ދިއްދޫން ދިވެހި ފުޓްބޯޅައިގެ ބޮޑު ކްލަބްތަކާ ދެކޮޅަށް ވެސް ހިތްވަރު ދައްކާނެ: މުސްތަޓޭ

Sep 15, 2026, 8:31 PM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ދިއްދޫގެ ކޯޗު މުސްތަޓޭ.--- ފޮޓޯ: ޕީއެސްއެމް ނިއުސް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ދިއްދޫގެ ކޯޗު މުސްތަޓޭ.--- ފޮޓޯ: ޕީއެސްއެމް ނިއުސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރާ ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ރާއްޖޭގެ ބޮޑު ކްލަބްތަކާ ދެކޮޅަށް ވެސް ހިތްވަރު ދައްކައި، ތަފާތު ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، މޫސާ އިބްރާހިމް (މުސްތަޓޭ) ބުނެފި އެވެ.

ހއ. އަތޮޅުގެ ޗެމްޕިއަންކަމާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ގަދަ ހަތަރެއްގައި ހިމެނިގެން، ދިވެހި ޕްރިމިއާ ލީގަށް އައި ދިއްދޫން ލީގުގައި ކުޅުނު ފުރަތަމަ މެޗުން، މިދިޔަ އަހަރުގެ ލީގުގެ ހަތަރެއްގައި ނިންމި ބުރު ސްޕޯޓްސް ކްލަބް އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. 

ދިއްދޫން ލީގުގައި ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ، ލީގުގެ ފުރަތަމަ ހަފްތާގައި އެންމެ ބޮޑު މޮޅު ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ވިކްޓަރީން ވަނީ ފުރަތަމަ މެޗުގައި 5-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. 

ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސްތަޓޭ ބުނެފައިވަނީ، ދިއްދޫގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ގުޅިގެން ފުރަތަމަ މެޗުގައި ހޯދި ނަތީޖާ އަކީ ޔަގީނުން ވެސް ވިކްޓަރީ ފަދަ ތާރީހީ ކްލަބަކާ ދެކޮޅަށް ނުކުންނައިރު ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، ހާއްސަކޮށް ރަށުންބޭރުގައި ކުޅެގެން ބުރު އަތުން ތިން ޕޮއިންޓް ހޯދުން އެއީ ވަރަށް މުހިންމު ކަމަކަށްވާ ސަބަބަކީ، ލީގުގައި ކުރިއަށްދާން ލިބޭ ފުރުސަތު ބޮޑުވާތީކަން މުސްތަޓޭ ފާހަގަކުރި އެވެ. 

މުސްތަޓޭ ބުނީ، ވިކްޓަރީ  އަކީ އެންމެ ކުޑަ އިރުއްސުރެން އަޑުއަހާ، ދިވެހި ރާއްޖޭގެ އެތަކެއް ފުޓްބޯޅަ ކުޅުންތެރިންނެއް އުފައްދާފައި ތާރީހީ އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބެއް ކަމަށެވެ. އަދި، އެ ފަދަ ތާރީހީ ކްލަބަކާ ދެކޮޅަށް ދިއްދޫ ފަދަ ރަށެއް ނުކުންނައިރު ޔަގީނުން ވެސް ޕްރެޝަރުތަކެއް ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ..

"މިހާރު (ވިކްޓަރީގެ) ސްކޮޑު އެކުލަވާލައިފައި އޮތްގޮތުން، ރާއްޖޭގެ ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއް އެބަ ފެނޭ ސްކޮޑުގައި ދެން ހަަމަ މި ދާއިރާ އަށް މިހާ ހިސާބަށް އައުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް އެކި ގޮތްގޮތުން ވެދެއްވި ކޯޗެއް އެ ހުރީ ވިކްޓަރީގައި އެހެންވީމަ އަޅުގަނޑަށް ވެސް އެހާ ފަސޭހަ މެޗަކަށް ނޫން މި ނުކުންނަނީ، އެހެންވީމަ، އަޅުގަނޑުގެ ކޯޗިންގެ މިހާ ޅަފަތުގައި ހުންނާނެ ދޯ ޕްރެޝަރެއް،" މުސްތަޓޭ ބުންޏެވެ. 

"އެކަމަކު، ދޭން އޮތް ޔަގީންކަމަކީ ތަފާތު ފުޓްބޯޅައެއް މި މެޗުގައި ދައްކާނެއޭ، އަތޮޅުތެރޭގެ ކްލަބަކުން އައިސް ގަލޮޅު ދަނޑުގައި ފުރަތަމަ ޑިވިޝަން ތާރީހީ ކްލަބްތަކާ ދެކޮޅަށް ޖެހިލުމެއް ނެތި އެ ހިތްވަރު ދިއްދޫން ދައްކާނެއޭ، ނަތީޖާ އަކީ މެޗުގެ އޮއެވަރާއި ބަދަލާ އެކު ބަދަލުވެގެން އައިސްދާނެ އެއްޗެއް އެހެން ނަމަވެސް އަޅުގަނޑު ކުރިން ދުވަހު ދެންނެވިހެން ދިއްދޫ ހަމަ ލީގުގައި ތަފާތު ނަތީޖާތަކެއް، ތަފާތު ފުޓްބޯޅަ އެއް ދިވެހި ފުޓްބޯޅަ އަށް ދައްކާނެ،" 

ދިއްދޫ އަށް އޮތް އެންމެ ބޮޑު ޗެެލެންޖަކީ، ސްކޮޑުގެ 50 ޕަސެންޓަށް ވުރެން ވެސް ގިނަ ކުޅުންތެރިންނަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ވެފައި، ގަވާއިދުން ޕްރެކްޓިސް ކުރަން ހުރިހާ ކުޅުންތެރިން ލިބުމުގެ ދަތިކަމެވެ. ކޮންމެ ފަަހަރަކު ވެސް ޓީމު އެއްކޮށް ރަނގަޅު ޕްރެކްޓިހެއް ކުރެވެނީ މެޗުގެ ކުރީ ދުވަހު ކަމަށް ވިޔަސް ކޯޗިން ޓީމުން ޓެކްނިކަލީ ކުރަން ޖެހޭ ކަންކަން ފުރިހަމަ އަށް އަދާކުރާކަން މުސްތަޓޭ ފާހަގަކުރި އެވެ.

ވިކްޓަރީ ޓީމުގައި ދިއްދޫގެ ކައުންސިލް މުބާރާތުގައި ގިނަ އަހަރުތަކެއް ކުޅެފައި ތިބި ކުޅުންތެރިން ތިބުމުން، ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިން ކަންކަން ކުރާނެ ނޫނީ ހުނަރުގެ ބޭނުންކުރާ ގޮތް ކޮންމެ ވެސް ވަރަކަށް އެނގޭނެ ކަަމަށް މުސްތަޓޭ ވަނީ ބުނެފަ އެވެ. އެކަމަކު، ޖުމްލަކޮށް ވިކްޓަރީ ޓީމަށް ބަލާނަމަ، އެ ކްލަބްގެ ހައިބަތަކީ، ރަށެއްގެ ޓީމަކާ އަޅާކިޔާއިރު ބޮޑު ތަފާތެއް އޮތް ކަމެކެވެ. 

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ، އެ ޕްރެޝަރު ކުޑަވެގެންދޭ އަޅުގަނޑުމެން ކުރީ ދުވަހު ހޯދި ނަތީޖާއާ ހެދި، އެހެން ނަމަވެސް ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ބޮޑު ނަމެއް. މިސާލަކަށް ރެއާލް މެޑްރިޑާ ކުޅެން ދުނިޔޭ ކޮންމެ ޓީމެއް ވެސް އަދިވެސް ޖެހިލުންވާނެ، އެހެން ނަމަވެސް އަޅުގަނޑުމެން ސަޕޯޓަރުންގެ ހިތްވަރާއި ކުޅުންތެރިންގެ އަޒުމާ އެކު، ލީގުގައި ކުރިއަށް ދިއުމަށްޓަކައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ދެއްކެން ހުރި ހުރިހާ ޕާފޯމަންސެއް ދެއްކޭތޯ މަސައްކަތް ކުރާނަން،" އުންމީދާ އެކު މުސްތަޓޭ ބުންޏެވެ. 

ދިވެހި ޕްރިމިއާ ލީގުެގެ ކޮލިފިކޭޝަނަށް ފަހު، ދިއްދޫ ޓީމާ ދުރަށް ޖެހިލީ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަމަށް ވަގުތު ދިނުމަށް ކަމަށް މުސްތަޓޭ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، ހައެއްކަ އަހަރު ދިއްދޫ ކައުންސިލް ކަޕްގައި މަސައްކަތްކޮށް، މި ފަހަރުގެ ޕްރިމިއާ ލީގަށް އަންނަން އަތޮޅު ބުރުން ފެށިގެން ރީޖަން ލީގާއި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުރެވުނު މަސައްކަތްތަކާ އެކު ގަބޫލުކުރެވުނީ، ދިއްދޫ ޓީމާއި މެނޭޖްމަންޓާ އެކު ޕްރިމިއާ ލީގުގައި ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކަމަށެވެ. 

ގަލޮޅު ދަނޑުގައި ދިއްދޫ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox