 މީހުން ދަނޑަށް ވަންނަތަން، ދެން، ބާކީ މި އޮތް ނުވަ ޓީމުގެ ކުޅުންތެރިން ނުލައި، އެ އަަދަދު ހަމަވިޔަސް އެއީ ވަރަށް ބޮޑު ވަރެއް. މިތާގައި އެ އެޑްވާންޓޭޖް އިންނާނެ ކަމަށް މި ބަލަނީ،" ނަޒީހު ބުންޏެވެ. 

ގައްދޫ ފުޓްބޯޅަ ދަނޑުގައި ޓީސީއާ ކުޅޭ މެޗު ފަށާނީ މިއަދު 15:30 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox