ސްޓޭޓް އޮފް ދަ އާޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ރިސާޗްކުރެވޭ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ވިދާޅުވީ އެ އިމާރާތުގައި ސިވިލް އިންޖިނިއަރުންނާއި، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އެރަނޮޓިކަލް އިންޖިނިއަރިން، ރޮބޮޓިކްސް، އޭއި، ޑިޖިޓަލް އިންޖިނިއަރިންގެ އިތުރުން އެކިއެކި އިންޖިނިއަރިން ދާއިރާތަކުން އެކްސްޕެރިމަންޓާއި ރިސާޗް ހަދަން ފުރުސަތު ލިބޭނެ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކި ކަހަލަ ރިސާޗްތައް ކުރެވޭ ސްޓޭޓް އޮފް ދަ އާޓް އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގަސްތުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާން އަދި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ރާއްޖެއިން ބޭރުންވެސް ރާއްޖެ އައިސް ތަހުލީލުތައް ހަދަން ބޭނުންވާ މީހުންނަށް އެ އިމާރާތް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި އިމާރާތް އެޅުމަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަށް ދެމެހެއްޓިނިވި ގޮތެއްގައި ކަމަށެވެ.

އިންޖިނިއަރިން ދުވަހާ ގުޅިގެން މުއިއްޒު ވަނީ މިއަދު ޗައިނާ މޯލްޑިވްސް އެވަލާސްޓިން ފްރެންޑްޝިޕް ޕާކަށް ޒިޔާރަތް ކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހު 30، އަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި މުއިއްޒު ހަމަޖެއްސެވީ މިދިޔަ އަހަރުގަ އެވެ. އެމަނިކުފާނު އެ ދުވަސް ކަނޑައެޅުއްވީ ސިނަމާލެ ބްރިޖް އިފްތިތާހުކުރެއްވި ދުވަހަކީ އޮގަސްޓް 30، ކަމުގައި ވާތީ އެވެ.













