ޓްރަމްޕްގެ ތަސްވީރާއެކު އެމެރިކާއިން ހާއްސަ ފައިސާ ފޮއްޗެއް ނެރެފި

Sep 3, 2026, 7:35 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގައި ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ހިމަނައިގެން ފައިސާ ފޮއްޗެއް ނެރެފި އެވެ. 

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ލިބަޓީ" އާއި "އިން ގޯޑް ވީ ޓްރަސްޓް" މި އިބާރާތްތަކާއެކު ޓްރަމްޕްގެ ތަސްވީރު ހިމެނޭ އެއް ޑޮލަރުގެ ފައިސާ ފޮތި، އެމެރިކާގެ ފައިސާ އުފައްދާ އިދާރާ ކަމަށްވާ ޔޫއެސް މިންޓުން ބުދަ ދުވަހު ވަނީ ނެރެފަ އެވެ.

ޔޫއެސް މިންޓުން ބުނި ގޮތުގައި، މި ފައިސާ ފޮއްޗަކީ އެމެރިކާގެ ފާހަގަކޮށްލެވޭ މުނާސަބަތަކާ ގުޅިގެން، ގައުމުގެ ރޫހާއި ފަހުރުވެރިކަން އަދި ތަރިކަ ރަމްޒުކޮށްދޭ ފައިސާ ފޮއްޗެކެވެ.

މި ފައިސާ ފޮތިތައް ވިއްކަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޔޫއެސް މިންޓްގެ ވެބްސައިޓުން ވަނީ ހުސްވެފަ އެވެ. މި ފައިސާ ފޮތިތައް ވިއްކާފައިވަނީ 25 ފޮތީގެ ރޯލެއް 61 ޑޮލަރަށް އަދި 100 ފޮތީގެ ކޮތަޅެއް 154.50 ޑޮލަރަށެވެ. 

ޔޫއެސް މިންޓުން ހާމަކުރި ގޮތުގައި މިއީ ޖީލަކުން އެއްފަހަރު ފެންނަ ފަދަ ފަރުމާއެއް ކަމަށާއި، މިއީ ފައިސާ އެއްކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން، ވޮޝިންޓަން ޑީސީގައި ހުންނަ ޔޫއެސް މިންޓްގެ ފިހާރައިގައި ހުރި ވެންޑިން މެޝިންތަކުން ވެސް މި ފައިސާ ފޮތިތައް މިހާރު ލިބެން ހުންނާނެ އެވެ.

މި ފައިސާ ފޮތިތަކުގެ ކުލަ ރަންކުލައިގައި ހުރި ނަމަވެސް، މީގައި އެއްވެސް ވަރަކަށް ރަން ހިމެނިފައެއް ނުވެ އެވެ. ޔޫއެސް މިންޓުން ބުނި ގޮތުގައި މި ފައިސާ ފޮތީގެ 88.5 އިންސައްތައަކީ ކޮޕަރެވެ. އަދި ބާކީ ބައިގައި ހިމެނެނީ ޒިންކާއި، މެންގަނީޒްގެ އިތުރުން ނިކަލް އެވެ.

މީގެ ކުރިން މެއި މަހުގެ ތެރޭގައި، ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ރައީސް ޓްރަމްޕްގެ ތަސްވީރު ހިމެނޭ 250 ޑޮލަރުގެ ނޫޓެއް ނެރުމަށް އެ މިނިސްޓްރީން ރާވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ފެޑަރަލް ގާނޫނުތައް ބުނާގޮތުން، ދުނިޔޭގައި ހުރި މީހެއްގެ ތަސްވީރު އެ ގައުމުގެ ފައިސާގައި ޖެހުމަކީ މަނާކަމެކެވެ. ކޮންގްރެސްގައި ތިއްބެވި ޓްރަމްޕްގެ އެކުވެރި މެންބަރުން ވަނީ މިކަމަށް އިސްތިސްނާއެއް ހޯދުމަށް ބިލެއް ހުށަހަޅާ ފައެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް މިހާރު އޮތީ މަޑުޖެހިފަ އެވެ.

އެ ދުވަސްވަރު ބެސެންޓް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ވެސް ދުނިޔޭގައި ހުންނެވި އެމެރިކާގެ ރައީސެއްގެ ތަސްވީރު އެ ގައުމުގެ ފައިސާގައި ހިމަނާފައިވެ އެވެ.

އެގޮތުން 1926 ވަނަ އަހަރު، އެމެރިކާގެ މިނިވަންކަމަށް 150 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު ބައި ޑޮލަރުގެ ފައިސާ ފޮއްޗެއްގައި އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ތަސްވީރު ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox