ޗާކީ އާއި ހާލަންޑްގެ ލަނޑުތަކާ އެކު ޕެލަސް އަތުން ސިޓީ އަށް މޮޅެއް

Aug 29, 2026, 1:54 AM
ޕެލަސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ ޗާކީ އުފާފާޅުކުރަނީ.

ޕެލަސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ ޗާކީ އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަޔާން ޗާކީ އާއި އާލިން ބްރައުޓް ހާލަންޑްގެ ލަނޑުތަކާ އެކު 4-1 އިން މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެ އެވެ. 

ދިހަ އަހަރަށް ފަހު ޕެޕް ގާޑިއޯލާ، ސިޓީގެ ކޯޗުކަން ދޫކޮށްލުމުން އެ މަގާމާ ހަވާލުވި އެންޒޯ މަރެސްކާ ފުރަތަަމަ އިރުޝާދުދިން ރަސްމީ މެޗުން އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އާސެނަލް އަތުން ބަލިވި ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ސިޓީން ކުޅުނު ދެ މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި، ފަހު ވަގުތު 2-1 އިން ބޯންމައުތު އަތުން މޮޅުވި އެވެ. 

ޕެލަސްގެ ސެލްހަސްޓް ޕާކުގައި ކުޅުނު މެޗުގައި، ސިޓީގެ ފޯވާޑް، ހާލަންޑް ވަނީ 17 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދީފަ އެވެ. މިއީ، ސިޓީގެ އަންޓުއާން ސެމެންޔޯ ނެގި ހުރަހަކަށް ފުންމައިގެން އަރައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ހާލަންޑް ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ލީގުގައި ހާލަންޑް ޖެހި ފުރަތަމަ ލަނޑެވެ. 

Advertisement

ސިޓީގެ އެލިއަޓް އެންޑަސަން ޖެހި ބޯޅައެއް ޕެލަސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ފިލް ފޯޑެން އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އެންޑަސަން ދިން ބޯޅައަކުން އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ފޯޑެން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، ސިޓީގެ  ޗާކީ ނެގި ހުަރަހަކަށް އަރައި ފޯޑެން އަށް ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ. 

ޕެލަސް ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީގެ ހާލަންޑް އުފާފާޅުކުރަނީ.
ޕެލަސް ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީގެ ހާލަންޑް އުފާފާޅުކުރަނީ.

ޕެލަސް އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ނޯވޭ ފޯވާޑް، ޖޯގެން ސްޓްރޭންޑް ލާސަން ބޮލުން ފޮނުވާލި ބޯޅައެއް ދަނޑިކައިރިން ދިޔައިރު، އެ ޓީމުގެ ފުލްބެކް، ޓައިރިކް މިޓްޗެލް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ސިޓީން ދެ ވަނަ ލަނޑު ޖެހި އެވެ. ސިޓީ އަށް ލީޑުފުޅާކޮށްދިން ލަނޑު ޖެހީ ފޯޑެން ދިން ބޯޅައަކުން ޗާކީ އެވެ. ޕެލަސްގެ އޭރިއާތެރެއިން ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ޗާކީ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ސިޓީން ލީޑުފުޅާކުރިތާ ދެ މިނިޓެއްހާއިރު ފަހުން ޕެލަސް އިން ލަނޑެއް ޖަހައި ފަރަގުކުޑަކުރި އެވެ. މިއީ، ޕެލަސްގެ ސްޕެއިން މިޑްފީލްޑަރު، ޔެރެމީ ޕީނޯ ފޮނުވާލި ހިލޭ ޖެހުމަކުން ގޯލުގެ ދަނޑީގައި ޖެހިފައި ސިޓީގެ ކީޕަރު، ޖިއަންލުއިޖީ ޑޮނަރުންމާ ގައިގައި ޖެހިފައި ވަން ގޯލެކެވެ. 

ޕެލަސް އިން އުންމީދެއް ހޯދައިގެން ރަނގަޅަށް އެޓޭކަށް ޖެހިނުލެވެނީސް ސިޓީން ވަނީ ތިން ވަނަ ލަނޑެއް ޖަހައި، އަނެއްކާ ވެސް ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޗާކީ އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުވެފަ އެވެ. 

މެޗުގެ 85 ވަނަ މިނިޓްގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ހާލަންޑް އެވެ. މިއީ، ޕެލަސްގެ ތިން ޑިފެންޑަރުން ކައިރިން ހުސްކޮށްލާފައި ފޯޑެން ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ. 

ޕެލަސް އިން މި ވަނީ އާ ކޯޗު ޕިއޭ ސާޖްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox