"އަމަލާއި ބަހާ ސީދާ މި ޒައާމަތު ދެކިލާނީ" – މިއީ ރައީސް މުހައްމަދު މުއިއްޒުގެ ޝަހުސިއްޔަތާއި ވެރިކަމުގެ އުސޫލުތަކަށް ތައުރީފުކޮށް، އެކަން ރައްޔިތުންގެ ހިތުގައި ބިންވަޅު ނެގުމަށް ސަރުކާރު ހިންގާ ޕީއެންސީން ގެންގުޅޭ މައިގަނޑު އެއް މެސެޖެވެ. މިކަމަށް ތައުރީފުގެ ލަވަތައް ހަދައި ޖަހަމުންދާއިރު، ދެއްކެވި ރީތި އެ ތަސްވީރާއި، އަމަލު އަދި ސިޔާސަތު ދިމާވޭ ހެއްޔެވެ؟
މި ލިޔުމުގައި ފާހަގަކޮށްލަން ބޭނުންވަނީ އެފަދަ ސާފު އެންމެ މިސާލަކަށެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ދެއްކެވީ ދިވެހި ތާރީހުގައި ވެސް އިވިގެންދިޔަ އެންމެ އުއްމީދީ އެއް ވާހަކައެވެ.
"[ޓޫރިޒަމް] ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވީއިރު ވެސް، މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި އެންމެ ލާރިއެއްވެސް ލިބޭނެ އެއްވެސް މަގެއް، އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައެއް ނެތް. އެކަމަކު ހަގީގަތުގައި މި ސިނާއަތަކީ ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތު. މިއީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ރަށްތައް ފަދަ ގުދުރަތީ އެސެޓްތައް، ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުންކުރަމުންދާ، އަދި މަދު ހާލަތެއްގައި މެނުވީ، އިއާދަ ނުކުރެވޭނޭ ބޮޑު ބަދަލުތަކެއް، އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތް. އެހެންކަމުން، އަޅުގަނޑު ދެކެނީ މި ގުދުރަތީ އެސެޓްތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ސީދާ އާމްދަނީއެއް ލިބޭނޭ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެންދިޔުމަކީ، އެންމެ އަދުލުވެރި ގޮތް ކަމުގައި،" ފެބްރުއަރީ 5، 2026 ގައި ބޭއްވި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ބައި ގަރުނީ ތާރީހުގައި ރައްޔިތުންގެ ޖީބަށް ސީދާ މާލީ މަންފާއެއް ލިބިފައިނުވާކަން ފާހަގަކުރެއްވުމަށް ފަހު، އެކަން ބަދަލުކޮށްލުމަށް މުއިއްޒުގެ ތަސައްވުރެއް ހުށަހެޅުއްވި އެވެ. އެއީ، ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުތެރޭގައި 10 ރިޒޯޓު ތަރައްގީކޮށް، 2030 އިން ފެށިގެން ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމެވެ.
ނަމަވެސް، އެ އުއްމީދީ ވައުދަށް ހަތް މަސް ވީއިރު ފެންނަމުން މިދަނީ އެ ސިޔާސަތާ މުޅިން އިދިކީލި، އާންމު ރައްޔިތުންގެ މަސްލަހަތު ނަގާލުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
އާންމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ސީދާގޮތެއްގައި ހޯދައިދިނުމުގެ މަގުސަދުގައި 2006 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކީ 53 ޕަސެންޓު އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ނަމަވެސް، އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބެމުންދާ ގދ. މަގުއްދުވާ (އަޔާޑާ ރިސޯޓު) ގެ ހެޑްލީސް، އެ ރިސޯޓު ހިންގާ ތުރުކީ ކުންފުންޏަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އަޔާޑާ ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރަން އެމްޓީޑީސީގެ އިތުރު ހިއްސާ ވިއްކަނީ
ސަރުކާރުގެ އަތުގައި އޮންނަނީ އެމްޓީޑީސީގެ 47 ޕަސެންޓު ހިއްސާ އެވެ. ބާކީ 53 ޕަސެންޓު ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ.
އެމްޓީޑީސީ އާއި ތުރުކީ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ 2031 އަށެވެ. މިއީ އެމްޓީޑީސީއަށް އެ ރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާ އަހަރު ވެސް މެ އެވެ. ތުރުކީ ކުންފުނިން ބޭނުންވަނީ މި މުއްދަތު ހަމަނުވަނީސް އެ ކުންފުނީގެ ނަމަށް ހެޑްލީސް ބަދަލުކުރާށެވެ. މާނައަކީ މުއިއްޒުގެ ވެރިކަމުގެ ދައުރު 2028 ގައި ހަމަވުމުގެ ކުރިން އެ މުއާމަލާތް ނިންމުމެވެ.
އެއްބަސްވުމުގައިވާ ގޮތުން ބާކީ އޮތް މުއްދަތުގައި 20 މިލިއަން ޑޮލަރުގެ ކުލި އެމްޓީޑީސީއަށް ލިބެން އޮއްވައި، ނުއަގުގައި ރަށް ދޫކޮށްލުމަކީ އާންމު ހިއްސާދާރުންނަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. މުއިއްޒުގެ ސިޔާސަތަކީ ދިވެހިން ރިސޯޓު އޯނަރުންނަށް ހެދުން ކަމަށް ވާނަމަ 2031 ގެ ފަހުން ވެސް މި ރިސޯޓު އެމްޓީޑީސީގެ ރަށެއްގެ ގޮތުގައި ބޭއްވުން މުހިންމެވެ.
ނަމަވެސް، އަޔާޑާއިން ބޭނުންވާ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ގޮތުން، ކުންފުނީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމަށްޓަކައި "ރައިޓްސް އިޝޫ" އަކަށް ގޮސް އިތުރު ހިއްސާ ވިއްކުމަށް ބޯޑުން ވަނީ ނިންމައިފަ އެވެ.
މި ނިންމުމާ ގުޅިގެން، ސަރުކާރުގެ ކޮންޓްރޯލް އޮންނަ މެނޭޖުމަންޓުން އާންމު ހިއްސާދާރުންގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ބުނެ، ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާ ދެއްވުމުން، މިއީ ހަމައެކަނި އަޑުފެތުރިފައިވާ ވާހަކަތަކެއް ނޫންކަން ވަނީ ކަށަވަރުވެފަ އެވެ.
"މިގޮތަށް ހިއްސަ ވިއްކުމުން ގިނަ ހިއްސާތަކަށް ސަރުކާރުން ގަންނާނެ. ފައިސާގެ ބަދަލުގައި އަނެއްކާ ވެސް ދޭނީ ފަޅުރަށެއް. އޭރުން ކުންފުނީގައި އޮތް ރައްޔިތުންގެ ބޭރު ގެއްލުނީ. އާމްދަނީ ވެސް ގެއްލުނީ،" މި މުއާމަލާތުގެ މައުލޫމާތު އެނގޭ އިތުބާރު ކުރެވެ މަސްދަރަކުން ބުންޏެވެ.
އެމްޓީޑީސީގެ މެނޭޖުމަންޓުން އޮޅުވާލާ ކަމަށް ބުނެ ބޯޑުން އަސާމީ އިސްތިއުފާ ދީފި
އެމްޓީޑީސީގެ މެނޭޖުމަންޓުން ބޯޑުގެ ނިންމުންތަކާ ޚިލާފަށް އަމަލުކޮށް، އާންމު ހިއްސާދާރުންގެ މަސްލަހަތު ގެއްލޭ ފަދަ ނިންމުންތައް ނިންމާ ކަމަށް ބުނެ އެ ކުންފުނީގެ ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އަޔާޑާ ރިސޯޓުގެ މައްސަލައާއި ކުންފުނީގެ ހިއްސާ އިތުރުކުރުމުގެ ނިންމުމުގައި މެނޭޖުމަންޓުން ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހުއެވެ.
އެއްކޮޅުން ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ހުރިހާ ރައްޔިތުން "ރިސޯޓު އޯނަރުންނަށް" ހަދައިދީ، އެ ހިއްސާގެ ފައިދާ ޑޮލަރުން ޖަމާކޮށްދޭނެ ކަމުގެ އުއްމީދީ ވައުދުތައް ވަމުންދާއިރު، އަނެއްކޮޅުން އާންމު ރައްޔިތުންގެ ހިއްސާ އޮތް ހަމައެކަނި ފަތުރުވެރިކަމުގެ ކުންފުނީގެ އެސެޓްތައް އަގުހެޔޮކޮށް ވިއްކާލައި، ރައްޔިތުންގެ ބާރުވެރިކަން ކުޑަކުރަން މަސައްކަތްކުރުމަކީ ސަރުކާރުގެ ނުބައި ނިޔަތާއި ސިޔާސަތުގައި ހުރި ފުށުއެރުންކަން ހާމަވެ އެވެ.
މީގެ ހަތަރު އަހަރު ފަހުން، 2030 ގައި ލިބޭނެ ކަމަށް ބުނާ 400 ޑޮލަރުގެ ހުވަފެނަށްވުރެ، މިއަދު އާންމު ރައްޔިތުންގެ އަތުގައި އޮތް އެމްޓީޑީސީގެ ހިއްސާގެ ހައްގުތައް ހިމާޔަތްކުރުން ސަރުކާރަށް މުހިންމު ނުވާކަން މި ކަންކަމުން ސާފުވެގެންދެ އެވެ. އަދި "ދިވެހީންގެ ރާއްޖެ" ޝިއާރުގައި ކެމްޕޭނުކޮށް ވެރިކަން ހޯދި މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަން މިކަމުން ވެސް އެނގެ އެވެ. މި މުއާމަލާތުން އެނގިގެންދާ އަނެއް ކަމަކީ، އެމަނިކުފާނުގެ ކޮންމެ ތަގުރީރެއްގައި ފާހަގަކުރައްވާ ދިވެހިންނަށް އިސްކަން ދިނުމުގެ "ހަގީގީ މާނަ"އިގައި ވެސް ހަގީގަތެއް ނެތް ކަމެވެ.
އެހެންވެ، "އަމަލާއި ބަހާ ސީދާ މި ޒައާމަތު"ގެ ނަމުގައި ރައްޔިތުންނަށް ދެއްކި ރީތި ތަސްވީރާއި، އަމަލުން ފެންނަ ހަގީގަތާ ދެމެދު މިއޮތީ އިންތިހާ ބޮޑު ފަރަގެކެވެ.












