ޗެލްސީ ކުރިއަށް، ފެނާންޑޭސްގެ ހެޓްރިކުން ޔުނައިޓެޑަށް މޮޅެއް

Aug 30, 2026, 11:44 PM
އިޕްސްވިޗް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ.

އިޕްސްވިޗް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 30) - އިނގިރޭސި ޕްރިމިއާ ލީގުގަައި މިރޭ ޗެލްސީން 4-3 އިން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން ކައިރިން ކުރިހޯދައި މި ފަހަރު ލީގުގައި ދެ ވަނަ މޮޅު ހޯދިއިރު، ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާ އެކު 5-2 އިން އިޕްސްވިޗް ޓައުންގެ މައްޗަށް ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި މި ފަހަރު ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ. 

ޗެލްސީން ފުރަތަމަ މެޗުގައި ފުލަމް އަތުން ރަށުންބޭރުގައި މޮޅުވިއިރު، މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ވަރަށް ކުރިން ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ ހަތަރު ވަަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ރޮމެއޯ ލަވިއާ އެވެ. މިއީ، ޗެލްސީ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. އޭގެ 10 މިނިޓް ފަހުން، މޯގަން ރޮޖާސް ނަގައިިދިން ހުރަހަކަށް އަރައި ޕެޑްރޯ ނެޓޯ ވަނީ ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ. 

މެޗުގައި ޗެލްސީ އަށް ތިން ވަނަ ލަނޑެއް ޖަހައިދިނީ، ޖޮރެލް ހަޓޯ، ކައުންޓަ އެޓޭކުގައި އަރައި ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ޖޮއާއޯ ޕެޑްރޯ މި ލަނޑު ޖެހުމުގެ ކުރިން އޭނާ އަތުން ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތެއް ވަނީ ގެއްލިފަ އެވެ. 

ތިން ގޯލުގެ ލީޑެއް ނަގައި ޗެލްސީ އަށް ހަމަޖެހި ނުލެވެނިސް ބްރައިޓަން އިން ލަނޑެއް ޖަހައި އުންމީދެއް ހޯދި އެވެ. މިއީ، ޗެލްސީ އަށް ބަދަލުވުމަށްފަހު ފުރަތަމަ މެޗުގައި ކުޅުނު އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފައި ނުކުތް ރީބައުންސަކުން ބްރައިޓަންގެ މަލިކް ޔަލްކޫޔޭ ޖެހި ގޯލެކެވެ. 

ދެ ވަަނަ ހާފުގައި ކުޅުން ރަނގަޅުކުރި ބްރައިޓަން އިން 63 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖަހައި، އެއް ގޯލަށް ފަރަގު ކުޑަކުރި އެވެ. މިއީ، ބްރައިޓަންގެ ޕަސްކާލް ގްރޮސް ނެގި ހުރަހެއް ހުއްޓުވަން އުޅުމުގެ ތެެރޭގައި ޖޮއާއޯ ޕެޑްރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 74 ވަނަ މިނިޓްގައި ޖޮއާއޯ ޕެޑްރޯ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކޯލް ޕާމާ ވަނީ ޗެލްސީ އަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. 

ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖޮއާއޯ ޕެޑްރޯ އުފާފާޅުކުރަނީ: މި މެޗުގައި އޭނާ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވޭ.
ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖޮއާއޯ ޕެޑްރޯ އުފާފާޅުކުރަނީ: މި މެޗުގައި އޭނާ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވޭ.

އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ޗެލްސީ އޭރިއާތެރެއިން ހުސްކޮށް ހުރެ ބޮލުން ޖަހައި، ގްރޮސް ވަނީ ބްރައިޓަން އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަަ އެވެ. 

ކުރިން ބަޔާ ލެވަކޫސަނާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ޒަބީ އަލޮންސޯ ހަވާލުވި ފަހުން ޗެލްސީން މި ވަނީ ލީގުގެ ދެ މެޗާއި ލީގު ކަޕް މެޗުން ވެސް މޮޅުވެފަ އެވެ. އަލޮންސޯ އަކީ 2021 ވަނަ އަހަރު ޗެލްސީ އަށް ކޯޗުކޮށްދިން މިހާރު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އަށް ފަހު ފުރަތަމަ ދެ ލީގު މެޗުން މޮޅުވި ފުރަތަަމަ ކޯޗެވެ. 

އަލަށް ޕްރޮމޯޓްވި ހަލް ސިޓީ އަތުން މިދިޔަ ހަފްތާގައި ބަލިވި ޔުނައިޓެޑް ކޮޅަށް މި ފަހަރު ޕްރޮމޯޓްވި އިޕްސްވިޗް ވެސް ވަނީ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މިއީ، މެޗުގެ 29 ވަނަ މިނިޓްގައި އިޕްސްވިޗްގެ އަބްދުލް ފަތާވޫ ނަގައިިދިން ހުރަހަކުން ލެއިފް ޑޭވިސް ޖެހި ގޯލެކެވެ. މި ލަނޑު ޖެހުމުގެ ކުރިން އިޕްސްވިޗްގެ ހޫލިއޯ އެންސީސޯ ޖެހި ޝޮޓެއް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް 40 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ މަޓެއުސް ކޫންޏާ ދިން ބޯޅައަކުން ފެނާންޑޭސް އެވެ. ޔުނައިޓެޑުން ލީޑުނެގީ މެޗުގެ 56 ވަނަ މިނިޓްގައި އިޕްސްވިޗްގެ ޖެކަބް ގްރީވްސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި ލަނޑު ޖެހުމަށް ޔުނައިޓެޑްގެ ހެރީ މެގުއާ ބޯޅަ ކޮންޓްރޯލް ކުރިއިރު، އަތުގައި ބޯޅަ ޖެހުނު ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، މެގުއާ ޖެހި ބޯޅަ ދިޔައީ ބޭރަށް ކަމަށްވާއިރު، އެ ބޯޅަ ގޯލަށް ވަނީ ގްރީވްސް ފަައިގައި ޖެހިފައި ކަމަށް ބަލައި، ގޯލު ބަލައިގަންނަން ވީއޭއާރް އިން ނިންމީ އެވެ. 

ޔުނައިޓެޑުން ލީޑުފުޅާކުރީ 61 ވަނަ މިނިޓްގައި ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މިއީ، ކޫންޏާ އަށް ގްރީވްސް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ ހަތް މިނިޓް ފަހުން، ފެނާންޑޭސް ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަަކޮށްފަ އެވެ. ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ މި ހަފްތާގައި ލިބުނު ފެނާންޑޭސް ވަނީ މީގެ ފަސް އަހަރު ކުރިން ވެސް އާ ސީޒަނުގައި ލީގުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ލީޑްސް ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. 

މެޗުގެ 82 ވަނަ މިނިޓްގައި ފެނާންޑޭސް ދިން ބޯޅައަކުން ޔުނައިޓެޑްގެ ފަސް ވަނަ ލަނޑު ޖެހީ ބްރަޔަން އެމްބެއުމޯ އެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، އިޕްސްވިޗުން ވަނީ މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މިއީ، އެންސީސޯ ދިން ބޯޅައަކުން ޗޫބާ އަކްޕޮމް ޖެހި ލަނޑެވެ. 

ލީގުގައި މިރޭ ފުލަމް އަތުން ސަންޑަލެންޑް 1-0 އިން މޮޅުވީ، 75 ވަނަ މިނިޓްގައި ވިލްސަން އިސިޑޯ ޖެހި ގޯލުންނެވެ. ކެވިން ޝާޑާގެ ލަނޑުން ބްރެންޓްފޯޑުން ލީޑުނެގި މެޗުގައި ޑޮމިނިކް ކަލްވެޓް ލެވިން ވަނީ ލަނޑު ޖަހައި، ލީޑްސް އަށް 1-1 އިން އެއްވަރުކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox