ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 9) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން އެމެރިކާގެ ބެން ޝެލްޓަން އަތުން ބަލިވެ ކަޓައިފި އެވެ.
މި ފަހަރުގެ ޔޫއެސް އޯޕަން އަކީ 23 އަހަރުގެ އަލްކަރާޒް، ހަތަރު މަހަށް ފަހު ކުޅުނު ފުރަތަމަ މުބާރާތެވެ. އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ހެދި އަލްކަރާޒަށް މި ފަހަރުގެ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތް ގެއްލުނެވެ.
އެނބުރި އައިސް މި ފަހަރުގެ ޔޫއެސް އޯޕަންގައި ކުޅެ، ކުއާޓާ ފައިނަލާ ހަމައަށް ރަނގަޅު ފޯމެއްގަައި ދަތުރުކުރި ނަމަވެސް ޝެލްޓަން އަތުން ނާކާމިޔާބުވީ އެވެ. ހަތަރު ގަނޑިއިރާއި 28 މިނިޓަށް ދިގުދެމިގެންދިޔަ މެޗުން، ޝެލްޓަން އަތުން އަލްކަރާޒް ބަލިވީ 6-7 (5-7) 6-1 6-3 1-6 7-6 (10-7) އިންނެވެ.
މިއީ، މިހާތަނަށް ޝެލްޓަންގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބެވެ. މީގެ ކުރިން، ދުނިޔޭގެ ގަދަ ތިނެއްގައި ހިމެނޭ ކުޅުންތެރިންނާ ދެކޮޅަށް ޝެލްޓަން ކުޅުނު 17 މެޗުން ބަލިވިއިރު، އޭގެ ތެރޭގައި އަލްކަރާޒާ ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ހިމެނެ އެެވެ.
"މިއީ ހަނގުރާމައެއް ފަދަ މެޗެއް. ވަރަށް ފިޒިކަލްކޮށް މިދިޔައީ. ކާލޯސް (އަލްކަރާޒް) އަކީ މި ވަގުތު ވެސް ޓެނިހުގެ ވަރުގަދަ ޗެމްޕިއަނެއް، އުމުރުން 23 އަހަރުގައި ވެސް،" ޝެލްޓަން ބުންޏެވެ.
"ޔަގީނުން ވެސް މިއީ އަހަރެންގެ ކެރިއަރުގައި ކުރިމަތިވި އެންމެ އާދަޔާހިލާފު މެޗު،"
ޝެލްޓަންގެ މި ކާމިޔާބީއާ އެކު، 23 އަހަރު ތެރޭ ޔޫއެސް އޯޕަންގައި ފުރަތަމަ ފަހަރަށް އެމެރިކާ އަށް ނިސްބަތްވާ ކުޅުންތެރިއަކު ތަށި ހޯދުމުގެ ފުރުސަތު މި ވަނީ ބޮޑުވެފަ އެވެ. އެންމެ ފަހުން، 2003 ވަނަ އަހަރު އެމެރިކާގެ އެންޑީ ރޮޑިކް، ޔޫއެސް އޯޕަން ތަށި ހޯދިއިރު، ޝެލްޓަން އަށް އެއް އަހަރު ވެސް ނުފުރެ އެވެ.
ސެމީ ފައިނަލުގައި ޝެލްޓަން ކުޅެން ޖެހެނީ، އެމެރިކާގެ ފްރާންސެސް ޓިއާފޯއާ އެވެ. މާނަ އަކީ ޔަގީނުން ވެސް މި ފަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލުގައި އެމެރިކާ ކުޅުންތެރިއަކު ފެނިގެންދާނެ އެވެ.












