ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބޭ ބިލު މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވި ވެރިކަންކުރާ ޕީއެންސީގެ 47 މެންބަރުންގެ ސޮއިއާއެކު އެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައި މިވަނީ އެ ބިލު ފާސްނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއި އެ ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން ހުށަހެޅި ދެ ޕެޓިޝަނަށް ވެސް ރިއާޔަތްނުކޮށެވެ.

ޕެޓިޝަނަށް ރިއާޔަތްނުކޮށް ބިންތައް އަތުލެވޭ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި

ކައުންސިލްތަކުގެ އިހުތިސޯސުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު، އެކަމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ރިއާޔަތްނުކޮށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި. މި ބިލު ފާސްކުރީ ބިމުގައި އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ ބަދަލުދޭ ގޮތަށް އިސްލާހު ގެނައުމަށްފަހު.

އޭގެ އިތުރުން، ރަށެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތަކަށް ބަދަލުގެންނަން މައި ސަރުކާރުން ނިންމާނަމަ، އެ ރަށެއްގެ ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުވާ ގޮތަށް އެ ބިލަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ވެސް މަޖިލީހުން ރިއާޔަތްކޮށްފައެއް ނުވެ އެވެ.

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ގާނޫނު އިސްލާހުކުރިއިރު، އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ އެއްވެސް ރަށެއްގެ ކައުންސިލުން އެ ރަށެއްގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް ނާޅާނެ ކަަމަށެވެ. އަދި، އެފަދަ ކަމެއް ހިންގާނަމަ އެ ކައުންސިލެއްގެ ނަން ހާމަކުރަން އެ މެންބަރުން ގޮވައިލެއްވި އެވެ.

ބިންތައް ސަރުކާރަށް ނަގާ ބިލު ފާސްކުރަންޖެހޭ ސަބަބެއް ޕީއެންސީއަށް ނުދެއްކުނު، ދިފާއުގައި މުޅީން ވެސް "ވެދާނެ ކޮށްފާނެ"!

ކައުންސިލްތަކުގެ އިހުތިސޯސުގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ބަދަލުކުރަން ހުށަހެޅި ނަމަވެސް، އެފަދަ ނިންމުމެއް ނިންމަންޖެހޭ ސަބަބެއް ނުވަތަ ކައުންސިލަކުން މަޝްރޫއަކަށް ހުރަސްއެޅި މިސާލެއް ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގައި ދެއްކިފައެއް ނުވެއެވެ.

ނަމަވެސް، ދިފާއުގައި އެއްވެސް މިސާލެއް ދައްކަން ޕީއެންސީގެ މެންބަރުން ވަނީ ނުކުޅެދިފަ އެވެ.

އެ މައުލޫގައި ޕީއެންސީގެ މެންބަރުންގެ ތެރެއިން ހަމައެކަނި ވާހަކަދެއްކެވީ ވެސް އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އެވެ. އޭނާ ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅަން ޖެހުނީ ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ރަށެއްގައި އޮންނަ ކައުންސިލުން ހުރަސްއަޅާ ހާލަތު މެދުވެރިވާތީ ކަމަށެވެ. ނަމަވެސް، އޭގެ އެއްވެސް މިސާލެއް އޭނާއަކަށް ނުދެއްކެވުނެވެ.

"މިސާލަކަށް ރަށެއްގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރަން އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވެއްޖެއްޔާ، އެ ކައުންސިލަކީ ސަރުކާރާ އެއްކޮށް ބަޔަކަށް ނުވާކަމަށްވަންޏާމުން ބިން ނުދީ ހިފަހައްޓާލަފާނެ، ދެން ހަމަ އެ ރަށުގެ ޒުވާނުން އުޅެދާނެ ފުޓުބޯޅަ ކުޅެވޭނެ ގޮތެއް ނެތިގެން އެ ތަންތަން ގާއިމުކުރެވޭނެ ގޮތެއް ނެތިގެން،" ފަލާހު ވިދާޅުވި އެވެ.

"މި ކަންކަން ވަރަށް ގިނަ ފަހަރަށް ހިނގަމުން އެބަދޭ."

ފަލާހު އެހެން ވިދާޅުވި ނަމަވެސް، ސަރުކާރުން ހިންގަން ބޭނުންވާ އެއްވެސް ތަރައްގީގެ މަޝްރޫއުއަކަށް އެއްވެސް ރަށެއްގެ ކައުންސިލުން މިހައިތަނަށް ދެކޮޅު ހަދައިފައެއް ނުވެ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރި ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމާއި ރާއްޖޭގެ ހުރިހާ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު، ބިންގާ އެޅުއްވި ހޮސްޕިޓަލްތަކާއި ޕޮލިސް ސްޓޭޝަންތަކުގެ އިތުރުން، ޖިމް އަދި ޕާކުތަކުގެ އެއްވެސް މަޝްރޫއުއަކަށް ކައުންސިލްތަކުން ދެކޮޅު ހަދައިފައެއް ނުވެ އެވެ.

އަދި، ރާއްޖޭގެ 123 ރަށެއްގައި ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ހިންގަން 53 ކުންފުންޏަކާ ހަވާލުކުރި މަޝްރޫއުތަކަށް ވެސް ބިން ހަމަޖައްސައިދޭން ކައުންސިލްތަކުން ދެކޮޅު ހަދައިފައެއް ނުވެ އެވެ.

އެ މަޝްރޫއުތަކުގެ ބިންގާ އެޅުމަށްފަހު، މަސައްކަތް ކުރިއަށް ނުގެންދާތީ އާންމުން ގެންދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލާމަރުކަޒީ ގާނޫނު ބަދަލުކުރަނީ ރަށްތަކުގެ ބިންތައް ވިއްކާލަން: ޔާމީން

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އުޅެނީ ރަށްރަށުގެ ބިންތައް ނުއަގުގައި ވިއްކާލުމަށް ކަމަށް ކުރީގެ ރައީސް ޔާމީން ތުހުމަތު ކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މާލެއާއި ހުޅުމާލޭގެ ބިންތައް ވިއްކާލި އުސޫލުން ހިންގަން އުޅޭ ވައްކަމެއް ކަމަށާއި، އުސޫލާ ހިލާފަށް ދޫކޮށްފައިވާ ބިންތައް އަތުލައްވާނެ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ. 

މި ބަދަލުތަކާ ދެކޮޅު ހަދާ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މި ބިލަށް ނަން ދީފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox